ކައުންސިލްތަކުން ކަންކަން ނިންމަންވާނީ ޤާނޫން އަސާސީން އެއްވެސް ރައްޔިތަކަށް ލިބިދޭ އަސާސީ ހައްގަކަށް އުނިކަން ނާންނަގޮތަށް ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭއިން ވިދާޅުވެއްޖެއެވެ.
އެލްޖީއޭއިން މިގޮތަށް ވިދާޅުވެފައިވަނީ ކައުންސިލަށް ފައިސާ ދައްކަން ޖެހޭ ފަރާތްތަކުން އެފަރާތްތަކުން ދައްކަންޖެހޭ ފައިސާ ދައްކައި ނިމެންދެން ކައުންސިލުންދޭ އެއްވެސް ހިދުމަތެއް އެފަރާތަށާއި އެފަރާތުގެ އަނބި ފިރި އަދި ދަރިން ހިމެނޭ ގޮތަށް އެއްވެސް ފަރާތަކަށް ނުދިނުމަށް ވ.ފެލިދޫ ކައުންސިލްގެ 29 ވަނަ އާންމު ބައްދަލުވުމުގައި ނިންމާފައިވާ، ނިންމުމާއި ގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ.
ފެލިދޫ ކައުންސިލުން މިދިޔަ ބުދަ ދުވަހު ނެރެފައިވާ ބަޔާނެއްގައިވާ ގޮތުން ކައުންސިލަށް ފައިސާ ދައްކަންޖެހޭ މީހުންގެ އަތުން އެ ފައިސާ ހޯދުމަށް ކައުންސިލުންވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އަދި އެފައިސާއަކީ ކައުންސިލްގެ އިހުތިސާސްގައި ހިމެނޭ ބިންތައް ކުއްޔަށް ނެގުމަށް ފަހު ދައްކަންޖެހޭ ކުއްޔާއި ހިދުމަތްތައް ހޯދުމަށްފަހު ދައްކަންޖެހޭ ފައިސާކަމަށްވެސް ހާމަކޮށްފައިވެއެވެ.
އެލްޖީއޭއިން ނެރެފައިވާ ބަޔާނުގައިވެސްވަނީ ކައުންސިލްތަކުން ޚިދުމަތް ހޯދުމަށް ފަހު ގަވާއިދުން ފައިސާ ނުދައްކާތީ އެކަމާ ކަންބޮޑުވާކަން ހާމަކުރައްވާފައެވެ. އެހެންނަމަވެސް މިފަދަ ކަންކަމުގެ ސަބަބުން މާލީގޮތުން ކައުންސިލް ތަކަށް ގޮންޖެހުން ކުރިމަތިވި ނަމަވެސް ގަވައިދުތަކާއި ކަންތައްތައް ނިންމަންވާނީ ގާނޫނު އަސާސީން ލިބޭ އަސާސީ ހައްގުތަކަށް އުނިކަން ނާންނާނެ ގޮތަށް ކަމަށް ވެސް އެލްޖީއޭއިން ވަނީ ވިދާޅުވެފައެވެ.
އަދި ރަށެއްގެ ރައްޔިތުން އަމަލުކުރުމަށް ކައުންސިލުން ނިންމާ ކޮންމެ ނިންމުމެއް ވާންވާނީ ގާނޫނަކުން ނުވަތަ ގަވާއިދަކުން އެއަށް ބާރު ލިބިގެން ނިންމޭ ނިންމުމަކަށް ކަމަށްވެސް އެލްޖީއޭއިން ވިދާޅުވެފައިވެއެވެ. އަދި ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ބައެއް ކަންކަމަކީ ކައުންސިލްތައް މެދުވެރިކޮށް ފޯރުކޮށްދެމުން ގެންދާ އަސާސީ އަދި އާއްމު ހިދުމަތްތަކަކަށްވާއިރު، ކައުންސިލް އިދާރާއަކުން ފޯރުކޮށްދޭ ޚިދުމަތަކުން އެއްވެސް ރައްޔިތަކު މަހުރޫމް ކުރެވޭނީ ގާނޫނު އަސާސީއާ ޚިލާފުނުވާނެހެން ފާސްކޮށްފައިވާ ގާނޫނަކުން ނުވަތަ ގަވާއިދަކުން އެކަންކުރުމަށް ބާރު ލިބިގެން ކަމަށް އެލްޖީއޭގެ ބަޔާނުގައި ވެއެެވެ.
ކައުންސިލާއި އަމިއްލަ ފަރުދަކާއި މެދުގައި ވެވޭ މަދަނީ މުއާމަލާތެއްގެ ތެރެއިން، އެފަރާތުން ކައުންސިލަށް ދައްކަން ޖެހޭ ފައިސާ ނުދެއްކުމަކުން، ގާނޫނުގެ ތެރެއިން ނުވަތަ ގަވައިދަކުން ހުއްދަކުރާ ފިޔަވަޅެއް މެނުވީ އެއްވެސް ރައްޔިތަކާމެދު އެޅުމަކީ ފަރުދީ ހައްގެއް ހިފެހެއްޓުން ކަމުގައި އެއޮތޯރެޓީން ދެކޭކަމުގައިވެސް އެލްޖީއޭއިން ވަނީ ހާމަކުރައްވާފައެވެ.
ފެލިދޫ ކައުންސިލުން ނިންމުމާއި ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް، އެޗްއާރްސީއެމް އިންވެސް ވަނީ ހިއުމަން ރައިޓްސް ކޮމިޝަނުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ހ)ގެ ދަށުން, ފެލިދޫ ކައުންސިލުގެ ބަޔާން ބާތިލު ކުރުމަށް އެ ކައުންސިލަށް އަންގާފައެވެ.
އެޗްއާރްސީއެމްގެ ބަޔާނުގައިވަނީ ލާމަރުކަޒީ ގާނޫނު ހިމެނޭހެން އެއްވެސް ގާނޫނެއްގެ ދަށުން ލޯކަލް ކައުންސިލަކަށް އެ ކައުންސިލަކުން ފޯރުކޮށްދޭންޖެހޭ ހިދުމަތެއް ފޯރުކޮށްނުދީ ހިފެހެއްޓިދާނެ ހާލަތެއް ބަޔާންކޮށްފައި ނުވާ ކަމަށެވެ. އަދި ކައުންސިލުން ފޯރުކޮށްދޭ ހިދުމަތެއް ވަކި ބަޔަކަށް ނުދީ ހިފެހެއްޓުމަކީ ފެލިދޫ ކައުންސިލަށް ލިބޭ ބާރެއް ނޫންކަން ފާހަގަކޮށް އެކަން އެގޮތަށް ކުރަން ނިންމާފައިވާތީ އެޗްއާރްސީއެމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.