ޚަބަރު

އުތުރުގެ އިތުރު ރަށްތަކެއްގައި ފުލުހުންގެ ޚިދުމަތް މިހަފްތާ ބަންދުގައި ފަށަނީ


ރާއްޖޭގެ އުތުރުން ހއ އާއި ހދގައި ފުލުހުންގެ ޚިދުމަތް ޤާއިމްވެފައި ނެތް އިތުރު ރަށްތަކެއްގައި މިހަފްތާ ބަންދުގައި ފުލުހުންގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވުޒާރާއިން ވިދާޅުވީ މިރަށްރަށުގައި އެޚިދުމަތް އިފްތިތާހްކޮށްދެއްވާނީ ވަޒީރު އަލީ އިހްސާން ކަމަށެވެ.

އެވުޒާރާއިން ވިދާޅުވީ މުޅިރާއްޖެއަށް ފުލުހުންގެ ޚިދުމަތް ފުޅާކުރުމުގެ ޕްލޭނެއް އެކުލަވާލަމުން އަންނަ ކަމުގައެވެ. މި ޕްލޭންގެ ދަށުން އަތޮޅުތެރޭގައި މީހުން ދިރިއުޅޭ ރައްރަށުގެ ތެރެއިން ފުލުހުންގެ ޚިދުމަތް ގާއިމްނުވެ ހުރި ހުރިހާ ރަށެއްގައި އެޚިދުމަތް ގާއިމް ކުރުމަށް ނިންމާފައިވާ ކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުންގެ ޚިދުމަތް ގާއިމް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހަފްތާ 14ގައިވެސްވަނީ ހިމަނާފައެވެ.

އާންމުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ދިނުމަކީ ނިމިދިޔަ ސަރުކާރުގެ ރިޔާސީ ވައުދެކެެވެ. ނަމަވެސް ދައުރު ނިމިގެން ދިޔައިރު މިކަން ހާސިލްވެފައިނުވެއެވެ.

ރަށްރަށުގައި ކުށްކުރުން މަދުކޮށް އަމާން މުޖުތަމަޢެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތް އިތުރަށް ފުޅާކުރުމަށް ފުލުހުންގެ ޚިދުމަތް ނެތް ރަށްރަށުގައި ޕޮލިސް ސްޓޭޝަން ޤާއިމުކުރުމުގެ މަޝްރޫޢެއް މިދިޔަ އަހަރުވަނީ ފަށާފައެވެ. 48 މިލިއަން ޑޮލަރުގެ މިމަޝްރޫޢުގެ ދަށުން 61 ރަށެއްގައި ޕޮލިސް ސްޓޭޝަން ތަރައްޤީކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.