ޚަބަރު

ނައީޝް ހޯދަން ބޮޑު ސަރަޙައްދެއް ބަލައިފި، މޫސުން ގޯސްނަމަވެސް އޮޕަރޭޝަން ކުރިއަށް


  • ވައިމަގުން 279 ސްކޮޔާ ނޯޓިކަލް މޭލު ބަލައިފި

  • ކަނޑުމަގުން 300 ސްކޮޔާ ނޯޓިކަލް މޭލު ބަލައިފި

  • ޑައިވްކޮއްގެން 600 މީޓަރުގެ ސަރަހައްދެއް ބަލައިފި

  • އައްޑޫއަށް މޫސުން ގޯސް ނަމަވެސް އޮޕަރޭޝަން ހުއްޓާ ނުލާ

ސ. މަރަދޫ ކުރެދުމާގޭ މުޙައްމަދު ނައީޝް ހޯދުމަށް ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ނައީޝް ހޯދުމަށް ކުރިއަށް ގެންދާ ސާރޗް އެންޑް ރެސްކިއު އޮޕަރޭޝަންގެ ދަށުން ޑައިވްކޮއްގެން 600 މީޓަރުގެ ސަރަހައްދެއް މިހާތަނަށް ބަލާފައިވާކަމަށެވެ. އަދި ވައިމަގުން 279 ސްކޮޔާ ނޯޓިކަލް މޭލު، ކަނޑުމަގުން 300 ސްކޮޔާ ނޯޓިކަލް މޭލު ސަރަހައްދެއް މިހާރު ބަލާފައި ވާކަމަށެވެ.


18 އަހަރުގެ މުޙައްމަދު ނައީޝް ގެއްލިގެން ރިޕޯޓްކޮށްފައިވަނީ ބުރާސްފަތި ދުވަހުގެރޭ 22:10 ހާއިރުއެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން އެމް.އެން.ޑީ.އެފް ސަދަން އޭރިއާ ކޮމާންޑުގެ ކޮމާންޑަރ ކާނަލް މުޙައްމަދު ޖަމްޝާދު ވިދާޅުވީ މި ހާދިސާ ރިޕޯޓުކޮށްފައިވަނީ އެވަގުތު ނައީޝް އާއެކު، މޫދުގައި އުޅުނު މަރަދޫއަށް ނިސްބަތްވާ މުޙައްމަދު ޝިމާން ފަތާފައި ގޮސް ސަދަން އޭރިއާ ކޮމާންޑަށް އެރުމަށްފަހުކަމަށެވެ.

ނައީޝް ގެއްލުނުއިރު ލައިގެން ހުރީ އަތްދިގު ހުދު ކުލައިގެ ޓީޝާޓެއްކަމަށް އެމް.އެން.ޑީ.އެފުން ވިދާޅުވެއެވެ.

ނައީޝް ހޯދުމުގެ މަސައްކަތް ވައިގެމަގުންވެސް ކުރިއަށް ގެންދިޔުމަށް، ދިވެހި ސިފައިން، މޯލްޑިވްސް އޭވިއޭޝަން އެކަޑަމީގެ މަތިންދާ ބޯޓެއް ދަނީ ބޭނުންކުރަމުންނެވެ. އައްޑޫ ސިޓީއަށް މޫސުން ގޮސްނަމަވެސް ނައީޝް ހޯދުމުގެ މަސައްކަތް ހުއްޓާނުލައެވެ.

ނައީޝާ ބެހޭ އެއްވެސް ޚަބަރެއް ވޭތޯ އެ ސަރަޙައްދުން ދަތުރުކުރާ އުޅަނދު ފަހަރުންނާއި، އެ ހިސާބުގެ ރަށްތަކުން ބަލައިދިނުމަށް އެމް.އެން.ޑީ.އެފުން އެދެއެވެ. އަދި އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ އެމް.އެން.ޑީ.އެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅައިގެން ހިއްސާކުރުމަށްވަނީ އެދިވަޑައިގެންފައެވެ.