ކެއްސުމާއި، ހުމާއި ރޯގާއަށްދޭ ދިޔާ ބޭހެއްގައި ކެމިކަލް މާއްދާއެއް އެކުލެވޭތީ އެ ބޭސް ވިްކުން މަނާކޮށް، މާކެޓުން އެބޭސް ނަގަން ފަށައިފިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވިދާޅުވީ ކެމިކަލެއް އެކުލެވޭ ކަމަށް ޝައްކުކުރެވެނީ ސެޓްރިޒިން ބޭހުގެ ބާވަތެއްކަމަށްވާ "އެލަރގޯ އޯރަލް ލިކުއިޑް" ނަމަކަށް ކިޔާ ޕާކިސްތާނުގައި އުފައްދާ ބާވަތެއް ކަމަށެވެ. އެހެންކަމުން އެބޭސް މިހާރު އާސަންދަ ޕޯޓަލުން ވަނީ ނަގާފައިކަމަށް އެމްއެފްޑީއޭއިން ވިދާޅުވިއެވެ. އަދި ބޭސްފިހާރަތަކުގައި ހުރި މި ބޭހުގެ ބާވަތްތައް ނެގުމުގެ މަސައްކަތްތައް މިހާރު ކުރެވެމުން އަންނަކަމަށް ވެސް އެ އޮތޯރިޓީން ވިދާޅުވެއެވެ.
އެފްޑީއޭއިން ވިދާޅުވީ 2022 ވަނަ އަހަރުގެ އޮކްޓޫބަރ މަހު، މި ބޭހުގައި ކެމިކަލްގެ މާއްދާއެއް ކަމަށްވާ ޑައިއީތައިލިން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލް ހިމެނޭކަމަށް އ.ދ. ގެ ސިއްޙަތައި ބެހޭ ޖަމުޢިއްޔާ، ޑަބްލިޔުއެޗްއޯއިން އެލަރޓުތަކެއް ނެރުމާއިއެކު، މި ބޭސް ރެންޑަމްކޮށް މާރކެޓުން ސާންޕަލް ނަގާ ސްކްރީން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ކެމިކަލް މާއްދާއެއް ހުރީ ސެޓްރެޒަން ސިރަޕްގެ ބެޗް ނަންބަރު B220 ގެ އެ ބްރޭންޑުގެ 5ML ބޭސް ފުޅިތަކުގައެވެ.
އަދި މިވަގުތު މި ކެމިކަލް ދެނެގަތުމަށްޓަކައި ކުރަންޖެހޭ ޓެސްޓް ރާއްޖޭގައި ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިނުވާތީ، ސްކްރީންކޮށް މިކެމިކަލް މާއްދާ ހިމެނޭކަމަށް ފާހަގަކުރެވޭ ސާންޕަލްތައް ސިންގަޕޫރުގައި ހުރި ލެބޯޓަރީއަކަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވިދާޅުވެއެވެ.
ސެޓްރިޒިން ބޭހުގެ މި ބާވަތަކީ ރާއްޖޭއަށް އިންޕޯޓުކުރުމުގެ ހުއްދަ ކުރިން ދެވިފައިވާ ބާވަތެވެ. އެހެންނަމަވެސް، 2022 ވަނަ އަހަރު ކެމިކަލްތަކެއް މި ބޭހުގެ ބާވަތެއްގައި އެކުލެވޭކަމަށް ޑަބްލިޔުއެޗްއޯއިން އެލަރޓުތަކެއް ނެރުމާއިއެކު، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ މި ބޭހުގެ ބާވަތްތައް ރާއްޖެ އެތެރެކުރުމުގައި ލެބޯޓްރީ ޓެސްޓުތަކެއް ހެދުމަށް އަންގާފައެވެ.