ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމްގެ އެއްވެސް މެމްބަރަކު އެހެން ޕާޓީއަކަށް ނުވަތަ ޕީއެންސީއަށް ފޯމުފުރަން ނުޖެހޭކަމަށާއި، އެއީ އެއްފިކުރެއްގެ ދެ ޕާޓީކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް ޔާމީން ގެ ބަންދަށް ލުއިދެއްވުމާއި ގުޅިގެން 10ވަރަކަށް މަސް ފަހުން އެމަނިކުފާނު ވަނީ ޕާޓީގެ އޮފީހުގައި ސަޕޯޓަރުންނާއި ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމަކީ ޕާޓީގެ ލީޑާރޝިޕަށް އެނގިވަޑައިގެން ބޭއްވި ބައްދަލުވުމަކަށް ނުވާތީ ޕާޓީގެ ލީޑަރުން ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.
މި ބައްދަލުވުމުގައި ސަޕޯޓަރުންނާއި މުޚާޠަބުކުރައްވާ ރައީސް ޔާމީން ވަނީ ޕީޕީއެމަކީ އެންމެ ވަރުގަދަ ސިޔާސީ ޕާޓީއަށް ހެދުމުގެ މަސައްކަތް އިތުރުކުރެއްވުމަށް ސަޕޯޓަރުންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި އަމާޒަކަށްވާން ވާނީ ޒުވާން ޖީލަށް އެޕާޓީގެ ސިޔާސަތުތައް ކިޔައިދީ އެފިކުރު ވިއްކުންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ޔާމީން ވަނީ ޕީޕީއެމްގެ އެއްވެސް މެމްބަރަކު އެހެން ޕާޓީއަކަށް ނުވަތަ ޕީއެންސީއަށް ފޯމުފުރަން ނުޖެހޭކަމަށް ވިދާޅުވެފައެވެ. އެއީ އެއްފިކުރެއްގެ ދެ ޕާޓީކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކާމިޔާބުކުރަން ބުރަ މަސައްކަތްތަކެއް ކުރަންޖެހޭކަންވެސް ރައީސް ޔާމީން ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް ޔާމީން ވަނީ ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ނަތީޖާއާއިމެދު އުފާކުރައްވާކަމަށް ވިދާޅުވެ އައު ސަރުކާރަށްވެސް އިދިކޮޅުގެ ގޮންޖެހުން ކުރިމަތިވާނެކަން ފާހަގަކުރައްވާ ހިތްވަރާއެކު އެކަންކަމާ ކުރިމަތިލައްވަން އެދިވަޑައިގެންފައެވެ.
ރައީސް ޔާމީން ތަންފީޒްކުރައްވަމުން ގެންދަވާ ޖަލު ހުކުމެއް ލުޔެއް ދެއްވާ އެންމެ ފުރަތަމަ ގެއަށް ބަދަލުކުރެއްވީމިމަހުގެ ފުރަތަމަ ދުވަހުއެވެ. އޭގެފަހުން ވަނީ ގޭބަންދަށްވެސް ލުއިދެއްވާ ރަށު ބަންދަށް ބަދަލުކުރައްވާފައެވެ.
ރައީސް ޔާމީން އެންމެ ފަހުން ސަޕޯޓަރުންނާއި ބައްދަލުކުރައްވާފައިވަނީ މީގެ 10ވަރަކަށް މަސްކުރިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 23ގައި އޮތް ޖަލްސާއެއްގައެވެ.