ޚަބަރު

ރާއްޖޭގައި ދިރިއުޅޭ ބިދޭސީން މެޑިކަލް ހެދުމުގެ ނިޒާމް ހަރުދަނާކުރަނީ


  • މެރިޖް ވިސާއަށް އަލަށް ހުށަހަޅާއިރުވެސް މެޑިކަލް ހަދަންޖެހޭ

  • އަހަރަކު އެއްފަހަރު މެޑިކަލް ޗެކަޕް ހެދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް

  • ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި މެޑިކަލް ހަދާ ނިންމަން ޖެހޭ

ރާއްޖޭގައި ދިރިއުޅޭ ބިދޭސީން މެޑިކަލް ހެދުމުގެ ނިޒާމް އިސްލާހުކޮށް ހަރުދަނާކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

އެމަނިކުފާނު މިގޮތަށް ނިންމެވީ، ޞިއްޙީ ވުޒާރާއިން އާދިއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވި ކަރުދާހަށް އެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

މި ނިންމެވުމާއެކު ރާއްޖޭގައި ދިރިއުޅޭ ބިދޭސީން، ޚާއްސަކޮށް ބަލި ފެތުރެމުންދާ ޤައުމުތަކުން އަންނަ މީހުން، ރާއްޖެ އައުމުގެ ކުރިންނާއި ރާއްޖޭގައި ތިބޭއިރު އޮންނަ އުޞޫލެއްގެ މަތިން ގަވާއިދުން 'އޮން-އެރައިވަލް' އަދި އަހަރަކު އެއްފަހަރު މެޑިކަލް ޗެކަޕް ހެދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމުގައި ވަނީ ކަނޑައަޅުއްވާފައެވެ.

ރާއްޖެއަށް ދިގު މުއްދަތަކަށް އަންނަ ހުރިހާ ބިދޭސީން (ޑިޕެންޑެންޓް ވިސާ، ވަރކް ވިސާ، ރެސިޑެންޓް ވިސާ، ސްޓޫޑެންޓް ވިސާ، ކޯޕަރޭޓް ރެސިޑެންޓް ވިސާ) ގައި އަންނައިރު 'އޮން އެރައިވަލް' އަދި އަހަރަކު އެއްފަހަރު މެޑިކަލް ހަދަން ޖެހޭނެކަމަށާއި، މެރިޖް ވިސާއަށް އަލަށް ހުށަހަޅާއިރުވެސް މެޑިކަލް ހަދަންޖެހޭނެކަމަށްވެސް ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން، ރާއްޖެ އައުމަށްފަހު ހަދަންޖެހޭ މެޑިކަލް ހެދުމަށް ދީފައިވާ މުއްދަތު، 30 ދުވަހުން 15 ދުވަހަށް ކުރުކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ވަނީ ނިންމަވާފައެވެ. އަދި ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ހަދަންޖެހޭ މެޑިކަލް ހެދުމުގެ ނިޒާމް އިސްލާހުކޮށް، ހަރުދަނާކުރުމަށް މުހިންމު ފިޔަވަޅުތަކެއް އެޅުމަށް އެމަނިކުފާނު ވަނީ ނިންމަވާފައެވެ.

ރާއްޖޭގައި މިހާރު ތިބި ހުރިހާ ބިދޭސީން ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި މެޑިކަލް ހަދާ ނިންމުމަށްވެސް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.