ޚަބަރު

ކުރިއަށް އޮތް 24 ގަޑިއިރުވެސް އެކި ހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެ: މެޓް އޮފީސް


  • ބައެއް ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވެހުން އެކަށީގެންވޭ

  • ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެ، ނަމަވެސް ދެކުނުގެ ކަނޑުތައް ގަދަވާނެ

  • ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށްވަނީ އެދިފައި

ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ. އެއިދާރާއިން ވިދާޅުވީ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާއިންވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް މެންދުރުފަހު 14:30އާ ހަމައަށް ހުދު ސަމާލުވެސް ނެރެފައެވެ. ހުދު ސަމާލު ނެރެފައިވަނީ ހއ.އަތޮޅުން ފެށިގެން ގއ.އަތޮޅު ހިމެނޭ ސަރަހައްދަށެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިންވަނީ ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.

މޫސުމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެއިދާރާއިން ވިދާޅުވީ އުތުރާއި މެދު ރާއްޖެ ތެރޭގައި ވައި އެނބުރި، އިރުދެކުނާއި ދެކުނުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް 8 މޭލާއި 18 މޭލާއި ދެމެދުގައި ވައި ބާރުވާނެ ކަމަށެވެ.

މޫސުމާބެހޭ އިދާރާއިން ވިދާޅުވި ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައް އާދައިގެ މިންވަރަކަށް މަޑުވާނެއެވެ. އެހެންނަމަވެސް ދެކުނުގެ ކަނޑުތައް އާދައިގެ މިންވަރަކަށް ގަދަ ވާނެ ކަމަށެވެ. އެގޮތުން އުތުރާއި މެދުރާއްޖޭގައި ރާޅު ބާނިތަކުގެ އުސްމިނުގައި 2 ފޫޓާއި 4 ފޫޓާއި ދެމެދުގެ މިންވަރެއް ހުންނާނެކަމަށާއި، ދެކުނުގައި 3 ފޫޓާއި 6 ފޫޓުގެ އުސްމިނެއް ރާޅު ބާނިތަކުގައި ހުންނާނެ ކަމަށެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވާރޭ ވެހޭނެކަމަށް ލަފާކޮށްފައިވާއިރު، އިއްޔެ ވެސް މާލެއަށް ބޯކޮށް ވާރޭ ވެހި، މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ.