ޚަބަރު

ކައުންސިލް އިންތިޚާބުގައި ވާދަކުރަން ހުށައަޅާ ހުށައެޅުމާމެދު ގޮތެއް ނިންމަން 5 ދުވަސް


  • މިހާރު ޤާނޫނުން ލިބިދެނީ 48 ގަޑިއިރު

  • މިއީ ކައުންސިލް އިންތިޚާބަށް އެންމެ އެކަށޭނެ މުއްދަތެއް ނޫންކަމަށް

  • މި ބަދަލު ގެނައީ ކައުންސިލް އިންތިޚާބުގެ ޤާނޫނަށް އެކަނި

  • ފާސްވީ 52 މެންބަރުންގެ ވޯޓުން

ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް އެދި ހުށައަޅާ ކެންޑިޑެންސީއާމެދު ނިންމާ ގޮތެއް އެމީހަކަށް، ގިނަވެގެން ފަސް ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން އަންގަންޖެހޭގޮތަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް ހުށަހެޅި އިސްލާޙު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިހާރު އަމަލުކުރަމުން އަންނަ އިންތިޚާބުތަކާއި ބެހޭ ޢާންމު ޤާނޫނުގައި ބަޔާންކުރަނީ، އިންތިޚާބަށް ވާދަކުރާ ކެންޑިޑޭޓުންގެ ކެންޑިޑެންސީ ބަލައިގެންކަން އެ ފަރާތައް 48 ގަޑިއިރުގެ ތެރޭގައި އަންގަންވާނެކަމަށެވެ. ނަމަވެސް މިއީ ލޯކަލް ކައުންސިލް އިންތިޚާބުގައި އެކަން ކުރުމަށް އެންމެ އެކަށީގެންވާ މުއްދަތެއް ކަމަށްނުވާތީ، އެ މުއްދަތު އިތުރުކުރުމަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް އިޞްލާހު ހުށައެޅީއެވެ.

2010 ވަނަ އަހަރުން ފެށިގެން ޢަމަލު ކުރަމުން އަންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް އެ އިސްލާޙު ހުށައެޅުއްވީ، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލްއެވެ. އޭނާ ހުށައެޅުއްވި އިޞްލާހުގައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، ވާދަކުރުމަށް ފޯމު ހުށަހަޅާ ފަރާތްތަކުގެ ކެންޑިޑެންސީ ބަލައިގެންކަން ނުވަތަ ނޫންކަން، އިލެކްޝަންސް ކޮމިޝަނުން ގިނަވެގެން ފަސް ދުވަހުގެ ތެރޭގައި އަންގަންވާނެކަމަށެވެ. މި އިޞްލާހު ފާސްވީ މަޖިލީހުގެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 52 މެންބަރުންގެ ވޯޓުންނެވެ.

މަޖިލީހުން ފާސްކުރި އެ އިޞްލާހުގައި ވަނީ، ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނަށް ލިޔުން ލިބޭތާ ގިނަވެގެން ފަސް ދުވަހުގެ ތެރޭގައި އެ މީހެއްގެ ހުށަހެޅުން ގަބޫލުކުރިކަން ނުވަތަ ގަބޫލުނުކުރާކަން އެމީހަކަށް ލިޔުމުން އަންގަން ޖެހޭނެ ކަމަށެވެ. އަދި އިންތިޚާބުތަކާއި ބެހޭ ޤާނޟު ޤާނޫނުގެ ދަށުން އިލެކްޝަންސް ކޮމިޝަނުގެ ނިންމުމާ މެދު ހިތްހަމަނުޖެހޭ ނަމަ، ކޯޓަށް މައްސަލަ ހުށަހެޅުމުގެ ބާރުވެސް އެމީހަކަށް ލިބިދެއެވެ.