މާލޭގެ މޭޔަރު ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރާއި އެމްޑީޕީން ވާދަކުރައްވާ އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް ޢާޒިމް އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށައަޅުއްވައިފިއެވެ.
މާލޭގެ މޭޔަރުކަމަށް ބޭފުޅަކު އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބު އޮންނާނީ އަންނަ މަހުގެ 13ގައެވެ. ހަމަ އެދުވަހު މާލޭ ސިޓީ ކައުންސިލުން ހުސްވެފައިވާ 3 ދާއިރާގެ ކައުންސލްގެ މަޤާމަށްވެސް ބޭފުޅުން އިންތިޚާބުކުރާނެއެވެ.
މި އިންތިޚާބުގައި މާލޭގެ މޭޔަރުކަމަށް ޢާޒިމާ ވާދަކުރައްވަނީ ވެރިކަންކުރާ ޕާޓީ، ޕީއެންސީގެ ޓިކެޓުގައެވެ. ޢާޒިމާގެ އިތުރުން ކައުންސިލުން ހުސްވެފައިވާ ތިން ދާއިރާއެއްގެ ކައުންސިލް މެންބަރުކަމަށް ޕީޕިއެމް/ޕީއެންސީގެ ފަރާތުން ކުރިމަތިލައްވާ ފަރާތްތަކުންވެސް ވަނީ އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅުއްވާފައެވެ.
މޭޔަރުގެ އިންތިޚާބުގައި ވާދަކުރެއް އެމްޓީސީސީގެ ކުރީގެ ސީއީއޯ، އާދަމް އާޒިމްވެސް ވަނީ އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށައަޅުއްވާފައެވެ.
ޢާޒިމާ ޝަކުރާއި، އާދަމް ޢާޒިމްގެ އިތުރުން މާލޭ މޭޔަރުކަމުގެ މަޤާމަށް ވާދަކުރައްވާނެކަން އިޢުލާންކުރައްވާފައިވަނީ ދަ ޑިމޮކްރެޓްސްގެ ފަރާތުން މާލޭ ސިޓީ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުޙައްމަދު ސައިފް ފާތިހްއާއި، ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދެވެ.
މާލޭ މޭޔަރުކަމުގެ އިންތިޚާބު ބާއްވަންޖެހުނީ، މޭޔަރުކަމުގައި ހުންނެވި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ މަޤާމާއި ހަވާލުވެވަޑައިގަތުމަށް، އެ މަޤާމުން އިސްތިއުފާ ދެއްވާފައިވާތީ މޭޔަރުކަމުގެ ގޮނޑި ހުސްވުމާއި ގުޅިގެންނެވެ. އަދި ކައުންސިލްގެ ތިން ގޮނޑި ހުސްވީ، ކައުންސިލް ތިން މެންބަރަކު ސަރުކާރުގެ ބައެއް މަޤާމުތަކަށް ވަޑައިގަތުމުންނެވެ.
މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ މަޤާމާއި، އެ ކައުންސިލްގެ ހުސްވެފައިވާ 3 ދާއިރާއެއްގެ ގޮނޑިތަކަށް ކުރިމަތިލުމަށް އިލެކްޝަނުން ހުޅުވާލީ ނޮވެންބަރު މަހުގެ 28ގައެވެ. އަދި ކުރިމަތިލުމުގެ ފުރުޞަތު މި ހަފްތާގެ ބުދަ ދުވަހުގެ މެންދުރުފަހު 2އަށް ހަމަވާނެއެވެ.