މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތައް އިޔާދަކުރުމަށް ލިބޭ ފައިސާގެ އެހީ ފަސޭހައިން ލިބޭނެ ގޮތް ހޯދުމަށް ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހި ރާއްޖެއިން ވަކާލާތުކުރާނެ ކަމަށް ސްޕެޝަލް އެންވޯއީ ފޯ ކްލައިމެޓް ޗޭންޖް އަލީ ޝަރީފް ވިދާޅުވެއްޖެއެވެ.
ސްޕެޝަލް އެންވޯއީ ފޯ ކްލައިމެޓް ޗޭންޖް އަލީ ޝަރީފް މިހެން ވިދާޅުވީ ދުބާއީގައި މިހާރު ކުރިއަށްދާ ކޮޕް 28އަށް ވަޑައިގެން ހުންނަވާ ޕީއެސްއެމް ނިއުސްއަށް ފޯނުން ދެއްވި އިންޓަރވިއުއެއްގައެވެ.
ތިމާވެށީގެ ގޮތުން ދުނިޔެއަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ދެނެގަނެ އެކަންކަން ހައްލު ކުރުމަށާ، ތިމާވެށީގެ ގެއްލުންތަކުން އަރައިގަތުމަށް ބޭނުންވާ މާލީ އެހީތެރިކަމާ ފަންނީ ތަޖުރިބާ ހިއްސާކުރުމަށް ބާއްވާ ދުނިޔޭގެ މޫސުމާ ބެހޭ އެންމެބޮޑު އެއް ބައްދަލުވުން ކޮޕް ކޮންފަރެންސަކީ ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ކޮންފަރެންސެކެވެ.
ކޮންމެ އަހަރަކުވެސް އެކި ޤައުމުތަކުގައި ބާއްވަމުން އަންނަ މިކޮންފަރެންސްގައި މީގެ ކުރިން ވަނީ މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތައް އިޔާދަކުރުމަށް ޚަރަދުކުރުމަށްޓަކައި ފަންޑެއް އެކުލަވާލުމަށް މަޝްވަރާކޮށްފައެވެ. އަދި މިއަހަރު ދުބާއީގައި ކުރިއަށްދާ ކޮޕް28ގެ ފުރަތަމަ ދުވަހުވަނީ މިފަންޑު ޤާއިމްކޮށްފައެވެ. އަދި ކޮޕް28ގައި ބައިވެރިވާ ބޮޑެތި ޤައުމުތަކުން މިހާރުވަނީ އެ ފަންޑަށް ފައިސާ ފޯރުކޮށްދޭނެ ކަމަށް އެއްބަސްވެފައެވެ. އެގޮތުން މިހާތަނަށް 420 މިލިޔަން ޑޮލަރު ފޯރުކޮށްދިނުމަށް ޤައުމުތަކުން ވަނީ އެއްބަސްވެފައެވެ. އެހެންނަމަވެސް މިފަދަ ފަންޑުތަކުން ފަސޭހައިން އެހީ ނުލިބުމަކީ މިއަދު ކުދި ޖަޒީރާ ޤައުމުތަކުން ކަންބޮޑުވުން ފާޅުކުރާކަމެކެވެ.
"ލޮސް އެންޑް ޑެމޭޖް" ފަންޑު އެކުލަވާލުމާ ގުޅިގެން ސްޕެޝަލް އެންވޯއީ ފޯ ކްލައިމެޓް ޗޭންޖް އަލީ ޝަރީފް ވިދާޅުވީ ކޮޕް ސަމިޓްގެ ފުރަތަމަ ދުވަހު ފަންޑު ޤާއިމްކުރެވުމަކީ ކުދި ޖަޒީރާ ޤައުމުތަކުން އެތައް ދުވަހެއް ވަންދެން ކުރަމުން އައި އާދޭހަށް އުއްމީދެއް ލިބިގެން ދިޔުންކަމަށެވެ. އަލީ ޝަރީފް ވިދާޅުވީ ދުނިޔޭގެ ބޮޑެތި ބާރުތަކުން އެފަންޑަށް ފައިސާ ޖަމާކުރާނެ ކަމަށް ބުނިނަމަވެސް ކުދި ޤައުމުތަކުން އެންމެ ބޮޑަށް ބޭނުންވަނީ އެފައިސާ ފަސޭހައިން ލިބޭނެ އިންތިޒާމެއް ހަމަޖެހިގެން ދިޔުން ކަމަށް އަލީ ޝަރީފް ވިދާޅުވިއެވެ.
އަލީ ޝަރީފް ވިދާޅުވީ ކޮޕް28ގެ ތެރެއިން މިފަންޑެއްގެ އެހީ ފަސޭހައިން ލިބޭ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވިގެން ދާނެކަމަށެވެ. އަދި މޫސުމީ ކަންކަމަށް އެހީދިނުމަށް މިހާރު އޮތް ފަންޑުތަކުން އެހީ ލިބެން އެތަކެއް އަހަރެއް ނަގާކަމަށާއި ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހި ރާއްޖެއިން ވަކާލާތުކުރާނީ މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތައް އިޔާދަކުރުމަށް ލިބޭ ފައިސާގެ އެހީ ފަސޭހައިން ލިބޭނެ ގޮތް ހޯދުމަށްކަމަށެވެ.
"މިފަންޑު ބާއްވަނީ ކޮންތާކުތޯ މަޝްވަރާކުރާނެ. ފަންޑުގެ އޮޕަރޭޝަންތަކާއި ބޯޑު މެންބަރުން އައްޔަން ކުރުންފަދަ މުހިއްމު މަޝްވަރާތަކެއް އަދި ކުރިއަށް ދާނެ. މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތައް އިޔާދަކުރުމަށްޓަކައި ކުރަންޖެހޭ ޚަރަދު ވަރަށް ބޮޑު. ފަންޑު ހޯދުމަށް ޕްރޮޕޯސަލް ހުށައެޅުމަށްފަހު ދެތިން ހަތަރަ އަހަރު ނަގާ. އެއީ ވަރަށް ދިގު މުއްދަތެއް." ސްޕެޝަލް އެންވޯއީ ފޯ ކްލައިމެޓް ޗޭންޖް އަލީ ޝަރީފް ވިދާޅުވިއެވެ.
އަލީ ޝަރީފް ވިދާޅުވީ ކޮޕް28ގެ ހަވާސާގައި އިޔާދަ ކުރަނިވި ހަކަތައިގެ ދާއިރާއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަމާޒަށް ވާސިލްވުމަށްޓަކައި އެހީ ހޯދުމަށް މަސައްކަތް ކުރައްވަމުން އަންނަކަމަށެވެ. ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ %33 އަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމަށްޓަކައި މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް އިތުރު 600 މިލިޔަން ޑޮލަރު ބޭނުންވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މިއެހީ ހޯދުމަށްޓަކައި ރާއްޖޭގެ ވަފްދުގެ އިތުރުން ސީދާ ރައީސުލްޖުމްހުރިއްޔާ، އެހީ ދޭ އެކި ޖަމިއްޔާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ.
"ވޯލްޑް ބޭންކާއި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް، މިހެން ގޮސް އިތުރު ޖަމާއަތްތަކާވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވޭ. އިއްޔެ ހާމަކުރެއްވި ކަންތައްތަކާއެކު މި ބައްދަލުވުމުގެ ތެރެއިން އެކަންކަމަށް އެހީތެރިކަން ހޯދުމަށް މަސައްކަތް ކުރަމުންގެންދާނެ. އެހީ ހޯދުމަށް ކުރެވޭ ހުރިހާ މަސައްކަތެއްވެސް ކުރަމުންދާނެ." ސްޕެޝަލް އެންވޯއީ ފޯ ކްލައިމެޓް ޗޭންޖް އަލީ ޝަރީފް ވިދާޅުވިއެވެ.
ކޮޕް28ގައި ތަޤްރީރުކުރައްވަމުން ރައީސް ވިދާޅުވެފައިވަނީ ރާއްޖޭގައި 5 މިލިޔަން ގަސް އިންދަވާނެކަމަށެވެ. އެކަމާ ގުޅިގެން އަލީ ޝަރީފް ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތައް ހިއްކަމުން އަންނައިރު އެތަންތަނުގެ ހިޔާވަހިކަމަށް ގަސް އިންދުމަކީ މުހިއްމު ކަމެއްކަމަށެވެ. އަދި ގަސް އިންދަވާއިރު އެކަންކަމަށް ބައްލަވާނެކަމަށާއި ޕްލޭންތައް އެކުލަވާލާއިރު އިންދަވާނެ ގަސްތައްވެސް ކަނޑައަޅުއްވާނެކަމަށެވެ.