ޚަބަރު

ރައީސް ނަޝީދުގެ މައްސަލަ ކުރިއަށް ގެންދިއުމަށް މާދަމާ ޖަލްސާއެއް ބާއްވަނީ


  • އެމްޑީޕީ ޕީޖީ ލީޑަރު އަސްލަމް ވިދާޅުވީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގައި ޖަލްސާއެއް ބޭއްވި ދާނެކަމަށް

  • މިހާތަނަށް ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ޖަލްސާއެއް ބޭއްވިފައި ނުވޭ

ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް މާދަމާވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް، މަޖިލީހުގެ އިދާރާއިން ނިންމަވައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމްޑީޕީ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު، އަދި މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތުމުގެ މައްސަލައެއް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގައި ބޭއްވިދާނެކަމަށެވެ. އެގޮތުގެ މަތިން މާދަމާއަކީ ރަސްމީ ގޮތުން ސަރުކާރު ބަންދު ދުވަހަކަށް ނުވާތީ، މާދަމާ ޖަލްސާއެއް ބޭއްވިދާނެކަމަށެވެ.

މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވައި، އެ ޖަލްސާއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށްދިނުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އެދިފައެވެ. އަދި މި މައްސަލަ ކުރިއަށްގެންދިއުމަށް މާދަމާ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް މަޖިލީހުގެ އިދާރާއިން ވަނީ ނިންމަވާފައެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްގެންދެވިފައިނުވަނީ މަޖިލީހުގެ ނައިބު ރައީސް ބަލިވެ އުޅުއްވާތީއެވެ. މަޖިލީހުގެ ޤަވާޢިދު ބުނާގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ބަލާއިރު، ރިޔާސަތުގައި އިންނަވަން ޖެހޭނީ، މަޖިލީހުގެ ނައިބު ރައީސެވެ. މުޅި މި ހަފްތާ ނައިބު ރައީސް ބަލިވެ އުޅުއްވާތީ، މި މައްސަލަ ކުރިއަށް ގެންދެވޭ ގޮތް ވަނީ ނުވެފައެވެ.

މަޖިލީހުގެ ނައިބު ރައީސްއަށް ޖަލްސާތަކުގައި ބައިވެރިވެ ވަޑައިނުގެންނެވޭތީ، އިތުރު ގޮތެއް ހޯދުމަށް އެމްޑީޕީން ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއްވެސް ހުށަހަޅާފައެވެ. އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން އަންނަ ހޯމަ ދުވަހަށް ސުޕްރީމް ކޯޓުން ވަނީ ތާވަލުކޮށްފައެވެ.