ޚަބަރު

ވިޔަފާރި އުޞޫލުން ރީބްރޯޑްކާސްޓް ކުރާނަމަ، މިހާރު ލައިސަންސެއް އޮތުން ލާޒިމް


  • މިއީ ރީބްރޯޑްކާސްޓް ކުރުމުގެ ޤަވާޢިދަށް މިގޮތަށް ގެނެވުނު 2 ވަނަ އިސްލާޙު

  • މި އިސްލާހާއެކު، ރީބްރޯޑްކާސްޓް ކުރުމުގެ ލައިސަންސެއް އޮތުން ލާޒިމްވާނެ

  • މުއްދަތު ހަމަވުމުގެ 90 ދުވަސް ކުރިން ލައިސަންސް އައުކުރަން ހުށަހަޅަންޖެހޭނެ

އަމިއްލަ ބޭނުމަށް ފިޔަވައި ވިޔަފާރި އުޞޫލުން ރީބްރޯޑްކާސްޓް ކުރާނަމަ، ލައިސަންސެއް އޮތުން ލާޒިމްވާގޮތަށް، ރީބްރޯޑްކާސްޓް ކުރުމުގެ ޤަވާޢިދު އިސްލާހުކޮށްފިއެވެ. މިއީ މި ޤަވާޢިދު 2022 ވަނަ އަހަރު ވުޖޫދުވިފަހުން ގެނެވުނު ދެވަނަ އިސްލާހެވެ.

މި އިސްލާހުގައި، ލައިންސަސް ނެތި ދިވެހިރާއްޖޭގެ ރަށްރަށުގައްޔާއި، ސިޓީ، ހޮޓާ، ރެސްޓޯރަންޓް އަދި ރިސޯޓްތަކުގައި، އެއަރޓެލް، ޑިޝްޓީވީ ނުވަތަ އެނޫންވެސް ވަޞީލަތްތައް ބޭނުންކޮށްގެން ވިޔަފާރީގެ ބޭނުމަށް ރީބްރޯޑްކާސްޓް ކުރުމުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ޗެނަލް ރީބްރޯޑްކާސްޓް ކުރުމުގެ ރައިޓްސްނެތި ޚިދުމަތް ދެމުންދިއުމާއި، އެ ޚިދުމަތް ވިޔަފާރި އުޞޫލުން ލިބިގަންނަ ފަރާތްތަކުގެ ޢަމަލުތައް ހުއްޓުވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ވިދާޅުވީ، މިފަދަ ލައިސަންސެއް ނެގުމުގެ ބޭނުމަކީ ޗެނަލް ރައިޓްސްނެތި ވިޔަފާރި އުޞޫލުން ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތައް ހުއްޓުވުން ކަމަށެވެ.

ހަމައެއާއެކު، މި އިސްލާހުގައި ލައިސަންސްގެ މުއްދަތު ހަމަވުމުގެ 90 ދުވަސް ކުރިން ލައިސަންސް އައުކުރުމަށް ހުށަހެޅުން ލާޒިމްކޮށް، އެ މުއްދަތުގެ ފަހުން ލައިސަންސް އައު ކުރުމަށް ހުށަހެޅުންތައް ބަލައިނުގަތުމަށް ބަޔާންކޮށްފައިވެއެވެ. އަދި ޗެނަލް ރައިޓްސް ނެތި ބްރޯޑްކާސްޓް ކުރާ ފަރާތްތައް ޖޫރިމަނާ ކުރުމުގެ އިތުރުން، ބްރޯޑްކާސްޓްކުރުމުގެ އަހަރީ ފީ ނުދައްކާ ފަރާތްތައް ޖޫރިމަނާ ކުރުމަށްވެސް މި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

ރީބްރޯޑްކާސްޓް ކުރުމުގެ ޤަވާޢިދަށް ގެނައި މި އިސްލާހު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިރު ކުރުމާއިއެކު، މި ޤަވާޢިދަށް ޢަމަލުކުރަން ވަނީ ފަށާފައެވެ.