ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވެރިކަމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ރާއްޖޭގެ ޚާރިޖީ ދާއިރާ ބާކީވެފައި އޮތީ ޚާރިޖީ ޓީމުގެ ސަބަބުން ނޫން ކަމަށާއި، އޭރު ކަނޑައެޅިފައި އޮތް ސިޔާސަތުތައް ގޯސްވުމުން ކަމަށް ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޚާރިޖީ ވަޒީރު މިހެން ވިދާޅުވީ ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފު އެރުވުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މިރަސްމިއްޔާތުގައި ޝާހިދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ސާލިޙު ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ ޚާރިޖީ ދާއިރާ އޮތީ ބިކަވެ، އެކަހެރިވެ މުޅިން ބާކީވެފައިކަމަށެވެ.
އެ ޙާލަތުގައި ރާއްޖެ އޮއްވައި، ހުޅުވާލެވިފައިވާ ޚާރިޖީ ސިޔާސަތު ތަންފީޒު ކުރުމުގެ ސިޔާސަތެއްގެ ދަށުން ރައީސް ސާލިޙު މަސައްކަތް ފެއްޓެވިކަމަށާއި، މިއަދު ރާއްޖެއަކީ 192 ޤައުމުގެ ތެރެއިން 185 ޤައުމަކާ ޑިޕްލޮމެޓިކް ގުޅުން ޤާއިމު ކޮށްފައިވާ ޤައުމެއްކަން ޝާހިދު ފާހަގަ ކުރެއްވިއެވެ. އަދި 17 އެމްބަސީއާއި 2 ކޮންސިއުލޭޓުގެ އިތުރަށް 35ގައުމަކަށް ސަފީރުން އައްޔަންކުރެއްވިކަން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ. ޝާހިދު ވިދާޅުވީ 101 ގައުމަކަށް ވިސާއާއި ނުލާ ވަނުމުގެ ފުރުޞަތު ފަހިކޮށްދީފައިވާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
"ރައީސް ހަވާލުވިއިރު، ޚާރިޖީ އޮޑި ވަނީ ބިކަވެ ބާކީވެ އެކަހެރިވެފައި، ވިސްނުން ހުރިގޮތުން ދުނިޔޭގެ ޤައުމުތަކާއި ގުޅުން ކަނޑާލާފައި އޮތީ، އިސްލާމީ ދެޤައުމާއި، ކޮމަންވެލްތު، ބައިނަލްއަޤްވަމީ ސަލާމަތީ މަޖިލީހުގެ އިންތިޚާބުގައި ބައިވެރިވެ 40 ވޯޓުން ފެއިލްވެފައި އޮތީ. އަޑުއަހާނެ ބަޔަކު ނެތެމުން ދިޔައީ. ނަމަވެސް ހުޅުވާލެވިފައިވާ ޚާރިޖީ ސިޔާސަތު ތަންފީޒުކުރަން ފެށި ހިސާބުން ޚާރިޖީ އޮޑި ބައިނަލްއަޤްވާމީ މައިދާނުގައި ބާރު ސްޕީޑްގައި ދުއްވައިގެންފި" މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ޝެންގަންގައި ހިމެނޭ 27 ޤައުމުގެ ތެރެއިން 18 ޤައުމަކަށް ދިއުމަށް އިންޑިއާ އަދި ސްރީލަންކާއަށް ނުގޮސް ރާއްޖޭގައި ތިބެގެން ވިސާ ލިބޭނެ އިންތިޒާމް ހަމަޖައްސަވާފައިވާކަމަށެވެ. ޝާހިދު ވަނީ އަލަށް ޚާރިޖިއްޔާގެ ދާއިރާގެ ޚިދުމަތުގެ އަގުވަޒަން ކުރެވެމުންދާކަން ފާހަގަ ކުރައްވައި އެކަމަށްޓަކައި ރައީސް ސާލިޙަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދައުލަތުން މިފަދަ ކަމެއް ކުރައްވަން ނިންމެވުމަކީ ޚިދުމަތުގައި މީހުން ބޭތިއްބުމަށް ދޭ އިސްކަން ހާމަވެގެންދާ ކަމެއްކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ. ޝާހިދު ވަނީ ޚާރިޖީ ޚިދުމަތުގެ ޤާނޫނެއް އެކުލަވާލެއްވުމުންވެސް ޚާރިޖީ ޓީމުން ބުރަ މަސައްކަތް ކުރައްވާކަން ރައީސް ޤަބޫލުފުޅުކުރައްވާކަން ހާމަވެގެންދާ ކަމަށް ވިދާޅުވެ އެކަމަށްވެސް ޝުކުރު އަދާކުރައްވާފައެވެ.
ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފު އެރުވުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވަނީ ވޭތުވެދިޔަ ފަސް އަހަރު ދުވަހު ޚާރޖީ ދާއިރާއިން ކުރެއްވި މަސައްކަތްތަކުގެ މައްޗަށް ލިޔެފައިވާ ފޮތަކާއި ކޯވިޑްގެ ދުވަސްވަރު ޚާރިޖީ ދާއިރާއިންކޮށްފައިވާ މަސައްކަތްތައް ހިމަނާ ލިޔެފައިވާ ފޮތް ރައީސުލްޖުމްހޫރިއްޔާއަށް ހަދިޔާކުރައްވާފައެވެ.