ޚަބަރު

ދައުލަތުގެ ލިޔެކިޔުންތަކަށް ބަދަލު ގެނައުމާއި ނައްތާލުމަކީ ކުށެއް: އޭސީސީ


  • އޭސީސީން ވިދާޅުވީ ލިޔެކިޔުންތައް ނައްތާލާކަމުގެ ޝަކުވާތައް ލިބެމުން އަންނަ ކަމަށް

  • އަދި އެގޮތަށް ކަންތައް ކުރާ ނަމަ، އެ ކޮމިޝަނަށް އެންގުމަށް ވެސް އޭސީސީން ވިދާޅުވި

  • އެފްއެސްއެމްގެ ލިޔެ ކިޔުންތަކެއް ނައްތާލާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުން

ސަރުކާރުގެ އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ލިޔެކިޔުންތަކަށް ބަދަލު ނުގެނައުމަށާއި، ލިޔެކިޔުންތައް ނައްތާނުލުމަކީ ކުށެއްކަމަށާއި، އެފަދަ ކަންކަން ކުރާނަމަ އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީގެ ސަމާލުކަމަށް އެކަންކަން ގެނައުމަށް އެކޮމިޝަނުން އަންގައިފިއެވެ.

އޭސީސީން މިގޮތަށް އަންގާފައި މިވަނީ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ލިޔެކިޔުންތަކެއް ކޮންކްރީޓް ގަށާ މެޝިނަކަށް އަޅާ ނައްތާލާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ދަނޑިވަޅެއްގައެވެ.

އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ ދައުލަތުގެ ބައެއް އިދާރާތަކާއި، ސަރުކާރުގެ އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ލިޔެކިޔުން ނައްތާލުމުގެ ޝަކުވާ އެ ކޮމިޝަނަށް ހުށަހަޅަމުން ދާކަމަށެވެ. އަދި ދައުލަތުގެ ލިޔެކިޔުމަށް ބަދަލުގެނައުމާއި ލިޔެކިޔުން ނައްތާލުން ނުވަތަ ފޮރުވުން ފަދަ ޢަމަލުތަކަކ،ީ އެ ކޮމިޝަނުން ހިންގާ ތަޙުޤީޤުތަކަށް އެކަމުގެ ސަބަބުން ހުރަސްއެޅޭނެ ޢަމަލުތަކެއް ކަމަށްވެސް ބަޔާނުގައިވެއެވެ.

އޭސީސީން ވިދާޅުވީ ދައުލަތުގެ ލިޔެ ކިޔުންތައް ނައްތާލުމަށާއި، ބަދަލުގެނައުމަށް، ވަކި ފަރާތަކުން އަންގާނަމަ، އެކަމެއް އެގޮތަށް ނުކޮށް ނަޒާޙާތްތެރިކަން އިސްކުރުމަށް ހަނދުމަކޮށް އަރުވާ ކަމަށެވެ. އަދި މިފަދަ ޢަމަލެއް ހިންގާ ކަމުގެ މަޢުލޫމާތު އެއްވެސް ފަރާތަކަށް ލިބިފައިވާނަަމަ، އެ ކޮމިޝަނަށް އެންގުމަށް ވެސް މި ބަޔާނުގައި ވަނީ އެދިފައެވެ.

ދައުލަތުގެ ލިޔެ ކިޔުމަށް ބަދަލުގެނައުމާއި، ލިޔެކިޔުން ނައްތާލުން ނުވަތަ ފޮރުވުން ފަދަ ޢަމަލުތަކަކީ، ދިވެހިރާއްޖޭގެ ޤާނޫނުތަކުން ކުށުގެ ގޮތުން ކަނޑައަޅުއްވާފައިވާ ކަންކަމަށް ވާތީ، އެކަންކަމާއި ގުޅޭގޮތުން އޭސީސީއަށް ލިބިފައިވާ މަޢުލޫމާތު ފުލުހުންނާއި ހިއްސާ ކުރައްވާފައިވާކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއާއެކު ވީޑިއޯ ޕޯސްޓު ކުރި ފަރާތުން ބުނެފައިވަނީ، ވީޑިއޯ ޢާންމު ކުރީ، ލިޔުންތައް ނައްތާލި ގޮތާއިމެދު ޝައްކު އުފެދި، އެކަމުގައި ގޯސްކަމެއް ހުރިކަން ތުހުމަތު ކުރެވޭތީ ކަމަށެވެ.

މިކަމާއި ގުޅިގެން އެފްއެސްއެމް އިން ބުނެފައިވަނީ ނައްތާލާފައިވަނީ ބޭނުން ނުހިފޭ ލިޔެކިޔުންތަކެއް ކަަމަށެވެ.

މީގެ ކުރިން، އިންތިޤާލީ މަރުޙަލާގައި ލިޔެކިޔުންތައް ނައްތާނުލުމަށް، އިންތިޚާބީ ރައީސްގެ އޮފީހުންނާއި، ޕްރައިވެޓައިޒޭޝަން ކޯޕަރަޓައިޒޭޝަން ބޯޑުން ވަނީ ސަރުކާރު ޙިއްސާވާ ކުންފުނިތަކަށާއި، ދައުލަތުގެ ކުންފުނިތަކަށް އަންގާފައެވެ.