ޚަބަރު

ދިވެހީންގެ އެހީގައި ފަލަސްތީނުގައި ބިނާކުރާ މިސްކިތް ނިމުމަކާއި ގާތަށް


  • މިސްކިތުގެ 80 އިންސައްތަ މަސައްކަތް ވަނީ ނިމިފައި

  • ޖުމްލަ 1100 އަށްވުރެ ގިނަ މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ

  • މިއީ 700 އަކަމީޓަރުގެ ބޮޑު މިސްކިތެއް

މަސްޖިދުލް ގުއްދޫސްގެ ނަމުގައި ދިވެހީންގެ އެހީއާއި އެކު ފަލަސްތީނުގައި ބިނާކުރެވޭ މިސްކިތުގެ މަސައްކަތުގެ ބޮޑު ބައި ނިމިފައިވާ ކަމަށް އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން މޯލްޑިވްސްއިން ހާމަކޮށްފިއެވެ.

އައިއޭސީ މޯލްޑިވްސްއިން ހާމަކޮށްފައިވާ ގޮތުގައި ފަލަސްތީނުގައި ބިނާކުރާ މިސްކިތުގެ ފުރަތަމަ ފިޔަވަހީގެ ހުރިހާ މަސައްކަތްތަކެއް މިހާރު ވަނީ ނިމިފައެވެ. އެގޮތުން ހިއްކުމާއި ބެކްފިލިންގް, ކޮންކްރީޓް މަސައްކަތް އަދި ރޭނުމުގެ މަސައްކަތްވަނީ ނިމިފައެވެ. މީގެ އިތުރުން މިސްކިތުގައި ކުރަންޖެހޭ ހުރިހާ ސިމެންތީގެ މަސައްކަތްތަކާއި ދަގަނޑުގެ މަސައްކަތްތައް ވެސް ވަނީ ނިމިފައެވެ. އަދި ކަރަންޓުގެ މަސައްކަތާއި ފެންވައިރު ކުރުމުގެ މަސައްކަތުގެ 70 އިންސައްތަ މަސައްކަތް ނިމިފައި ވާއިރު، ދޮރު ހަރުކުރުމުގެ މަސައްކަތާއި މިސްކިތުގެ ބޭރުގެ މަސައްކަތްތަކުގެ 50 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

ފަލަސްތީނުގެ ގައްޒާގައި ދިވެހީންގެ އެހީގައި ބިނާކުރާ މިމިސްކިތުގެ ނިމިފައިވާ މަސައްކަތްތަކަކީ 7 އޮކްޓޯބަރުގެ ހަމަނުޖެހުމުގެ ކުރިން ނިމިފައިވާ މަސައްކަތްތައް ކަމަށްވެސް އައިއޭސީ މޯލްޑިވްސްއިން ހާމަކޮށްފައިވެއެވެ.

އައިއޭސީ މޯލްޑިވްސްއިން ހާމަކުރި ގޮތުގައި މިސްކިތް އާންމުންނަށް ހުޅުވާލުމަށްޓަކައި ކުރަންޖެހޭ ބައެއް މަސައްކަތްތައް އަދވެސް އެބަހުއްޓެވެ. އޭގެތެރޭގައި ފާޚާނާތަކާއި މިސްކިތު ފާރުތަކުގެ ތަށިމުށި ޖެހުމާއި އެލްމެނިއަމް މަސައްކަތްތަކާއި އިންޓީރިއާ މަސައްކަތުގެ އިތުރުން ކުލަލުމާއި ކާޕެޓް އެޅުމާއި މިސްކިތުގެ ސައުންޑްގެ މަސައްކަތަކީ މިމްބަރުގެ މަސައްކަތް ހިމެނެއެވެ.

ޔަހޫދީންގެ ޙަމަލާތަކުގެ ސަބަބުން މަސްޖިދު ހިމެނޭ އަލްތުއްފާޙް(އިރުމަތީ ޣައްޒާ )ސަރަހައްދުވަނީ ނުރައްކާތެރި ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅިފައެވެ. ނަމަވެސް މިއަދާއި ހަމައަށް މިމިސްކިތަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވާ ކަމަށް އައިއޭސީ މޯލްޑިވްސްއިން ހާމަކުރެއެވެ.

700 އަކަމީޓަރުގެ ބޮޑު މިމިސްކިތުގައި ޖުމްލަ 1100 އަށްވުރެ ގިނަ މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެއެވެ. 3 ފަންގިފިލާއަށް އިމާރާތްކުރާ މިމިސްކިތުގައި ވުޟޫ ކުރާ ތަނުގެ އިތުރުން 4 ފާޚާނާ ހުންނާނެއެވެ.

މިނޫނަސް ފަލަސްތީނު ރައްޔިތުންގެ ދިރިއުޅުން އާރާސްތުކުރުމަށް ދިވެހީންގެ އެހީގައި ފަލަސްތީނުގައި އެކި ކަހަލަ ތަންތަން ވަނީ ހަދާފައެވެ. ދިވެހި ރައްޔިތުންގެ އެހީގައި ގައްޒާގެ އެތައް ގެއެއްގައި ސޯލާ ޕެނަލް ހަރުކުރެވި ކަރަންޓް ލިބޭނޭ އިންތިޒާމް ވަނީ ގާއިމްކޮށްދީފައެވެ.

އިސްރާއީލުން ފަލަސްތީނުގެ ގައްޒާގެ ރައްޔިތުންނަށް ދެމުންދާ އަނިޔާއާއި ހިންގާ ލާއިންސާނީ ޖަރީމާތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ގޮވާލާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ ފަލަސްތީނު ރައްޔިތުންގެ ހައްޤުގައި އަޑުއުފުލަމުންނެވެ.