ޚަބަރު

ކޮންޓެއިނަރުތައް ސައިޓަށް ގެންގޮސް ހުސްކުރާގޮތަށް ހަމަޖައްސަނީ


  • މި ލުއިދޭނީ ޞައްޙަ ލިޔެކިޔުން ހުށައަޅާ މީހުންނަށް

  • މުދާ ކްލިއަރ ކުރުމުގެ މަރުހަލާ އެއްކޮށް ޑިޖިޓަލައިޒް ކުރާކަމަށް

  • ވިޔަފާރިވެރިންނާއި ރިސޯޓުތަކަށް މުދާ ކްލިއަރ ކުރުމުގައި ލުއިފަސޭހަތަކެއް

ބޭރުން ގެންނަ މުދާ ކޮންޓެއިނަރުތައް މާލޭ ވިޔަފާރި ބަނދަރަށް ހުސްކުރުމުގެ ބަދަލުގައި، ސައިޓުތަކަށް ގެންދިޔުމަށްފަހު، ފަހުން ހުސްކުރާ ގޮތަށް ޢަމަލުކުރުމަށް ނިންމާފައިވާކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު މުޙައްމަދު ވިދާޅުވެއްޖެއެވެ. މާނިއު މިހެން ވިދަޅުވީ ހޯމްސެކްތަރގެ މަސައްކަތްތަކާއި ގުޅޭގޮތުން ދާޚިލީ ސަލާމަތާބެހޭ ވުޒާރާއިން އިންތިޒާމުކުރި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކަސްޓަމްސްއިން މިހާރު ޢަމަލުކުރަމުން އަންނަގޮތަކީ، ރާއްޖެއިން ބޭރުން ގެންނަ ކޮންޓެއިނަރ މުދާ، ސީދާ އެ ބަނދަރަކުން ކްރިލއަރކުރުން ނުވަތަ ހުސްކުރުމެވެ. ނަމަވެސް އެ އުސޫލު ބަދަލުކުރުމަށް ކަސްޓަމްސްއިން ނިންމާފައިވާކަމަށާއި، އެގޮތުން ވިޔަފާރިވެރިންނަށް ވީހާވެސް ފަސޭހަ ކޮށްދިނުމުގެ ގޮތުން، އެ ސައިޓަކަށް މުދާ ކޮންޓެއިނަރު ހުސްކުރާގޮތަށް ނިންމާފައިވާކަމަށް މާނިއު ވިދާޅުވިއެވެ. އަދި ކޮންޓެއިނަރުން މުދާ ހުސްކުރާއިރު އެ ސައިޓަށް ކަސްޓަމްސް އޮފިސަރުވެސް ދާނެކަމަށް މާނިއު ވިދާޅުވިއެވެ.

"ހުރިހާ ބޭފުޅުންގެ ހިސްޓްރީ ބަލާފަ، ބޮޑެތި ވިޔަފާރިވެރިންގެ ކޮންޓެއިނާޒް އެ ތަނުން، އެމްޕީއެލްއިން ކްލިއާ ކުރުމުގެ ބަދަލުގައި އަޅުގަނޑުމެން ސީދާ އޭގަ ތަޅެއް އަޅުވާފަ މި ފޮނުވަނީ އެބޭފުޅުންގެ ސައިޓަށް، ފޮނުވާލާފަ ދެން އެބޭފުޅުންގެ އޯން ޓައިމްގަ އަޅުގަނޑުމެން މި ފޮނުވާލަނީ ކަސްޓަމްސް އޮފިސަރެއް އޭތި ޗެކް ކުރަން ފަހުން،" ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު މުޙައްމަދު ވިދާޅުވިއެވެ.

ކޮމިޝަނަރ ޖެނެރަލް ވިދާޅުވިގޮތުގައި މިފަދައިން ނިންމި ސަބަބަކީ ތަކެތި ހުސްކުރުމުގެ މަރުހަލާ އަވަސްކުރުމަށާއި، މާލޭގެ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދުމުގެ ބޭނުމުގައި ކަމަށެވެ. މިކަމަކުގެ ސަބަބުން ކުދި ވިޔަފާރިވެރިންގެ މުދާ ހުސްކުރުން އަވަސްވެ ޑެމަރޭޖް ޗާޖުތައް މަދުވާނެކަމަށް ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން މުދާ ހުސްކުރުމުގެ މަރުހަލާ އެއްކޮށް ޑިޖިޓަލައިޒް ކުރަން މަސައްކަތްކުރާ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. މިފަދައިން ޑިޖިޓަލްކުރުމުން ޑިޖިޓަލް ސިސްޓަމެއް ތެރެއިން މަސައްކަތުގެ ރެކޯޑު ފެންނަން ހުންނާނެކަމަށާއި، އެއާއެކު ޕޭޕަރވޯކް ބޭނުންކުރަން ނުޖެހޭނެކަމަށް ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޗީފް ސުޕްރިޓެންޑެންޓް އޮފް ކަސްޓަމްސް އިސްމާޢީލް ހަމްދޫން ވިދާޅުވީ، ސައިޓަށް ގެންގޮސް މުދާ ހުސްކުރާގޮތަށް ކަސްޓަމްސް އިން ދޫކުރާ ކޮންޓެއިނަރުތަކަކީ ފަސް އަހަރުގެ ރެކޯޑުތަކަށް ބަލައި، ސައްޙަ އަދި ރަނގަޅު ޑޮކިއުމެންޓު ހުށަހަޅާ ކަމަށް ރިކޯޑުކުރެވިފައިވާ ވިޔަފާރިވެރިންނަށް ކޮށްދޭނެ ކަމެއްކަމަށެވެ. ހަމްދޫންވެސް ވަނީ މުދާ ހުސްކުރުމުގެ މަރުހަލާގައި ހުރި ލުއި ފަސޭހަތަކުގެ ސަބަބުން ވިޔަފާރި ވެރިންނާއި ރިސޯޓުތަކަށް އޭގެ ފައިދާ ކުރާނެކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑުމެންގެ ބޮޑެތި ވިޔަފާރިވެރިން، އަޅުގަނޑުމެން ހުންނާނީ ޕްރޮފައިލް ކުރެވިފައި. ރިސްކު މެނޭޖްމެންޓް ސިސްޓަމެއް ހެދިފައި. އެ ޕްރޮފައިލް ތެރެއިން އަޅުގަނޑުމެންނަށް އިނގޭ މި ވިޔަފާރިވެރިންނަކީ ވޭތުވެދިޔަ ފަސް އަަހަރު އެމީހުން ހުށައެޅި ޑޮކިއުމަންޓްތަކުގައި މައްސަލަނޫޅޭ ފަރާތްތައް ކަން. އެބޭފުޅުން ކަސްޓަމްސަށް ޕޭޕަރވޯކް ސަބްމިޓްކުރުމާއެކު މުދާ އެހުރީ ކްލިއަރ ވެފައި." ޗީފް ސުޕްރިންޑަންޓް އޮފް ކަސްޓަމްސް ވިދާޅުވިއެވެ.

ރާއްޖޭގެ މައި ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަމުގެ މައްސަލަ ބޮޑުކަން އެމްޕީއެލާއި ކަސްޓަމްސް އަދި ވިޔަފާރިވެރިންވެސް ފާހަގަކުރެއެވެ. ޖާގައިގެ ދަތިކަމުގެ ސަބަބުން މުދާ ކްލިއަރކުރުމުގައި ނުވަތަ ހުސްކުރުމުގައި ގިނަ ވަގުތު ނެގުމާއި، ބައެއް މުދާތައް ހަލާުވުމުގެ ޝަކުވާ ކުރެއެވެ. ނަމަވެސް މި ގެންނަ ބަދަލުގެސަބަބުން ވިޔަފާރިވެރިންނަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގެގޮތުން ގުޅިފަޅުގައި އަންނަނީ ޖާގަ ތަނަވަސް އަދި ޒަމާނީ ވިޔަފާރި ބަނދަރެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންނެވެ.