ޚަބަރު

މީހުން ވަޅުލުން ވަގުތީގޮތުން އާ ސަހަރާއަށް ބަދަލުކޮށްފި


  • ހުޅުމާލެ ސަހަރާގައި ވަޅުކޮންނައިރު ފެން އަރާފައި ހުރޭ

  • އަލުން ހުޅުމާލެ ސަހަރާގައި މީހުން ވަޅުލާނީ ފެން ހިނދުމުން

ހުޅުމާލެ ސަހަރާގައި ފެންބޮޑުވުމުގެ ސަބަބުން މީހުން ވަޅުލުމުގެ ކަންކަން އާ ސަހަރާއަށް ވަގުތީގޮތުން ބަދަލުކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް އާމިނަތު ޝަތުފާ ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ، މި ހަފުތާގައި މާލެއަށް ކުރި ވިއްސާރައިގެ ސަބަބުން ހުޅުމާލެ ސަހަރާގައި ވަޅު ކޮންނައިރު ފެން އަރާފައި ހުންނަ ކަމަށެވެ. އެގޮތުން އެއް ފޫޓަށް ކޮނެވޭއިރު ފެންގަނޑެއް އުފެދިފައި އޮންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަތުފާ ވިދާޅުވީ މި ސަބަބުތަކާހުރެ ހުޅުމާލޭގައި މީހުން ވަޅުލުން ވަގުތީގޮތުން މެދުކަނޑާލައި މީހުން ވަޅުލުން އާ ސަހަރާއަށް ވަގުތީގޮތުން ބަދަލުކޮށްފައިވާ ކަމަށެވެ. އަދި މޫސުން ރަނގަޅުވެ ފެންގަނޑު ހިނދުމުން މީހުން ވަޅުލުމުގެ ކަންކަން އަނެއްކާވެސް ހުޅުމާލެ ސަހަރާއަށް ބަދަލުކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

މީހުން ވަޅުލުމުގެ ކަންކަން އާ ސަހަރާގައި ކުރިން ކުރި ނަމަވެސް އެތަން މަރާމާތައް ބަންދުކުރުމަށްފަހު މީހުން ވަޅުލުމުގެ ކަންކަން މިދިޔަ އަހަރު ވަނީ ހުޅުމާލެ ސަހަރާއަށް ބަދަލުކޮށްފައެވެ.

މާލެ ސަރަހައްދަށް މިދިޔަ ހޮނިހިރު ދުވަހު ވަނީ ރެކޯޑު އަދަދަކަށް ވާރޭ ވެހިފައެވެ. މީގެ ސަބަބުން މާލޭގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ ބައެއް ގެތަކަށްވެސް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.