ޚަބަރު

2 އަތޮޅު ނޫން އެހެން ހުރިހާ އަތޮޅަކުން ކުރި ހޯއްދެވީ ޑރ. މުޢިއްޒު


  • އައްޑޫ ސިޓީން ނޫން އެހެން ހުރިހާ ސިޓީތަކުން ކުރި ހޯއްދެވީ މުއިއްޒު

  • ރައީސް ޞާލިހްއަށް ކުރި ހޯއްދެވުނީ އައްޑޫސިޓީންނާއި އއ.އަތޮޅުން

  • މުއިއްޒުއަށް %54.4، ރައީސް ޞާލިހްއަށް %45.96 ވޯޓު

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ކާމިޔާބުކުރެއްވިއިރު އެމަނިކުފާނު ވަނީ ރާއްޖޭގެ 2 އަތޮޅު ނޫން އެހެން ހުރިހާ އަތޮޅަކުން އަޣުލަބިއްޔަތު ނަންގަވާފައެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެމް.ޑީ.ޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ވާދަކުރައްވާ ޕީ.އެން.ސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު އިންތިޚާބު ކާމިޔާބުކުރެއްވީ %54.4 ވޯޓާއެކުގައެވެ. ރައީސް ޞާލިހަށް ލިބިވަޑައިގަތީ %45.96 ވޯޓެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އަތޮޅުތަކުގެ ގިނަ ރަށްތަކުން ޑރ. މުޙައްމަދު މުޢިއްޒު ކުރި ހޯއްދަވާފައިވާއިރު، ބޮޑެތި ސިޓީތަކުންވެސް އެމަނިކުފާނު ވަނީ ކުރި ހޯއްދަވާފައެވެ. އެގޮތުން އާބާދީ އެންމެ ބޮޑު މާލެ ސީޓިއިން ޑރ. މުޙައްމަދު މުޢިއްޒަށް ލިބިވަޑައިގަތީ 28033 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ %55.68 އެވެ. އަދި ރައީސް ޞާލިޙަށް ލިބިވަޑައިގެންފައި ވަނީ ވޯޓުލި މީހުންގެ %44.32 އާއެކު 22312 ވޯޓެވެ. ހަމައެކަނި މާލެއަށް ބަލާއިރުވެސް ވޯޓުލީ މީހުންގެ %52.73 ވޯޓު މުޢިއްޒަށް ވަނީ ލިބިވަޑައިގެންފައެވެ.

ބޮޑުތިލަދުން މަތިން ކުޅުދުއްފުށި ސިޓީގައި ބަހައްޓާފައިވާ 9 ވޯޓުފޮށީގެ ތެރެއިން 7 ވޯޓު ފޮށިންވެސް ކުރި ހޯއްދަވާފައިވަނީ ޑރ. މުޙައްމަދު މުޢިއްޒެވެ.

އެގޮތުން ކުޅުދުއްފުށި ސިޓީން މުޢިއްޒުއަށް 2590 ވޯޓު ލިބިވަޑައިގެންނެވިއިރު އެއީ ވޯޓުލީ މީހުންގެ %54.73 އެވެ. އަދި ރައީސް ޞާލިހް އަށް ލިބިވަޑައިގެންފައިވަނީ 2142 ވޯޓެވެ. އެއީ %45.27 އެވެ.

ގދ. އަތޮޅުގެ 5 ރަށަކުންވެސް މެޖޯރިޓީ ލިބިވަޑައިގަތީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޢިއްޒަށެވެ. އަދި މާލޭގައި ބަހައްޓާފައިވާ ގދ. އަތޮޅުގެ ފޮށިތަކުންވެސް ކުރި ހޯއްދެވީ އެމަނިކުފާނެވެ. ޚާއްސަކޮށް ތިނަދޫ ސިޓީގެވެސް މެޖޯރިޓީ ވޯޓު ލިބިވަޑައިގެންނެވީ ޑރ. މުޢިއްޒަށެވެ. އެގޮތުން ތިނަދޫ ސިޓީން މުޢިއްޒުއަށް 1544 ވޯޓާއެކު %52.23 ވޯޓު ވަނީ ލިބިވަޑައިގެންފައެވެ. ރައީސް ޞާލިޙަށް އެ ސިޓީން ލިބިވަޑައިގަތީ %47.77 ވޯޓެވެ. އެއީ 1412 މީހުންގެ ވޯޓެވެ.

ފުވައްމުލައް ސިޓީއަށް ބަލާއިރު އެ ސިޓީގައި ބަހައްޓާފައިވާ 10 ފޮށީގެ ތެރެއިން 9 ފޮށީގެ މެޖޯރިޓީ ހޯއްދަވާފައިވަނީ ޑރ. މުޢިއްޒުއެވެ. އަދި މާލޭގައި ބެހެއްޓި ފުވައްމުލައް ސިޓީގެ ފޮށިތަކުންވެސް ކުރި ހޯއްދަވާފައިވަނީ މުޢިއްޒުއެވެ. މިއާއެކު ފުވައްމުލައް ސިޓީން ޑރ. މުޢިއްޒަށް %56.24 ވޯޓު ވަނީ ލިބިވަޑައިގެންފައެވެ. އެއީ 3941 މީހުންގެ ވޯޓެވެ. އެ ސިޓީން ރައީސް ޞާލިޙަށް ލިބިވަޑައިގަތީ 3066 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ %43.76 އެވެ.

މާލެސިޓީއާއި ފުވައްމުލައް ސިޓީއާއި ތިނަދޫ އަދި ކުޅުދުއްފުށި ސިޓީއާ ޚިލާފަށް އައްޑޫސިޓީގެ ފޮށިތަކުން ކުރި ހޯއްދަވާފައިވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙެވެ. އެގޮތުން އެމަނިކުފާނަށް ވޯޓުލީ މީހުންގެ %54.81 އާއެކު 9909 މީހުންގެ ވޯޓު ވަނީ ލިބިވަޑައިގެންފައެވެ. އަދި ޑރ. މުޙައްމަދު މުޢިއްޒަށް ލިބިވަޑައިގަތީ 8171 މީޙުންގެ ވޯޓާއެކު %45.19 އެވެ. މީގެ އިތުރަށް އއ. އަތޮޅުން ރައީސް ޞާލިޙަށް %51 ވޯޓު ލިބިވަޑައިގަތްއިރު، ޑރ. މުއިއްޒުއަށް ލިބަވަޑައިގެންނެވީ %49 އެވެ.

އާބާދީ ބޮޑެތި އެހެން އަތޮޅުތަކަށް ބަލާއިރު ހއ. އަތޮޅުން %55.21 އާއެކު ކުރި ހޯއްދެވީ ޑރ. މުޢިއްޒުއެވެ. އެއީ 6992 މީހުންގެ ވޯޓެވެ. އަދި ރައީސް ޞާލިހަށް ލިބިވަޑައިގަތީ 5673 ވޯޓެވެ. އެެއީ އެ އަތޮޅުން ވޯޓު ލީ މީހުންގެ %44.79 އެވެ.

ހދ. އަތޮޅުން ޑރ. މުޢިއްޒަށް 7241 މިހުންގެ ވޯޓު ލިބިވަޑައިގެންނެވިއިރު އެއީ ވޯޓުލީ މީހުންގެ %52.19 އެވެ. ރައީސް ޞާލިޙަށް ލިބިވަޑައިގަތީ ވޯޓުލީ މީހުންގެ %47.81 ވޯޓެވެ. އެއީ 6634 މީހުންގެ ވޯޓެވެ.

ލ. އަތޮޅުން ޑރ. މުޢިއްޒަށް 6168 ވޯޓު ލިބިވަޑައިގެންނެވިއިރު އެއީ ވޯޓުލީ މީހުންގެ %57.73 އެވެ. އަދި ލ. އަތޮޅުގެ ވޯޓުފޮށިތަކުން މުންދޫގައި ބެހެއްޓި ވޯޓު ފޮށި ނޫން އެހެން ހުރިހާ ފޮށްޓަކުން މުޢިއްޒު ވަނީ ކުރި ހޯއްދަވާފައެވެ. ރައީސް ޞާލިޙަށް %42.27 ވޯޓު ލިބިވަޑައިގެންނެވިއިރު، އެއީ 4516 މީހުންގެ ވޮޓެވެ.