އަންނަ އަހަރުގެ ފަތުރުވެރިކަމުގެ ޕީކް ސީޒަނަށް، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލްގެ މަސައްކަތް ނިންމުމަށް މަސައްކަތްކުރައްވާނެކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ކޮންމެ އަހަރަކު ހޮޓެލިއަރ މޯލްޑިވްސް އިން ބާއްވަމުން އަންނަ ޖެނެރަލް މެނޭޖަރ (ޖީއެމް) ފޯރަމް ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ޖީއެމް ފޯރަމް މިއަހަރު ބޭއްވީ ބަނޑޮސް މޯލްޑިވްސްގައެވެ. މިއަހަރުގެ ފޯރަމަކީ މީގެ 7 ވަނަ ފޯރަމެވެ.
ހޮޓެލިއަރ މޯލްޑިވްސް ޖީއެމް 2023 ފޯރަމް ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްވަމުން އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ކުރިއަށް އޮތް 5 އަހަރު ފަތުރުވެރިކަމުގެ ސިނާޢަތް، ކުރިއަށް ގެންދަން ބޭނުންވާ ހިސާބަށް ގެންދިއުމަށް، ނިންމަންޖެހޭ އެންމެ މުހިންމު މަޝްރޫޢަކީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ މަސައްކަތްކަމަށެވެ. އަދި އުންމީދު ކުރައްވަނީ، އެއަރޕޯޓުގެ މަޝްރޫޢަށް ފަންޑު ކުރައްވާ ފަރާތްތަކުންނާއި، މަސައްކަތް ކުރައްވާ ކޮންޓްރެކްޓަރުން މަސައްކަތް ކުރިއަށްދާ މިންވަރު އަވަސް ކުރެއްވުންކަމަށް އިންތިޚާބީ ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ. އަދި 2024 ވަނަ އަހަރުގެ ފަތުރުވެރިކަމުގެ "ޕީކް ސީޒަން"ގެ ކުރިން އެއަރޕޯޓުގެ އައު ޓަރމިނަލްގެ މަސައްކަތް ނިމި، ފަތުރުވެރިކަމުގެ ދާއިރާއަށާއި، އޭވިއޭޝަންގެ ދާއިރާއަށް، މަންފާ ކުރާނެކަމަށް އުންމީދު ކުރައްވާކަމަށް އިންތިޚާބީ ރައީސް ވިދާޅުވިއެވެ.
"ފަތުރުވެރިކަން ފުޅާ ކުރުމަށް ހިންގޭނެ އެންމެ ބޮޑު މަޝްރޫޢަކީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް ނިމުން. އަޅުގަނޑު އުންމީދު ކުރަނީ މި މަޝްރޫޢަށް ފައިނަންސް ކުރާ ތަންތަނުންނާއި، މަޝްރޫޢުގެ ކޮންޓްރެކްޓަރުން، މަސައްކަތް އަވަސްކޮށް، 2024 ވަނަ އަހަރުގެ "ޕީކް ސީޒަން"ގެ ކުރިން އެއަރޕޯޓުގެ މަންފާ ފަތުރުވެރިކަމުގެ ދާއިރާ އަށާއި، އެވިއޭޝަންގެ ދާއިރާއަށް ކުރުން." އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢުގެ ތެރެއިން އައު ޓަރމިނަލްގެ މަސައްކަތް ސަޢޫދީ އަރަބިއްޔާގެ، ސަޢުދީ ބިންލާދިން ގްރޫޕާއި ހަވާލުކޮށްފައިވަނީ 2016 ވަނަ އަހަރުގެ މެއި މަހުގެ 22 ވަނަ ދުވަހުއެވެ. މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެކުންފުނިން ފަށާފައިވަނީ 2017 ވަނަ އަހަރުގެ މެދުތެރޭގައެވެ.
ވީ.އައި.އޭގައި މިހާރު ބޭނުންކުރާ އިންޓަރނޭޝަނަލް ޓަރމިނަލަކީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޓާރމިނަލެކެވެ. އެހެންނަމަވެސް އެންމެފަހުގެ ޒަމާނީ ވަސީލަތްތަކާއެކު އަލަށް ތަރައްޤީކުރާ ޓަރމިނަލަކީ އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ތަރައްޤީކުރާ ޓަރމިނަލެކެވެ. މި ޓަރމިނަލަކީ 78 ހާސް އަކަ މީޓަރުގެ ޖާގައިގެ ޓަރމިނަލެކެވެ.
އައު ފަސިންޖަރ ޓާރމިނަލް ތަރައްޤީކުރެވިގެންދާނީ އެންމެފަހުގެ ޒަމާނީ ވަޞީލަތްތަކާއެކުއެވެ.
ޖީއެމް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ޑރ. މުޢިއްޒު ވިދާޅުވީ، އޭވިއޭޝަންގެ ދާއިރާއަށް ގެނެވޭ ކުރިއެރުމުގެ ތެރެއިން އިތުރު 13 ޑޮމެސްޓިކް އެއަރޕޯޓު ރާއްޖޭގައި ހެދިގެންދާނެކަމަށެވެ. އަދި ރާއްޖޭގެ ދެކުނުގައި ސީ ޕްލޭން ހަބެއް ޤާއިމް ކުރެވި، އަމާޒަކީ ހުރިހާ ކަންކޮޅަކަށް ފަތުރުވެރިކަމުގެ ސިނާޢަތް ފުޅާކުރެވިގެން ދިއުންކަމަށްވެސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
އަދި ފަތުރުވެރިކަމުގެ ސިނާޢަތުގެ ކުރިއެރުމަށް ސަރުކާރުން ދޭންޖެހޭ އެއްބާރުލުން ދެއްވާނެކަމަށްވެސް އިންތިޚާބީ ރައީސް ވިދާޅުވިއެވެ.
އިންތިޚާބީ ރައީސް ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުވުމާއި ގުޅޭގޮތުން ވެސް ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން "ޕޭ ހާމަނައިޒް"ކޮށް، ޤާނޫނަށް ބަދަލު ގެނެސް، މި ސިނާޢަތުގައި ގިނަ އަންހެނުނަށް ފުރުޞަތުތައް ފަހިވާނެ މަގުތައް ތަނަވަސް ކޮށްދެއްވާނެކަމަށް އިންތިޚާބީ ރައީސް ވިދާޅުވިއެވެ.