ހައްދުފަހަނައަޅާފައިވާ ޔަހޫދީން ފަލަސްޠީނުގެ ޣައްޒާއަށް ދެމުންދާ ވަރުގަދަ ހަމަލާތަކުގައި ޣައްޒާގެ އެތައް ކުޑަކުދިންނެއް މަރުވަމުންދާއިރު، އެންމެ ފަހުގެ ހަނދާންކުރުމަށާއި އެކުދިންނަކީ ކޮންބައެއްކަން ދުނިޔެއަށް އެންގުމުގެ ގޮތުން އެކުދިންގެ ހަށިގަނޑުތަކުގައި ދަނީ ނަން ލިޔަމުންނެވެ.
އިސްރާއިލުން ދެމުންދާ ބޮންތައް ގުގުމާލައި ވަށައިގެންވާ ދުނިޔެ ތެޅިގަންނަ އިރު، ސާރާ އަލްޚާލިދީ އާއި އޭނާގެ ހަތަރު ދަރިން ޣައްޒާ ޓަލް އަލްހަވާ ސިޓީ ސަރަހައްދުގައި ހުންނަ ގޭގެ ސިޓިންރޫމްގެ ތަޅުންމަތީގައި އޭނާގެ ހަތަރު ދަރިންގެ ގައިގައި ހިފަައްޓާލައިގެން ފިތިގެން ތިއްބެވެ. އެ ހަތަރު މައިން އެތިބީ އެތަނުން ނިކުންނާނެ ގޮތެއް ނެތި ވަށައިގެން އަޅަމުންދާ ބޮމުން ހަނަފަސްކުރަމުންދާ އަމިއްލަ ބިމުގައި ތާށިވެފައެވެ. މިއީ އިންސާނިއްޔަތުކަމުގެ ކަންފުޅެއްނެތި ނެތް ޔަހޫދީ އިސްރާއިލުން ދެމުންދާ ހަމަލާތަކުގެ ހިތި ނަތީޖާއެވެ.
މިއީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެކަމުގެ އަސަރުތައް ތަހަމަލްކުރަމުންދާ އެތައް ހާސް އާއިލާއެއްގެ ތެރެއިން އެފަދަ އާއިލާއެކެވެ. ވަށައިގެންވާ ބިރުވެރިކަން ފެންނަ ކޮންމެ ފަހަރަކު ސާރާގެ ހިތުގައި ބަޔާންކުރަން ދަތި ވޭނެއް އަޅައެވެ. އޭނާގެ ކުދިން ހެޔޮހާލުގައި ލެއްވުމަށް އެދި އެ މަންމަ އެދަނީ އެ ބޮންގޮވުންތަކުގެތެރޭގައި ތާށިވެ އިނދެގެން ރެޔާއި ދުވާލު ސަލާމަތްކުރެއްވުމަށް އެދި ދުޢާ ކުރަމުންނެވެ.
އިސްރާއިލުން ދެމުން ދާ ބޮމުގެ ހަމަލާތައް ރޭގައިވެސް ހުއްޓުމަކަށް ނާދެއެވެ. ފަހަރަކަށްވުރެ ފަހަރެއް އެމީޙުން ދިޔައީ ބޮންއެޅުން އިތުރު ކުރަމުންނެވެ. ސާރާ ބުނިގޮތުގައި އެމީހުން ދެމުދިޔަ ބޮމުގެ ހަމަލާތަކުގެ ސަބަބުން އަލިފާނުގެ ބޮޑު ރޮނގެއް އެ ސަރަހައްދުގައި ވަނީ ވަށާލެވިފައެވެ.
"އެވަގުތު އަހަރެން ހިތައް އެރި އަހަރެމެންގެ ގެއަށް ބޮމުގެ ހަމަލާ އަމާޒުވިނަމަ އަހަރެންގެ ކުދިންތައް މަރުވެދާނެއޭ، އަދި އެއްވެސް މީހަކަށް އެކުދިންނަކީ ކާކުކަމެއް ނޭނގޭނެ ވަރަށް އަސަރުކުރާނެއޭ." 40 އަހަރުގެ ސާރާ އޭނާއަށް އިހުސާސްކުރެވުނު ހިތްދަތިކަން ކިޔައިދިނެވެ. ސާރާގެ އާއިލާ އެރޭގެ ހަމަލާތަކުގައި ސަލާމަތްވިއެވެ. އަދި ޖެހިގެން އައި ދުވަހު ޣައްޒާގެ ހުޅަނގުގެ ޚާން ޔޫނިސްގައި ހުންނަ ތިމާގެ ބައެއްގެ ގޭގައި މަޑުކުރުމަށް ދިޔައެވެ. އެގެއަށް ދިޔައީ ހަމަލާތަކުން ސަލާމަތްވުމަށް ފަސޭހަތަނަކަށް ވެދާނެކަމަށެވެ. ނަމަވެސް އެގެއަށް ވަތް ތަނާ ސާރާ ސިހުނީ އޭނާގެ ގާތްތިމާގެ މީހުން އެމީހުންގެ ދަރިންގެ ގައިގައި ނަންތައް ލިޔަމުންދިޔަ މަންޒަރު ފެނުމުންނެވެ. މި މަންޒަރު ފެނުމުން އޭނާއަށް އަޑުގެ ނެއްކޮޅަށް ރޮވެން ފެށުނުކަމަށް ސާރާ ބުންޏެވެ. އަދި އެހެން ހަދައިފިނަމަ އޭނާގެ ދަރިންގެ މައްޗަށް އެގެނވެނީ ނުބައި ނަސީބެއް ގޮތުގައި އޭރު އެނާ ދެކުނުކަމަށް ސާރާ ބުންޏެވެ.
ނަމަވެސް އަލް-ޝިފާ ހޮސްޕިޓަލުގެ ބައެއް ޑޮކްޓަރުން، އެތާގައި ފަރުވާދޭން ތިބި ކުދިންގެ ހަށިގަނޑުތަކުގައި އެކުދިންގެ ނަންތައް ލިޔަމުން ދިޔަ މަންޒަރު ފެނުމުން ސާރާގެ ހިޔާލު ބެދަލުވިކަމަށް އޭނާ ބުންޏެވެ. "އިސްރާއިލުން ކުށެއްނެތި މަރާލާ އަހަރެމެންގެ ކުދިންގެ ވާހަކަ ދުނިޔެއަށް އެނގެން ޖެހޭ. އެއީ ނަންބަރުތަކެއް ނޫން، ނަމަވެސް އަގުހުރި ނަންތަކެއް، އެތައް ވާހަކަތަކެއް، އަދި އެކުދިންގެ އެތައް މައުސޫމް ހުވަފެންތަކެއް މުގުރާލީ އިސްރާއިލުގެ ޔަހޫދީންކަން ދުނިޔެއަށް އަންގަންޖެހޭ." ސާރާ ބުންޏެވެ.
އެކުދިންގެ ހަށިގަނޑުތަކުގައި ނަން ލިޔަމުންދަނީ އެކުދިން މަރުވެގެން ދާހިނދު އެކުދިންގެ އާއިލާތަކަށް ކުޑަވެސް ތަސައްލީއެއް ލިބޭނީ އެކުދިންގެ ނަމަށް ކަނޑައެޅޭ ވަޅެއްގައި އެކުދިންގެ ހަށިގަނޑުތައް ވަޅުލެވޭނެ އިންތިމާޒު އާއިލާތަކަށް ހަދައިދިނުމުންނެވެ. މިއީ ބުނެލަން ފަސޭހަވެފައި ލިޔަން ފަސޭހަ ވާހަކައެއް ކަމުގައިވިޔަސް އެތައް މައުސޫމް ކުދިންނެތް މަރުވަމުންދާއިރު އެކުދިންގެ ވަކިވެ ދިއުމުން އަޅާވޭން އިހުސާސްކުރެވޭނީ ކަރުނަ އަޅައި ރޮމުންދާ ނިކަމެތި މައިންބަފައިންގެ ހިތްތަކުގައެވެ.
މިވޭންދެނިވި ހަމަލާތަކާއި ގުޅިގެން ރައްކާތެރިކަމުގެ ބޯހިޔާވަހިކަމެއް ހޯދައިދިނުމަށް އދ އިން ޣައްޒާގައި ހިންގަމުންދާ ގިނަ ސްކޫލުތަކަށްވެސް ދަނީ ހަމަލާއަންނަމުންނެވެ. އެތަންތާގައި 629،000 ފަލަސްޠީނުގެ ރައްޔިތުން ރެފިއުޖީން ގޮތުގައި އެބަ ތިއްބެވެ. އދ އިން ޣައްޒާގައި ހިންގަމުންދާ އެފަދަ ސްކޫލެއްގެ ރެފިއުޖީން ގޮތުގައި ތިބި ސަލްވާ ބުނިގޮތުގައި ޣައްޒާގައި މިހާރު އަމާން އެއްވެސް ތަނެއް ނެތެވެ. ރައްކާތެރިކަމުގެ ދަށަށް ދާނެ ގެދޮރެއް އަދި ވަންނާނެ ތަނެއް ނެތެވެ. ކޮންމެ ދިމާލަކުންވެސް އަންނަމުންދަނީ ހަމަލާއެވެ. ކޮންމެ ސިކުންތަކު ހަމަލާއެއް އައިސްފާނެ ކަމުގެ ބިރަށް ތައްޔާރުވެ ތިބެންޖެހެއެވެ. މި ހަނގުރާމައާއެކު އެތައް ކުޑަކުދިންނެއްގެ ކިޔެވުން މިވަނީ ހުއްޓުމަކަށް އައިސްފައެވެ.
Children in the besieged Palestinian enclave of Gaza are having their names written on their arms to make their bodies easier to identify if they die in an Israeli attack. pic.twitter.com/xZyM02lthi
— Natalia Gabriella Dominica (@Natalia96058112) October 23, 2023
“މި ހަނގުރާމަ ދަނީ އެންމެނަށް އަމާޒުކުރަމުން. އަހަރެމެންނަކަށް ރައްކާޓެރިކަމުގެ އެއްވެސް އިހުސާސެއް ނުކުރެވޭ. ބަލާބަލަ އިސްރާއިލުން އަލްމަގްދީ ރެފިއުޖީ ކޭމްޕަށް ހެދިގޮތް. އެމީހުން އެތަނަށް ބޮން އަޅާ ގެދޮރު ގެއްލިފައިވާ އެތައް އަދަދެއްގެ މީހުން އެވަނީ މަރާލާފައި“ސަލްވާ ހިތާމައާއެކު ބުންޏެވެ.
ސަލްވާ އޭނާގެ މާމަ ދަރިންނާއި އެތާނގައި ތިބި ކުޑަކުދިންގެ އަތުގައްޔާއި ފައިގައި ވަނީ އެކުދިންގެ ނަންތައް ލިޔެފައެވެ. "އަހަރެން ބޭނުން މިކުދިން ދުނިޔެއަށް އެނގެން، އެކުދިންގެ ނަން ޝަހީދުންގެ ގޮތުގަައި ލިޔެ، އިސްރާއިލުން ކުށެއްނެތި މަރާލިކަން ދުނިޔެ ގަބޫލުކުރަން.” އޭނާ ބުންޏެވެ. ސަލްވާ ބުނީ މަރުވެފައިވާ ތުއްތު ކުދިންގެ ފޮޓޯއާއި އެކުދިންގެ ހަށިގަނޑުތައް ބަލަން އޭނާއަށް ކެއްނުވާކަމަށެވެ. "އަހަރެން އުންމީދުކުރަނީ މިކަން ހުއްޓުމަކަށް އަންނަން. “ކޮންމެ ދުވަހަކު އަހަރެމެން މި ތަޙަމަލްކުރަންޖެހޭ ބިރުވެރިކަމާއި ރަޙުމްކުޑަކަމުގެ ސަބަބުން ރޮވޭ."
މިވޭތުވެދިޔަ 3 ހަފްތާގެ ތެރޭގައިވެސް ޖައްބާރު ޔަހޫދީ އިސްރާއިލުން ދުނިޔޭގެ އެންމެ އާބާދީ ބޮޑު އެއް ސަރަހައްދު ކަމަށްވާ ވަށާލެވިފައިވާ ޣައްޒާ ސްޓްރިޕްއަށް ހުއްޓުމެއްނެތި ދިޔައީ ބޮމުގެ ހަމަލާތައް ދެމުންނެވެ. މިހާތަނަށް ފަލަސްޠީނުގެ 7300 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު އޭގެ ތެރޭގައި ގާތްގަނޑަކަށް 3000 ކުޑަކުދިން ހިމެނެއެވެ. އިތުރު 1650 ފަލަސްތީނު މީޙުން އެމީހުންގެ ގެދޮރާއި އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބޭއިރު އޭގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ ކުޑަކުދިންނެވެ.