ޚަބަރު

ސަބްސިޑީ ދޭނީ އާބާދީގެ އެންމެ ދަށް ޢާމްދަނީ ލިބޭ %65 މީހުންނަށް


  • އަންނަ އަހަރު ސަބްސިޑީ ދޭގޮތަށް ބަދަލުތަކެއް ގެންނާނެ

  • ސަބްސިޑީ ދެވޭނީ އޭގެ އެންމެ ޙައްގުވެރިންނަށް

  • މުއްސަދިންނަށް ސަބްސިޑީ ނުދެވޭނެ

ދައުލަތުން ދެމުން އަންނަ ސަބްސިޑީއަށް ގެންނަ ބަދަލުގެ ދަށުން، ސަބްސިޑީ ދޭނީ، ރާއްޖޭގެ އާބާދީން އެންމެ ދަށްކޮށް ޢާމްދަނީ ލިބޭ 65 އިންސައްތަ ފަރާތްތަކަށް އެކަނިކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރައްވައިފިއެވެ. ރައްޔިތުންނަށް ބޭނުންވާ އެންމެ ޟަރޫރީ ތަކެއްޗަށް ސަރުކާރުންދޭ އެހީ ނުވަތަ ސަބްސިޑީގެ އޮނިގަނޑަށް ބަދަލުތަކެއް ގެނައުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ.

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި ވަނީ ޢާންމުކޮށް ރައްޔިތުން ބޭނުންކުރާ ކަރަންޓާއި ކާޑުގެ ބާވަތްތައްފަދަ އެންމެ ޟަރޫރީ ބާވަތްތަކުގެ އަގު ކުޑަކުރުމަށް، ކުންފުނިތަކަށް ސަރުކާރުންދޭ ސަބްސިޑީތަކުގެ އޮނިގަނޑަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނެންޝިއަލް ބަޖެޓު އެގްޒެކެޓިވް އަޙްމަދު ސަރުވަޝް އާދަމް ވިދާޅުވީ ދައުލަތުގެ ޚަރަދުތައް ކުޑަ ކުރުމަށް ކަނޑައެޅި ސިޔާސަތުގެ ދަށުން، ދައުލަތުން ކުރާ ހޭދަ ކުޑަކުރެވޭނެ އެކި ގޮތްތައް ވިސްނާފައިވާ ކަމަށެވެ.

ސަރުވަޝް ވިދާޅުވީ މިހާރަކަށް އައިސް ދުނިޔޭގެ ތެލުގެ އަގު ބޮޑުވުމުން، ތެލުގެ އަގު ރާއްޖޭގައި އެއް ހަމައެއްގައި ހިފެހެއްޓުމަށް ބޮޑު ސަބްސިޑީއެއް ސަރުކާރުން ދެމުން އަންނަކަމަށެވެ. ނަމަވެސް ތެލުގެ އަގު ކުޑަކުރުމަށް، ތެޔޮ ކުންފުނިތަކަށް ސަރުކާރުން ދޭ ސަބްސިޑީއަކީ ދެމެހެއްޓެނިވި ގޮތެއްގައި، ޚަރަދު ކުޑަ ވާނޭހެން ދެވޭ އެއްޗެއްގެ ގޮތުގައި ޤަބޫލުނުކުރައްވާ ކަމަށް ސަރުވަޝް ވިދާޅުވިއެވެ.

ސަރުވަޝް ވިދާޅުވީ ސަބްސިޑީ ދޭ އުސޫލަށް ގެންނަ ބަދަލުތަކުގެ ދަށުން ސަބްސިޑީ ދެވޭނީ ހުރިހާ އިންޑައިރެކްޓް ސަބްސިޑީތައް އެއްކޮށްލުމަށްފަހު، އާބާދީގެ ވަކި ބަޔަކަށް ދިނުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން، ނޭޝަނަލް ބިޔުރޯ އޮފް ސްޓެޓިސްޓިކްސްގެ "ހައުސްހޯލްޑް އިންކަމް އެންޑް އެކްސްޕެންޑިޗަރ" ނުވަތަ ގޭބީސީތަކަށް ލިބޭ ޖުމްލަ އާމްދަނީއާއި، ކުރާ ޚަރަދުތަކާއި ގުޅޭ ސާވޭއަށް ރިޢާޔަތްކޮށް، ރާއްޖޭގެ އާބާދީން އެންމެ ދަށްކޮށް ޢާމްދަނީ ލިބޭ 65 އިންސައްތަ ފަރާތްތަކަށް އެކަނި ސަބްސިޑީ ދިނުމަށް ނިންމާފައިވާކަމަށެވެ. އަދި އެއީ ގޭބިސީތަކުގެ ނިސްބަތުން ބަލާނަމަ، 50 އިންސައްތަ ކަމަށާއި، އަބާދީގެ ބާކީ 35 އިންސައްތަ މުއްސަދިންނަށް އިންޑައިރެކްޓް ސަބްސިޑީ ނުދޭގޮތަށް ނިންމާފައިވާކަމަށް ސަރުވަޝް ވިދާޅުވިއެވެ.

"މި ފަހަރުގެ ބަޖެޓުގައި އަޅުގަނޑުމެން ޕްރޮޕޯޒް މިކުރަނީ "ޓާގެޓެޑް ބޭސިކް އިންކަމް" ފޯރުކޮށްދޭން. މީގެ ބޭނުމަކީ ގޭބިސީތަކަށް ސަބްސިޑީ ދޭއިރު، ޙައްޤުވެރި ފަރާތްތަކަށް ސަބްސިޑީ ފޯރުކޮށްދިނުން. މިއަހަރު ވިސްނީ ކޮންމެހެން ޓާގެޓެޑް ބޭސިކް އިންކަމްއެއް ތަޢާރަފް ކުރާކަށެއް ނޫން. އެހެންނަމަވެސް، ސަބްސިޑީ ރިފޯމެއް ގެންނަން. އޭގެތެރޭގައި ޓާގެޓެޑް ސަބްސިޑީ ދިނުމުގެ ބައެއް ނޯންނާނެ. އެކަމަކު، މިހާރު އަޅުގަނޑުމެން ރޭވީ އިންޑައިރެކްޓްކޮށް ދޭ ބައެއް ސަބްސިޑީތައް އެއްކޮށްލުމަށްފަހު، ސަބްސިޑީ ދޭން. އޭގެ ތެރޭގައި ފިއުލް ސަބްސިޑީ، ކާޑުގެ ސަބްސިޑީ، ދެން ފެނާއި ނަރުދަމާގެ ސަބްސިޑީ، ހިމެނޭ. މި ސަބްސިޑީތައް އެއްކޮށްލާފައި އޭގެ ޙައްޤުވެރި ފަރާތްތަކަށް އެ ސަބްސިޑީ ފޯރުކޮށްދިނުން." އަޙްމަދު ސަރުވަޝް އާދަމް ވިދާޅުވިއެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓަކީ 49.5 ބިލިއަން ރުފިޔާއެވެ. އަންނަ އަހަރަށް ސަބްސިޑީގެ ގޮތުގައި 2،250 މިލިއަނާއި، 3،000 މިލިއަން ރިފިޔާއާއި ދެމެދުގެ ޚަރަދެއް ހިނގާނެކަމަށް ބަޖެޓުގައި ލަފާކޮށްފައިވެއެވެ. އަދި މި އަހަރަށް 3،750 މިލިއަން ރުފިޔާ އާއި 4،500 މިލިއަން ރުފިޔާ އާއި ދެމެދުގެ ޚަރަދެއް ސަބްސިޑީއަށް ޚަރަދުވާނެކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

އެހެންކަމުން އަންނަ އަހަރު ސަބްސިޑީ ދިނުމުގެ ނިޒާމަށް ގެންނަ އައު ބަދަލުތަކާއިއެކު، ސަބްސިޑީއަށް ޚަރަދު ކުރާ މިންވަރު ބޮޑުތަނުން ދަށްވާނެކަމަށް ބަޖެޓުގައި ލާފޮށްފައިވެއެވެ. އަދި މި އަދަދު 2025 ވަނަ އަހަރަށް އަންނައިރު، 750 މިލިއަން ރުފިޔާއަށް ދައްވާނެކަމަށް ލަފާކޮށް، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވެއެވެ.