ޚަބަރު

ނަޝީދު ވަކިކުރުމުގެ މައްސަލައިގެ އަޑުއެހުން ސުޕްރީމް ކޯޓުން ނިންމާލައިފި


  • ޚިޔާލު ހުށައެޅުމުގެ ފުރުޞަތު ޕީޕީއެމް/ޕީއެންސީ އަދި ޑިމޮކްރެޓްއަށް ދިން

  • އަޑުއެހުންތައް ނިންމާލިނަމަވެސް ހުކުމް ކުރާނެ ދުވަހެއް އިއުލާންނުކުރޭ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުދާތީ، މަޖިލީހުގެ ގަވާއިދު މާނަކުރުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލައިފިއެވެ. މި މައްސަލައިގެ އަޑުއެހުންތައް ފެށީ އިއްޔެއެވެ.

މި އަޑުއެހުންތަކުގައި ދައުލަތާއި، ރައްޔިތުންގެ މަޖިލީހާއި، ތަދައްޚުލްވި ފަރާތްތަކުންވެސް ބޭނުންވާ ކަންކަން ހުށައެޅުމަށް ވަނީ ފުރުޞަތު ދެއްވަފައެވެ. މި މައްސަލައަށް ތަދައްޚުލްވެފައިވަނީ ޕީޕީއެމް/ޕީއެންސީންނާއި ރައީސް ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ދަ ޑިމޮކްރެޓްސްއިންނެވެ.

އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލާގައި ވަނީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ތާވަލުކުރާ ޖަލްސާއަށް ނައިބު ރައީސަށް ވަޑައިނުގެންނެވޭ ހާލަތުގައި، މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާއަށް އަމަލު ކުރަންޖެހޭ ގޮތަށް މާނަކޮށްދިނުމަށެވެ. މަޖިލީހުގެ ޤަވާއިދުގެ 44 ވަނަ މާއްދާގައި މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ޖަލްސާގެ ރިޔާސަތު ނުބެލެހެއްޓޭނަމަ މަޖިލީހުގެ ރައީސް ކަނޑައަޅުއްވާ މެންބަރަކު ރިޔާސަތު ބަލަހަންޓަން ވާނެކަމަށެވެ. އަދި އެ މެމްބަރަކީ މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެމްބަރަށް ވާންޖެހޭނެކަމަށްވެސް އެ މާއްދާގައިވެއެވެ.

މި މައްސަލައިގެ އަޑުއެހުމުގައި ދަޢުލަތާއި، އެމްޑީޕީ އަދި ޕީޕީއެމް/ޕީއެންސީއިން ބުނީ، އާއްމު ޖަލްސާތަކުގައި މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް މަޖިލީހަށް ހާޒިރު ނުވެވޭނަމަ، މަޖިލީހުގައި އެންމެ ގިނަދުވަސްވީ މެންބަރު ހިމެނޭގޮތަށް ޖަލްސާ ކުރިއަށްގެންދެވޭނެ ގޮތެއް މިފަދަ މައްސަލަތަކުގައިވެސް ހަމަޖެހިފައި އޮންނަންޖެހޭކަމަށެެވެ. އެގޮތަށް އެކަން ކޮށްފިނަމަ، ވަކި ބައެއްގެ މަސްލަޙަތު މައްސަލައިގެ ތެރެއަށް ނުވަންނާނެކަމަށާއި، އެއީ މަޖިލީހުގެ ޖަލްސާ ކުރިއަށްގެންދަން އޮންނަ އާއްމު އުސޫލުކަން ވަކީލުން ފާހަގަކުރެއްވިއެވެ.

އެމްޑީޕީގެ ވަކީލް ވަނީ ގާނޫނުއަސާސީއާއި މަޖިލީހުގެ ގަވައިދާއި، މަޖިލީހުގައި އަމަލުކުރަމުންދާ އާންމު އުސޫލަށް ބަލާއިރު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނެ ބޭފުޅަކު ނެތްގޮތަށް މަޖިލީހާ ގުޅޭ އެއްވެސް ކަމެއް ތަރުތީބު ކުރެވިފައި ނެތްކަމަށް ވިދާޅުވެފައެވެ. އެހެންކަމުން އެމްޑީޕީން އެދުނީ އެޕާޓީން ހުށަހަޅާފައިވާ ގޮތަށް މައްސަލަ ނިންމައިދިނުމަށެވެ. ދައުލަތުންވެސް ތާޢިދުކުރަނީ އެގޮތަށެވެ. މި މައްސަލާގައި ވާހަކަ ދައްކަވަމުން ދައުލަތް ތަމްސީލްކުރާ ބަންޑާރަ ނާއިބުގެ އޮފީހުގެ ވަކީލް ވިދާޅުވީ، މި މައްސަލައަކީ މަޖިލީހުގެ އިދާރާއިން ގަވާއިދު މާނަކުރުމުގައި އުފެދުނު ޚިޔާލު ތަފާތުވުމަކާ ހެދި ހުށަހެޅިފައި އޮތް ދުސްތޫރީ މައްސަަލައެއްކަމަށެވެ.

މި މައްސަލާގައި މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާޠިމަރު ފިލްޒާ ވިދާޅުވެފައިވަނީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ މަޖިލީހުގެ ނާއިބު ރައީސް ރިޔާސަތުގައި އިންނަވައިގެން ކަމަށާއި، އެނޫން ބޭފުޅަކަށް އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނީ މަޖިލީހުގެ ގަވައިދު އިސްލާހުކޮށްގެން ކަމަށެވެ. އަދި ރައީސް ނަޝީދުގެ އިތުބާރުނެތް ކަމުގެމައްސަލަ މަޖިލީހަށް ހުށަހެޅިފައިވިޔަސް ތަޅުމަށް އެ މައްސަލަ ހުށައަޅާފައިނުވާތީ މަޖިލިސް ހުއްޓެންޖެހޭ އަދި މަޖިލީހުގެ އެހެން މަސައްކަތްތައް ނުކުރެވެންވީ ސަބަބެއް ނެތްކަމަށް ފިލްޒާ ވިދާޅުވެފައިވެއެވެ.

މި މައްސަލައަށް ތަދައްޚުލްވެފައިވާ ޕީޕީއެމް ޕީއެންސީގެ ޤާނޫނީ ވަކީލް، އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ، މި މައްސަލައިގައި އުޅެނީ ގާނޫނު އަސާސީ ތަރުޖަމާކުރުމުގެ މައްސަލައެއްކަމަށެވެ. ހަމައެއާއެކު މަޖިލީހުގެ ޤަވާއިދު މާނަކުރުމުގެ މައްސަލައެއްކަމަށްވެސް އާޒިމާ ވިދާޅުވިއެވެ.

ދަ ޑިމޮކްރެޓްސްގެ ވަކީލް ވިދާޅުވީ، ސުޕްރީމް ކޯޓުގެ އަސްލީ އިހްތިސާސްގެ ތެރެއިން މިމައްސަލަ އެކޯޓަށް ނުބެލޭނެކަމަށެވެ. މައްސަލަ ސުޕްރީމް ކޯޓާއި ހަމައަށް ގެންދަންޖެހޭ ޙާލަތު އޮތްކަމަށް ޤަބޫލު ނުކުރާކަމަށާއި، އެފަދަ ޤާނޫނީ ހުސްކަމެއް ނެތްކަމަށް ޑިމޮކްރެޓްސްގެ ވަކީލް ވިދާޅުވިއެވެ. މިއީ މުޅި މަޖިލީހުން ޙައްލުކުރެވޭނެކަމެއްކަމަށް އެ ޕާޓީން ދެކޭކަމަށްވެސް ވިދާޅުވިއެވެ.

މި މައްސަލަ ކުރިއަށް ގެންދަވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. މައްސަލަބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒު ޢަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.

މިމައްސަލައިގެ އަޑުއެހުންތައް ނިންމާލައްވަމުން ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ، މިއަދުގެ އަޑުއެހުންތަކާއިއެކު މި މައްސަލައިގެ އަޑުއެހުންތައް ނިމުނީކަމަށެވެ. އަދި ވީހާވެސް އަވަހަށް މި މައްސައިގައި ގޮތެއް ނިންމުމަށް ފަނޑިޔާރުންގެ ބެންޗުން މަސައްކަތްކައް ކުރައްވާނެކަމަށް ވިދާޅުވިއެވެ. ނަމަވެސް މައްސަލައިގައި ގޮތެއް ނިންމާނެ ވަކި ތާރީޚެއް ހާމަކޮށްފައެއް ނުވެއެވެ.