ޚަބަރު

އޯގާތެރިވެ އަޅާލުމުގައި ނަމޫނާ މުޖުތަމަޢަކަށްވުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި


  • 3 ޑިސެމްބަރު ފާހަގަކުރަނީ ބައިނަލްއަޤްވާމީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދުވަހުގެ ގޮތުގައި

  • ރައީސް ގޮވާލެއްވީ މުޖުތަމަޢުން އެއްވެސް މީހެއް ބާކީ ނުކުރުމަށް

  • ހަފްތާ 14ގައިވެސް ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މުހިންމު ކަންކަން ހިމަނުއްވާފައިވޭ

ކޮންމެ ދިވެހި ދަރިއެއް މިޤައުމަށް މުހިންމުކަމަށާއި، އެކަކު އަނެކަމަށް އޯގާތެރިވެ އަޅާލުމުގައި ނަމޫނާ މުޖުތަމަޢަކަށް ދިވެހިރާއްޖެ ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިގޮތަށް ގޮވާލެއްވީ، ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ ޚާއްސައެހީއަށް ބޭނުންވާ މީހުންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޓުވިޓެއްގައެވެ.

އައު ސަރުކާރުގައިވެސް ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މުހިންމު ސިޔާސަތުތައް ކަނޑައެޅުމަށް ވަނީ ނިންމަވާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ހަފްތާ 14ގައި ވަނީ، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަޒީފާދިނުމުގެ ސިޔާސަތު އެކުލަވާލައި ތަންފީޒުކުރަން ފެއްޓެވުމަށް ހިމަނުއްވާފައެވެ. އަދި އެމީހުންގެ ކަންކަން ގާތުން ބަލާ، އެހިތެރިކަން ދެވޭނެ ރަނގަޅު ނިޒާމެއް ޤާއިމުކުރެއްވުންވެސް ހިމެނެއެވެ.

2022ވަނަ އަހަރުގެ ބޯހިމެނުމުގެ ތަފާސްހިސާބުން ދައްކާގޮތުގައި ރާއްޖޭގެ އާބާދީގެ %6.9 މީހުންނަކީ، ކޮންމެވެސް ބާވަތެއްގެ ނުކުޅެދުންތެރިކަމެއް ނުވަތަ ހާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންނެވެ. އަދަދުން ބަލާއިރު އެއީ 24401 މީހުންނެވެ.

ނުކުޅެދުންތެރިކަން ބޮޑަށް ފާހަގަކުރެވިފައިވަނީ އަންހެނުންގެ ތެރޭގައެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ އާބާދީގެ 13456 މީހުންނަކީ އަންހެނުންނެވެ. އެއީ ރާއްޖޭގެ އަންހެނުންގެ އާބާދީގެ %7.8 މީހުންނެވެ.

ކޮންމެވެސް ބާވަތެއްގެ ނުކުޅެދުންތެރިކަމެއް ހުންނަ 10945 ފިރިހެނުން އެބަތިއްބެވެ. އެއީ ފިރިހެނުންގެ އާބާދީގެ %6.1 މީހުންނެވެ.

މީގެތެރެއިން 15948 މީހުން ދިރިއުޅެނީ އަތޮޅުތަކުގައެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ އާބާދީގެ 8453 މީހުން ދިރިއުޅެނީ މާލޭގައެވެ. މާލޭގެ ޖުމްލަ އާބާދީގެ %7.8އަކީ ހާއްސަ އެހީއަށް ބޭނުންވާމީހުންނެވެ. އަދި އަތޮޅުތެރޭގެ އާބާދީގެ %5.7 މީހުންގެ ކޮންމެވެސް ބާވަތެއްގެ ނުކުޅެދުންތެރިކަމެއް ހުރެއެވެ.

އެކި އުމުރު ފުރާތަކުގައި ހިމެނޭ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އަދަދު

* 5-17 އަހަރު: 3014 (އުމުރުފުރައިގެ %3.8)
* 18-35 އަހަރު: 3602 (އުމުރުފުރައިގެ %3.1)
* 36-64 އަހަރު: 9996 ( އުމުރުފުރައިގެ %7.9)
* 65 އަހަރު: 7402 (އުމުރުފުރައިގެ %36)

ޚާއްސަ އެހީއަށް ބޭނުންވާ މީހުން އެންމެ ގިނައިން ދިރިއުޅެނީ ގއ، ގދ އަދި މ އަތޮޅުގަ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.