ޚަބަރު

ކޯޓު ހުކުމާއި އެކު ނަޝީދު ވަކިކުރުން އަންނަ އާދިއްތަދުވަހުގެ އެޖެންޑާއަށް


  • - ނައިބު ރައީސް ނެތަސް ޖަލްސާ ބޭއްވޭނެ

  • - އެމްޑީޕީގެ 56 މެމްބަރުން ތިއްބަވާ

  • - މަޖިލީހުގެ ރައީސް ކަނޑައެޅުއްވި 5 މެމްބަރުންނަށް ރިޔާސަތުގައި އިނދެވޭނެ

ރައްޔިތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލަ، މަޖިލީހުގެ ނައިބް ރައީސް ނެތަސް ކުރިޔަށް ގެންދެވޭނެކަމަށް ސުޕްރީމްކޯޓުން ކަނޑައެޅުމުން ރައީސް ނަޝީދުގެ އިތުބާރު ނެތް މައްސަލަ އަންނަ އާދިއްތަ ދުވަހަށް ރައްޔިތުން މަޖިލީހުން އެޖެންޑާކޮށްފިއެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ނުގެންދެވިގެން މަޖިލީހުގެ ގަވައިދު މާނަކުރުމަށް އެމްޑީޕީން ސުޕްރީމްކޯޓަށް ހުށައެޅި މައްސަލަ ނިމުނީ އެޕާޓީއާ އެއްކޮޅަށެވެ. ސުޕްރީމްކޯޓުގެ ނިންމެވުމުގައި ވަނީ އެ މައްސަލައިގެ ރިޔާސަތުގައި މަޖިލީހުގެ ނައިބް ރައީސް ނެތްނަމަ މަޖިލީހުގެ ރައީސް، މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން ކަނޑައަޅުއްވާފައިވާ 5 މެމްބަރުން ކުރެ ކޮންމެވެސް އެއް މެމްބަރަކަށް ރިޔާސަތު ބެލެހެއްޓެވޭނެކަމަށެވެ.

ރައީސް ނަޝީދުގެ އިތިބާރު ނެތްކަމުގައި މައްސަލަ އަންނަ އާދިއްތަ ދުވަހުގެ 09:00 އަށް އެޖެންޑާކޮށް މަޖިލީހުންވަނީ މެމްބަރުންނަށް ވަނީ ނޯޓިސް ފޮނުއްވާފައެވެ. އެންމެ މަތީކޯޓުން އިއްވި ހުކުމާއި އެކު އެދުވަހު ޖެލްސާ މިހާރު ކުރިޔަށް ގެންދެވޭނެއެވެ.

ރިޔާސަތު ބަލަހައްޓަން ކަނޑައަޅާފައިވާ މެމްބަރުން

- ޙަސަން ޢަފީފު / ވިލުފުށި ދާއިރާގެ މެމްބަރު
- އިބްރާހީމް ޝަރީފް / މަރަދޫ ދާއިރާގެ މެމްބަރު
- އަޙްމަދު ސިޔާމް މުޙައްމަދު / މީދޫ ދާއިރާގެ މެމްބަރު
- މުޙައްމަދު އަސްލަމް / ހިތަދޫ އުތުރު ދާއިރާގެ މެމްބަރު
- ޤާސިމް އިބްރާހީމް / މާމިގިލި ދާއިރާގެ މެމްބަރު

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުން މަޖިލީހަށް ހުށައެޅީ 49 މެމްބަރުންގެ ސޮޔާއި އެކުއެވެ. ރައްޔިތުން މަޖިލީގައި އެމްޑީޕީއަށް ނިސްބެވެވަޑައިގަންނަވާ 56 މެމްބަރުން އެބަތިއްބެވިއެވެ.