މާލެއާއި ހުޅުމާލެ ގުޅުވާލާ ހައިވޭގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް އެތަނުން ނަގައި، ސޯލާ ޕަވަރއެއް ހިންގޭގޮތަށް ރަށަކަށް ބަދަލުކުރައްވާނެކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ބްރިޖް ހައިވޭއާއި ހުޅުމާލޭގައި ކުރިއަށްދާ ސޯލާ ޕީވީ މޮޑިއުލްސް ހަރުކުރުމުގެ މަސައްކަތަކީ އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް ވޯލްޑް ބޭންކްގެ އެހީގައި އެކްސެލެރޭޓިން ސަސްޓެއިންބަލް ޕްރައިވެޓް އިންވެސްޓްމަންޓްއިން ރިނިއުވަލް އެނާޖީ (އެސްޕަޔަ) ޕްރޮޖެކްޓްގެ ދަށުން ސަރުކާރުން ކުރިއަށްގެންދާ މަސައްކަތެކެވެ. މިއީ ރާއްޖޭގައި ހިންގޭ އިއާދަކުރަނިވި ހަކަތައިގެ އެންމެ ބިޔަ އެއް މަޝްރޫޢުއެވެ.
ހުޅުމާލޭ ފޭސް 1ގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ހުޅުމާލޭ ހައިވޭއަކީ ރާއްޖޭގައި އެންމެ ހިތްގައިމު އެއް މަންޒަރު ފެންނަ އެއް ސަރަޙައްދުކަމަށެވެ. ނަމަވެސް އެސަރަހައްދުގައި މޫދު ނުފެންނަގޮތަށް ސޯލާ ޕެނަލްތައް ހަރުކުރުމުގެ ސަބަބުން ފެންނަނީ ހާސްކަން ބޮޑު ސަރަހައްދެއްގެ ގޮތުގައިކަން ފާހަގަކުރައްވާ އިންތިޚާބީ ރައީސް ވިދާޅުވީ، އެއީ އެއަށްވުރެ ރަނގަޅަށް ހިންގޭނެ މަޝްރޫއުއެއްކަމަށެވެ.
"ހުޅުމާލެއަށް އަންނައިރު ހައިވޭ މިހާރު ފެންނަނީ ވަރަށް ހާސްކަން ބޮޑު ތަނެއްގެ ގޮތުގަ. މުޅި މި ސަރަހައްދުގަވެސް އަދި ފަހަރެއްގަ މުޅި ރާއްޖޭގައިވެސް އެންމެ ރީތިވިއު އެންމެ ރަނގަޅަށް މޫދު ފެންނަ، އެންމެ ރަނގަޅަށް އޮތް މަންޒަރު މިހާރު މިވަނީ ބަދަލުވެފަ. އަރިމަތީގަ ޖަހާފަ ހުންނަ ސޯލާޕެނަލް ޕްރޮޖެކްޓެއްގެ ސަބަބުން." އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
އިންތިޚާބީ ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ހައިވޭގައި ޖަހާފައިވާ ސޯލާތައް އެތަނުން ނަންގަވާ އެކަމަށް ޚާއްޞަ ކުރެވޭ ރަށަކަށް ބަދަލުކުރައްވާނެކަމަށެވެ. އެކަން ކުރައްވާނީ އެ މަޝްރޫޢުއަށް ފަންޑުކުރާ ފަރާތާއި މަޝްވަރާކުރުމަށްފަހުކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އިއާދަކުރަނިވި ހަކަތައަކީ މުހިންމު މަޝްރޫޢުއެއްކަމަށާއި، އެމަނިކުފާނުގެ ސަރުކާރުގައިވެސް އެއީ އެންމެ އިސްކަންދެއްވާނެ އެއް ސިޔާސަތުކަން ފާހަގަކުރައްވާ އިންތިޚާބީ ރައީސް އެފަދަ މަޝްރޫޢުތައް ހިންގުމަށް ރަނގަޅު ގޮތްތަކެއް ހުންނާނެކަމަށެވެ.
"އަޅުގަނޑު ގަސްތުކުރަނީ އެ ދިގުރާސްތާގަ ޖަހާފައެހެރަ ސޯލާޕެނަލްތައް އެތަނުން ނަގަން. ނަގާފަ ރާއްޖޭގަކުޑަ އަދި މެދު ސައިޒުގެ މިދެންނެވީ އެއްރަށް ނުވަތަ 2 ރަށަކަށް އެ ފުދޭނެ، އެއްކޮށް ސޯލާ ޕަވަރއެއް ހިންގޭގޮތަށް އެތަކެތި ގެންގޮސް އެ ފަންޑުކުރި ފަރާތާވެސް މަޝްވަރާކޮށްގެން ނަގައިގެންގެންގޮސް ބަދަލުކުރާނަން. ގެންގޮއްސަ އޭގެ ބޭނުން އެންމެ ރަނގަޅަށް ހިފޭގޮތަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އޭގެ ބޭނުން ހިފާނަން. މިހާރު މި އޮތް އޮތުން ނިމުމަކަށް ގެންނާނަން." އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ވޯލްޑް ބޭންކްގެ އެހީގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ހިންގާ އެކްސެލެރޭޓިންގް ސަސްޓެއިންބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަލް އެނާރޖީ (އެސްޕަޔަރ) ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭ ލިންކް ރޯޑްގައި ގާއިމުކުރާ ސޯލަރ ޕީވީ ނިޒާމު ސްޓަރަކްޗަރގައި މިހާރުވަނީ ސޯލަރ ޕީވީ މޮޑިއުލްސްތައް ހަރުކޮށް ނިމިފައެވެ. މިހާރު ކުރިއަށްދަނީ ސްޓެލްކޯގެ ގްރިޑަށް ކަނެކްޓްކުރުމަށްޓަކައި ކުރަންޖެހޭ އިލެކްޓްރިކަލް މަސައްކަތްތައްކަމަށް އެންވަޔޔަރަމަންޓް މިނިސްޓްރީން ވިދާޅުވިއެވެ.
މި ނިޒާމުގެ ތެރެއިން އުފައްދާ 9.1 މިލިއަން ކަރަންޓް ޔުނިޓުން ދައުލަތުން ކަރަންޓް އުފެއްދުމަށްޓަކައި ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް އަހަރަކަށް 15 އާއި 20 މިލިއަން ދިވެހި ރުފިޔާ ކުޑަކުރެވޭނެކަމަށް މިސަރުކާރުން ހާމަކުރައްވާފައިވެއެވެ.