ޚަބަރު

ހުރަވީ ދުވަސް ގެނެސްދެނީ، އަޅުވެތިކަމާ ދެކޮޅަށް ކުރި ވަރުގަދަ ޖިހާދެއްގެ ހަނދާން


  • ހުރަވީ ދުވަހަކީ ދޮންބަންޑާރައިން ހޮޅިންގެ އަތްދަށުން ރާއްޖެ މިނިވަން ކުރެއްވިދުވަސް

  • ހޮޅިންގެ ރާއްޖެ ހިފީ ޣައްދާރު ދިވެހިންގެ ބަޔަކު ދިން އެހީތެރިކަމާއެކު

  • ރާއްޖެ ހޮޅިންގެ އަތްދަށުން މިނިވަންވީ ހިޖުރައިން 1166ވަނަ އަހަރުގެ ރަބީޢުލްޢާޙިރާ މަހުގެ 3ވަނަ ދުވަހު

ރާއްޖެ މިނިވަން ޤައުމެއްގެ ގޮތުގައި އޮންނައޮތުމާމެދު ޙަސަދަވެރިވެ، މިމިނިވަންކަން ފޭރިގަތުމަށް ދުޝްމިނުން މަސައްކަތްކުރި ކޮންމެފަހަރަކު ވެސް ފެނުނީ ދިވެހިންގެ ސާބިތުކަމާއި ޤައުމިއްޔަތެވެ. ޖެހިލުން ކުޑަކަމާއި ހިތްވަރުގަދަކަމެވެ.

މިއަދާހަމައަށް މި ފަޚުރުވެރި ރާއްޖެ މިނިވަންކަންމަތީ ދެމިއޮތުމުގެ އެއް ސަބަބަކީ އެއީއެވެ. މިއަދު އަޅުގަނޑުމެން ފާހަގަމިކުރަނީ އެފަދަ މަތިވެތި ހަނދާނެކެވެ. މިއަދަކީ އަޅުގަނޑުމެންގެ ފަޚުރުވެރި ހުރަވީ ދުވަހެވެ. ހުރަވީ ދުވަހަކީ އެތައް ޢިބުރަތަކާއި އެތައް ފިލާވަޅެއް ލިއްބައިދޭ ދުވަހެކެވެ. ދިވެހި ޤައުމަށް އެތައް ވާހަކަތަކެއް މިދުވަސް، މިއަދު ބުނެދެއެވެ.

ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާނެ ކުޑަވެސްކަމެއް މެދުވެރިވުމަކީ ޤައުމިއްޔަތުގެ ވިންދުހިނގާ ހިތަކަށް ކުޅަދާނެވާނެކަމެއް ނޫނެވެ. ދާދި އިހަށްދުވަހު ޝަހީދު ހުސައިން އާދަމްގެ ޠާހިރު ލެއިން މިބިމުގައި ލިޔުއްވީ އެވާހަކައެވެ. އަޅުގަނޑުމެންގެ ޤައުމީ ބަޠަލު އައްސުލްޠާނުން ޣާޒީ މުޙައްމަދު ތަކުރުފާނު ދުނިޔެއަށް ސާބިތުކޮށްދެއްވީ މިހަޤީގަތެވެ. ހަމައެހެންމެ ހުރަވީ ދުވަހުގެ ބަޠަލު ދޮންބަންޑާރައިންގެ މަތިވެރި ޖިހާދުގެ ސުރުޚީއަކީވެސް ހަމަ މިއެވެ.

މިޤައުމުގެ މިނިވަންކަމާ ތޮޅެން އެތެރެއިންނައި ބޭރުން ދީފައި އޮތީ އެންމެ ޙަމަލައެއް ދެޙަމަލައެއް ނޫނެވެ. އެތައްފަހަރަކު އެތައްގޮތަކަށް މި ރާއްޖެ ހިފަން ދުޝްމިނުން މަސައްކަތްކުރިއެވެ. ދުނިޔޭގެ ބޮޑެތި ބަރުތަކުންނެވެ. ސަރަޙައްދީ ވަރުގަދަ ލަޝްކަރުތަކުންނެވެ. ޙީލަތްތެރި ޣައްދާރުންނެވެ. އެހެންނަމަވެސް މިއިން އެއްވެސް ދުޝްމިނު ބާރަކަށް ދިވެހީން ބައްޔެއް ނުކުރެވުނެވެ. މިދެންނެވި ކޮންމެ ޙާލަތެއްގައި ދިވެހިންގެ ފަޚުރުވެރި ލަޝްކަރުގައި ތިބީ ޤައުމިއްޔަތުގެ ވަރުގަދަ ދަހަނާ އަޅައިގެންތިބި މައްދިވެހިންނެވެ. ދިވިރާއްޖެ ދައްނަނަ ދިވެހިންނެވެ. ތިމާމެންނަކީ ކޮންބައެއްކަން ދަންނަ ދިވެހިންނެވެ. ކާބަފައިން ކަނޑައަޅުއްވައިދެއްވި އިންތަކާއި މިންތައް ދަންނަ ދިވެހިންނެވެ. ދޮންބަންޑާރައިންގެ ޖިހާދުން ދަސްކުރަންވީ އެއް ފިލާވަޅަކީ މިއެވެ.

މިދެންނެވި ވަރުގަދަ ޖިހާދާއި އޭގެ ކާމިޔާބީއާ ޖުޅިގެން މިއަދު މިފާހަގަކުރާ ހުރަވީ ދުވަހުގެ ތާރިޚަށް ބަލައިލަމާތޯއެވެ. މަލާބާރީން ނުވަތަ ހޮޅީންގެ ލަޝްކަރެއް މިރާއްޖެ އައިސް، ހިޖުރައިން 13 ޞަފަރު 1166ގައި ރާއްޖޭގެ ވެރިކަން ނިގުޅައިގަތެވެ. އަނިޔާވެރިކަމާއެކު ދިން ޢުދުވާނީ ޙަމަލާއަކަށްފަހުއެވެ. ހޮޅިން މާލެ އަރައި ރާއްޖޭގެ ވެރިކަން ފޭރިގަތީ، އޭރު ރާއްޖޭގެ ތަޚުތުގައި އިންނެވި ރަދުން އައްސުލްޠާނު މުކައްރަމް މުޙައްމަދު ޢިމާދުއްދީން (ތިނެއް) ސިރީ ނަވަރަންނަ ކީރިތި މަހާރަދުން އަތުލައިގަނެ އެރަދުންގެ މައްޗައް ބާރު ފޯރުވައިގެންނެވެ.

މާލެ ހިފުމަށް ނަވަކާއި، ބޭރުދަތުރުކުރާ ދެއޮޑިއަށް ހަނގުރާމައިގެ ތަކެއްޗާއި، މަލާބާރީންގެ މީހުން ލާފައި އަލީރާޖާ ފޮނުއްވީމަ އެމީހުން އައިސް ޞަފަރުމަހުގެ 13 ވިލޭރޭ މެންދަމުން އަލިވެ 3 ޖެހިއިރު މާލެއަށް އެރިއެވެ. މާލޭގެ އެންމެން ނިދާ، ހަމަހިމޭންވެފައި އޮތް މިވަގުތު މަލާބާރީންގެ މީހުން ރަސްކަމުގެ ކޮއިލުތެރެއަށްވަދެ އެތާނގައި ތިބި މީހުން މަރައި ބަޑިޖަހައި ހެދުމުން ދުޝްމަނުންނާ ދުރަށް ވަޑައިގަތުމަށްޓަކައި ރަދުން އެމަނިކުފާނުގެ މާފަންނު ގަނޑުވަރަށް ވަޑައިގަތެވެ.

މިހިސާބުން ހޮޅިންގެ އަނިޔާވެރިކަން ރާއްޖޭގައި ފެށުނެވެ. އެއަނިޔާވެރިންވަނީ ރާއްޖޭގެ ރަސްކަމުގެ ގަނޑުވަރާއި މާލޭގެ މިސްކިތްތަކާއި އެތައް ގެދޮރެއްގައި ހުޅުޖަހައި އަންދާލާފައެވެ. އަދި އެތައްބަޔަކަށް އަނިޔާދީ ޝަހީދުވެސް ކުރިއެވެ. މި އަނިޔާވެރި ހޮޅިން ރާއްޖެހިފީ ޣައްދާރު މަދު ދިވެހިންގެ ބައެއްގެ އެހީގައެވެ.

ހޮޅިން ދިވެހިރާއްޖެ އަޅުވެތިކުރިތާ ތިންމަހާއި ވިހިދުވަސްވީތަނާ މުލީގޭ ޙަސަން މަނިކުފާނު (ދޮންބަންޑާރައިން) ނާއި އެމަނިކުފާނުގެ ހަތަރު އެކުވެރީންނާއި މިބައިމީހުންނަށް ތަބާވީ މީހުންގެ ތެރެއިން ހިތްވަރުގަަދަ ދުއިސައްތައެއްހައި މީހުން ވާހަކަދައްކައި، އެ އަޅުވެތިކަމުން ރާއްޖެ ސަލާމަތް ކުރުމަށް އެއްބަސްވިއެވެ. ބިރުފުޅުކަމެއްނެތި ކަނޑި އާ ލޮންސި ހިއްޕަވައިގެންނެވެ. ޤައުމުގެ ހައްގުގައި ހަށިފޮޅާލާ ހޮޅިންނާ ދެކޮޅަށް ނުކުތް މީހުންގެ ތެރެއިން ގިނަ ބަޔަކު ޝަހީދުވެގެންދިޔައެވެ.

1166ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ 3ވީ އާދީއްތަ ވިލޭރެއަކީ ދޮންބަންޑާރައިން ހޮޅީންގެ ކިބައިން ރާއްޖެ މިނިވަންކުރެއްވި ތާރީޙީދުވަހެވެ. ހުރަވީ ދުވަހުގެ ގޮތުގައި މިދުވަސް ފާހަގަކުރަން ފެށީ މީލާދީ ތާރީހުން 1980 ވަނަ އަހަރުން ފެށިގެންނެވެ. މިދުވަސް ފާހަގަކުރަނީ ދިވެހި ޤައުމުގެ އެންމެހައި މުވާޠިނުން ޤައުމީ އަބްޠާލުންގެ ޒިކުރާ އަމަލީގޮތުން ދިރުވުމުގެ ހިތްވަރު ލިބިގަތުމަށާއި، އެއަބްޠާލުން ގެނެސްދެއްވި މިނިވަންކަމާއި، ޤައުމިއްޔަތު ދެމެހެއްޓުމުގެ ޢަޒުމާއި ޖޯޝް ދިވެހި ހިތްތަކުގައި ދިރުވައި ދެމެހެއްޓުމުގެ ގޮތުންނެވެ.