ޚަބަރު

ދިވެހިރާއްޖޭގެ އެމްބަސީއެއް ތުރުކީވިލާތުގައި ޤާއިމްކުރަން ނިންމަވައިިފި


  • މިއީ ރައީސް ތުރުކީވިލާތަށް ކުރެއްވި ދަތުރުފުޅުގެ އެގައުމުގައި އުޅޭ ދިވެހިން ހުށައެޅިކަމެއް

  • އެމްބަސީއެއް ނެތުމުން އެގައުމުގައި ދިރިއުޅޭ ރައްޔިތުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވޭ

  • ބޭރުގެ އެކި ޤައުމުތަކުގައި ދިވެހިރާއްޖޭގެ 15 އެމްބަސީ/ ހައިކޮމިޝަން ހުރޭ

ތުރުކީވިލާތުގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ޤާއިމްކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ތުރުކީވިލާތަށް ކުރެއްވި ދަތުރުފުޅުގައި އެޤައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމުގެ ތެރޭގައި ދިވެހިން ވަނީ އެފަރާތްތަކަށް ސަރުކާރުގެ އެހީތެރިކަން ބޭނުންވާ ކަންކަމާއި، ކުރިމަތިވާ ގޮންޖެހުންތައް ރައީސްއާ ހިއްސާ ކުރައްވާފައެވެ. އަދި އެމްބަސީއެއް ނެތުމުގެ ދަތިކަން ރައީސުލްޖުމްހޫރިއްޔާއަށްވަނީ ހުށަހަޅުއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާވަނީ މިކަން ހައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދިވެހިންނަށް ދެއްވާފައެވެ.

ވަޒީރުންގެ މަޖިލީހުގައި ނިންމަވާފައިވާ މުހިންމު ނިންމެވުންތަކާ ގުޅޭ މަޢުލޫމާތު ނޫސްވެރިންނަށް ހިއްސާ ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޮރ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރުޒުލް ވިދާޅުވީ، ތުރުކީވިލާތުގެ އަންކާރާގައި އެންބަސީއެއް ޤާއިމް ކުރައްވަން ނިންމެވީ މިޔަޤީންކަމުގެ ތެރެއިންކަމަށެވެ. އެގޮތުން އަންކާރާގައި އެންބަސީ ޤާއިމް ކުރުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތަކާ، ޚާރިޖީ ދާއިރާއިން ކުރައްވަންޖެހޭ މަސައްކަތްތައް މިހާރު ފެށިގެން ކުރިއަށްދާކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ބޭރުގެ އެކި ޤައުމުތަކުގައި ދިވެހިރާއްޖޭގެ 15 އެމްބަސީ/ ހައިކޮމިޝަން ހުރެއެވެ. މީގެތެރެއިން ހައިކޮމިޝަން ހުންނަނީ ކޮމަންވެލްތު ޤައުމުތަކުގައެވެ. މީގެ އިތުރުން ޖެނިވާއާއި ނިއުޔޯކުގައި ދިވެހިރާއްޖޭގެ ޕާރމަނަންޓް މިޝަން ހުރެއެވެ. އަދި އިންޑިޔާގެ ޓްރިވެންޑްރަމްގައާއި، ސައުދީ އަރަބިއްޔާގެ ޖިއްދާގައި އެމްބަސީގެ އިތުރުން ދިވެހިރާއްޖޭގެ ކޮންސިއުލޭޓްވެސްވަނީ ޤާއިމްކޮށްފައެވެ.