ޚަބަރު

ޖާދޫގަރު ޝަރީފަށް މިފަހަރު މާލިން އެވޯޑް


  • މިއީ ޝަރީފު ހޯދި ދެވަނަ އެވޯޑް

  • މީގެކުރިން މި 9 ޖަދޫގަރުންނާއި ވާދަކޮށް 2 ވަނަ ހޯދި

  • ޖާދޫގަރުން އުފެއްދުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުން

އިންޓަނޭޝަނަލް މެޖިޝިއަންސް ސޮސައިޓީން ދޭ މާލިން އެވޯޑު، ރާއްޖޭގެ ޖާދޫގަރު އަދި މޯލްޑިވްސް މެޖިޝިއަން އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ޝަރީފަށް ލިބިއްޖެއެވެ.

މާލިން އެވޯޑަކީ ޖާދޫގެ ދާއިރާގައި ދުނިޔޭގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ. މި އެވޯޑަކީ ޖާދޫގެ ދާއިރާގައި ބައިނަލްއަޤުވާމީ ގޮތުންނާއި ޤައުމީ ފެންވަރުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ފަރާތްތަކަށް ދޭ އެވޯޑެކެވެ. މި އެވޯޑު ހޯދާފައިވާ ޖާދޫގަރުންގެ ތެރޭގައި، މަޝްހޫރު ސްޓެޗޫ އޮފް ލެބަރޓީ ގެއްލުވާލި ޑޭވިޑް ކޯޕަފިލްޑާއި، މަޝްހޫރު މެޖިޝިއަން ޕެއަރ ޕެން އެންޑް ޓެލަރ ހިމެނެއެވެ.

މި އެވޯޑު ޝަރީފަށް ލިބުނީ މިމަހުގެ 19 އިން 23ގެ ނިޔަލަށް ތައިލެންޑުގެ ބެންކޮކުގައި ބޭއްވި އިންޓަނޭޝަނަލް މެޖިކް ފެސްޓިވަލުގައެވެ. މި ފެސްޓިވަލަކީ 2008 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ތައިލެންޑުގައި ބާއްވަމުން އަންނަ ފެސްޓިވަލެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ޖާދޫގަރުން އެ މީހުންގެ ޖާދޫގެ ހުނަރުތައް މި ފެސްޓިވަލްގައި ދައްކާލައެވެ.

މާލިން އެވޯޑަށްފަހު ރާއްޖެއައިސް ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން މޯލްޑިވްސް މެޖީޝިއަން އެސޯސިއޭޝަންގެ ރައީސްކަންވެސް ކުރައްވާ މުޙައްމަދު ޝަރީފް ވިދާޅުވީ، މިއީ މުޅި ރާއްޖެއަށް ލިބުނު ޝަރަފެއްކަމަށާއި، މިއީ ރާއްޖޭގެ ޖާދޫގެ ދާއިރާއަށްވެސް ލިބުނު ބޮޑު ކުރިއެރުމެއްކަމަށެވެ.

"އޮކްޓޯބަރުމަހުގެ 19 އިން 23 އަށް ތައިލެންޑުގެ ބެންކޮކުގައި އޮތް މެޖިކް ކޮންވެންޝަނަކަށް ގޮއްސަ މިއަދު މިއައީ ވަރަށް އުފަލާއިއެކު. މާލިން އެވޯޑެއް ޙާސިލް ކުރެވިގެން ދިޔައީ މި މެޖިކް ދާއިރާގައި. ހަމަ ދިވެހިރާއްޖެއަށް ވެސް ލިބިގެންދިޔަ ފުރިހަމަ ތަރުޙީބެކޭ (ކާމިޔާބީއެކޭ) ދަންނަވާނީ." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވަނީ މީގެކުރިން އަވަށްޓެރި ސްރީލަންކާ މެޖީޝަން ސޮސައިޓީގެ ފަރާތުން ބޭއްވި އިންޓަރނޭޝަނަލް މެޖިކް ފެސްޓިވަލް 2022 ގައި ބައިވެރިވެ 2 ވަނަ ޙާސިލްކޮށްފައެވެ. މި ފެސްޓިލުގައި އަވަށްޓެރި ޤައުމުތަކުގެ 9 ޖާދޫގަރުން ބައިވެރިވިއެވެ.

ދިވެހި ޖާދޫގަރުންގެ ހުނަރުތައް ދައްކާލާ، އެ ހުނަރު ރާއްޖޭގައި ފުޅާކުރުމަށް މޯލްޑިވްސް މެޖީޝިއަން އެސޯސިއޭޝަންގެ ނަމުގައި މިމަހުގެ ކުރީކޮޅު ވަނީ ޖަމްޢިއްޔާއެއް އުފައްދާފައެވެ. މި ޖަމްޢިއްޔާ އުފެއްދުމުގެ އެންމެ މުހިންމު ބޭނުމަކީ ދިވެހި ޖާދޫގަރުންގެ ހުނަރު އިތުރަށް ތަރައްޤީކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި އެމީހުންގެ ހުނަރުތައް ދައްކާލުމަށް ފުރުޞަތު ހޯދައިދިނުންކަމަށެވެ.