ޚަބަރު

ރައީސް ޔާމީންގެ ބަންދަށް އިތުރު ލުޔެއް


  • ގެއިން ބޭރަށް ނިކުމެވަޑައިގަތުމުގެ ހުއްދަ ދެއްވީ ސިއްޙީ ބޭނުމަށްޓަކައި

  • ގެއިން ބޭރަށް ވަޑައިގަންނަވާއިރު ކަރެކްޝަނަލް އަށް އަންގަންޖެހޭ

  • ޖަލު ހުކުމުގެ އިސްތިއުނާފް ކޯޓުގައި ކުރިއަށްދޭ

  • ނަމަވެސް މައްސަލަ ލަސްވާތީ ޤާނޫނީ ޓީމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ

ގޭ ބަންދުގައި ހުންނެވި ކުރީގެ ރައީސް ޢަބްދުﷲ ޔާމީނަށް އިތުރު ލުއިތަކެއް ދެއްވައިފިއެވެ. އެގާރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒްކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ގެއަށް ބަދަލުކުރެއްވީ މިމަހުގެ އެއްވަނަ ދުވަހުއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ވިދާޅުވީ ރައީސް ޔާމީންގެ ޞިއްޙީ ހާލުކޮޅު ހުރި ގޮތުން، ބައެއްފަހަރު ގެއިން ބޭރަށް ވަޑައިގަންނަވަންޖެހޭތީ، ލުއިތަކެއް ދެއްވާފައިވާކަމަށެވެ. ރައީސް ޔާމީން ރަށު ބަންދަށް ބަދަލުކުރައްވާފައިވާކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް ކަރެކްޝަނަލް ސާރވިސް އިން ވިދާޅުވީ، އެ ސާރވިސްއަށް އެންގެވުމަށްފަހު ރައީސް ޔާމީނަށް ގެއިން ބޭރަށް ވަޑައިގެންނެވޭނީ ސިއްޙީ ކަންކަމުގައި އެކަނިކަމަށެވެ.

މީގެ ކުރިން، ބޭއްވި ޝަރީޢަތްތަކުގައިވެސް ރައީސް ޔާމީން ވަނީ އެ މަނިކުފާނުގެ ޞިއްޙީ ހާލު ކޮޅު ހުރީ އެންމެ ރަނގަޅަށް ނޫން ކަމަށް ވިދާޅުވެފައެވެ. އެގޮތުން، ރައީސް ޔާމީން ވިދާޅުވީ، ޞިއްޙީ ހާލު ހުރި ގޮތުން، މޫދަށް ދަށްގޮސް ކަސްރަތު ކުރަން ޖެހިވަޑައިގަންނަވާކަމަށްވެސް ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.

މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި ރައީސް ޔާމީންގެ މައްޗަށް އިވާފައިވާ ހުކުމުގެ އިސްތިއުނާފް އަޑުއެހުންތައް ހައި ކޯޓުގައި ފަށާފައިވީނަމަވެސް، މައްސަލަ ލަސްވެ ދިގުލައިގެންދާތީ އެމަނިކުފާނުގެ ޤާނޫނީ ޓީމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެންމެ ފަހުން ބާއްވަން ތަޢާވަލުކުރި އަޑުއެހުންތައްވެސް ކެންސަލް ކޮށްފައިވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ އެދިވަޑައިގަތުމަށެވެ. ރައީސް ޔާމީންގެ ވަކީލުން ވަނީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދިއުމަށް ގޮވާލައްވާފައެވެ.