ވިޔަފާރި

ފައިނެންސް ސެންޓަރުގެ ބިޒްނަސްޕްލޭން އިފްތިތާހް ކޮށްފި


ބައިނަލްއަޤްވާމީ ފައިނޭންސް ސެންޓަރެއް، ރާއްޖޭގައި ޤާއިމުކުރެއްވުމަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން ކަމާގުޅޭ 5 އަހަރު ދުވަހުގެ ސްޓްރެޓެޖިކް ބިޒްނަސް ޕްލޭން މިއަދު އިފްތިތާޙުކުރައްވައިފިއެވެ.

އިންޓަރނޭޝަނަލް ފައިނޭންސް ސެންޓަރުގެ ސްޓްރެޓެޖިކް ބިޒްނަސް ޕްލޭން އިފްތިތާޙްކޮށްދެއްވީ ފިނޭންސް މިނިސްޓަރ ޢަބްދުﷲ ޖިހާދެވެ.

މޯލްޑިވްސް ސެންޓަރ ފޮރ އިސްލާމިކް ފައިނޭންސް" ގެ ނަމުގައި ތަރައްޤީކުރައްވާ މި ސެންޓަރާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓަރ ޖިހާދު ވިދާޅުވީ، މި ސެންޓަރ ވެގެންދާނީ މި ސަރަޙައްދުގެ ޤައުމުތަކަށް އިސްލާމިކް ފިނޭންސްގެ ހަބަކަށް ކަމަށެވެ. އިންޓަރނޭޝަނަލް ފައިނޭންސް ސެންޓަރ ޢިމާރަތްކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައެވެ. އެގޮތުން އެ ޢިމާރާތަށް ބޭނުންވާ ބިން ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީގެ ފަރާތުން މިހާރު ވަނީ ހަމަޖައްސަވައިދެއްވާފައެވެ.

ހުޅުމާލޭގައި ތަރައްޤީކުރައްވާ މި ފައިނޭންސް ސެންޓަރު ޢިމާރާތްކުރުމުގެ މަސައްކަތް ނިމެންދެން ފައިނޭންސް ސެންޓަރގެ ޚިދުމަތް، ފިނޭންސް މިނިސްޓްރީގެ ދަށުން ދޭން ފަށާނެކަމަށާއި، އެގޮތުން އަންނަ އަހަރުތެރޭގައި ފިނޭންސް މިނިސްޓްރީގެ ޢިމާރާތުން ފައިނޭންސް ސެންޓަރގެ ޚިދުމަތް ދެވެން ފެށޭނެކަމަށް މިނިސްޓަރ ޖިހާދު ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޑެޕިއުޓީ މިނިސްޓަރ ޑރ. ޢާއިޝަތު މުނީޒާ ވިދާޅުވީ މި ފައިނޭންސް ސެންޓަރުން، ފައިނޭންސް ރެއިސްކުރުމަށް ބޭނުންވާ ފަރާތްތަކަށް އެކަމުގެ އޮނިގަނޑު ތައްޔާރުކޮށްދިނުމާއި ބައިނަލްއަޤްވާމީ މާރކެޓަށް ގޮސް ކެޕިޓަލް މާރކެޓްގެ ތެރެއިން މާލީ ކުރިއެރުން ހޯއްދެވުމުގެ މަސައްކަތްވެސް މި ފައިނޭންސް ސެންޓަރގެ ތެރެއިން ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އިންޓަރނޭޝަނަލް ފައިނޭންސް ސެންޓަރގެ މަސައްކަތްތައް ހިންގެވުމަށް "ޚަޒާނާ މޯލްޑިވްސް" އަދި "އިންޓަރނޭޝަނަލް އިސްލާމިކް ފައިނޭންސް ސެންޓަރ"ގެ ނަމުގައި ސަރުކާރުން 2 ކުންފުންޏެއް ވަނީ އެކުލަވާލައްވާފައެވެ. މި ދެ ކުންފުނީގެ ބޯޑު މިހާރު ވަނީ އެކުލަވާލާފައެވެ.