ޚަބަރު

ރައީސުލްޖުމްހޫރިއްޔާއަށާއި މަޖިލީހަށްވެސް އެއްބާރުލުން ދޭނަން: އިންތިޚާބީ ނައިބު ރައީސް


  • ހުސައިން މުހައްމަދު ލަތީފްވަނީ މަޖިލީހުގެ ދެދައުރު އަދާކުރައްވާފައި

  • ހުސައިން މުހައްމަދު ލަތީފްގެ ޚިދުމަތުގެ އަގުވަޒަންކޮށް ވަނީ ހަނދާނީ ފިލައެއް އަރުވާފައި

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް އިންތިޚާބީ ނާއިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

އިންތިޚާބީ ނައިބު ރައީސް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ސޯޝަލް ކްލަބު، "ޕެމާ" އިން އެމަނިކުފާނުގެ އަގުވަޒަން ކުރެއްވުމަށް ބޭއްވެވި ރަސްމިޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. އިންތިޚާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވީ މިހާރު ހަވާލުވެވަޑައިގަންނަވަނީ މުޅި ގައުމުގެ ޒިންމާ އެކުލެވޭ މަސައްކަތަކާއި ކަމަށާ، އެމަސައްކަތުގައި އުޅުއްވަމުންވެސް މަޖިލީހުން އެދިވަޑައިގަންނަވާ ކޮންމެކަމެއްވެސް އަމިއްލަކަމެއްގެ ގޮތުގައި ދެކެވަޑައިގެން ކޮށްދެއްވާނެކަމަށެވެ.

"ގައުމީ މަސައްކަތަށް މިނުކުތީ ޕާޓީއެއްގެ ސިޔާސަތުތަކަކާއެކީގައި، މި މަގާމަށް އައުމަށް ޕާޓީގެ ފަރާތުން ލިބުނު އެއްބާރު ލުމަށް ޝުކުރުއަދާކުރަން، އަދި މި ފުރުސަތުގައި ޔަޤީންކަން އަރުވަން އިންތިޚާބީ ރައީސްއަށާއި، މަޖިލީހަށް އަދި މަޖިލީހުގެ ސޯޝަލް ކްލަބަށް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އަރުވަން" އިންތިޚާބީ ނައިބު ރައީސް ހުސެއިން މުޙައްމަދު ލަތީފް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ހުސައިން މުހައްމަދު ލަތީފު މަޖިލީހުގައި ހޭދަކުރެއްވި ދެ ދައުރުގައިވެސް ޕެމާއަށް ވެދެއްވި އެހީތެރިކަމާއި، އެއްބާރުލެއްވުން ފާހަގަކުރައްވާ ޕެމާއިން ވަނީ ހަނދާނީ ފިލައެއް އަރުވާފައެވެ.

"ޕެމާ"އަކީ ރައްޔިތުންގެ މަޖިލީހުން އެކިއެކި ހަރަކާތްތައް ހިންގުމަށް ހަދާފައި އޮންނަ ސޯޝަލް ކްލަބެކެވެ.

ހުސެއިން މުޙައްމަދު ލަތީފަކީ ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ދެދައުރުގެވެސް ފަރެސްމާތޮޑާ ދާއިރާގެ މެންބަރެވެ. އެމަނިކުފާނުވަނީ މަޖިލީހުން ހިންގަވާ އެކިއެކި ކުޅިވަރު ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައެވެ. ވަކިން ޚާއްސަކޮށް މިއަހަރު ކްލަބް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ "ކްލެސިކް" ފުޓްސަލް މުބާރާތާއި ބަންޑާރަ ކަޕްގައިވެސް މަޖިލީހުގެ ޓީމަށްވަނީ ކުޅުއްވާފައެވެ. ކުޅިވަރުގެ އިތުރުން ކްލަބުން ހިންގާ އެކިއެކި ހަރަކާތްތަކުގައިވެސް ހުސައިން މުހައްމަދު ލަތީފުގެ ބައިވެރިވުން ބޮޑުކަން މަޖިލީހުގެ އިދާރާއިން ފާހަގަކުރައްވައެވެ.