ޚަބަރު

ވޯޓުލުން ކުރިއަށްދާއިރު ދިމާވެދާނެ ކޮންމެ ޙާލަތަކަށް ފުލުހުން ތިބީ ތައްޔާރަށް


  • ވޯޓުލާ ހުރިހާ ސަރަހައްދަކަށް ފުލުހުން ވަނީ ފޮނުވާފައި

  • ފުލުހުންގެ އެލަރޓް މިގަހަރުވެސް ލެވެލް 3 ގައި

  • އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ބެލުމަށް އިލްތިމާސްކުރެއްވި

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދާއިރު ދިމާވެދާނެ ކޮންމެކަމަކަށް ދިވެހި ފުލުހުންގެ ކޮމާންޑަރުންނާއި ޚިދުމަތުގައި ހިމެނޭ ހުރިހާ އެންމެން އެކަންކަމަށް އިޖާބަދިނުމަށް ތައްޔާރުވެފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރެކޭ އެއްފަދައިން ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި މިފަހަރުވެސް ފުލުހުން ވަނީ ވޯޓުލުން ކުރިއަށްދާ ހުރިހާ ސަރަޙައްދަކަށް ފުލުހުން ފޮނުވާ "އޮޕަރޭޝަން ބްލޫވޭވް'' ކުރިއަށްގެން ދިޔުމަށް ނިންމަވާފައެވެ.

ރިޔާސީ އިންތިޚާބުގެ ކޮމާންޑަރ ޗީފް ސްޕްރިންޑެންޓެންޓް އޮފް ޕޮލިސް އަޙްމަދު ޝާކިރު ޕީ.އެސް.އެމް ނިއުސްއަށް ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ތައްޔާރުވުމަށްޓަކައި ފުރަތަމަ ބުރުގެ ތަޖުރިބާއަށް ބެލުމަށްފަހު ބައެއްކަންކަމަށް ބަދަލުގެންނަވާފައިވާކަމަށެވެ. ޝާކިރު ވިދާޅުވީ މިހާރު ހުރިހާ ހިސާބެއްގައިވެސް ފުލުހުންގެ ޓީމްތައް ފޮނުވާފައިވާކަމަށާއި އެއްވެސް ކަހަލަ ހަމަނުޖެހުމެއް ހިނގައިފިނަމަ އެކަންކަމަށް އެޓެންޑުވުމަށް ކޮންމެ ރީޖަނެއްގައިވެސް ފުލުހުންގެ ޚާއްސަ ޓީމެއް ކަނޑައަޅާ ތައްޔާރުކޮށްފައިވާކަމަށެވެ.

ވޯޓުލާ ދުވަހު ކޮންމެކަމަކަށް ދިވެހި ފުލުހުންގެ ކޮމާންޑަރުންނާއި ޚިދުމަތުގައި ހިމެނޭ ހުރިހާ އެންމެން އެކަންކަމަށް އިޖާބަދީ ފުރިހަމައަށް އެޓެންޑް ވާނެކަމަށް ޝާކިރު ވިދާޅުވިއެވެ. ޝާކިރު ވިދާޅުވީ، އިންތިޚާބުގެ ފުރަތަމަ ބުރާ ޚިލާފަށް ދެވަނަ ބުރުގައި މާލޭގައި ހެވީލޯޑް ވެހިކަލްތައް ދުއްވުން މަނާ ވަގުތުތަކުގައި ވެހިކަލް ނުދުއްވުމަށް އިލްތިމާސްކުރައްވާފައެވެ.

"ވޯޓުލުން ކުރިއަށްގެންދާއިރު، އެދުވަހަކީ ކާރޫބާރު ބޮޑުދުވަހެއްކަމުން އަމިއްލަ ސަލާމަތާ ރައްކާތެރިކަމަށާއި އެހެން މީހުންގެ ސަލާމަތާއި ރައްކާތެރިވުމަށްވެސް ބަލަންވާނެ. ދެވަނަ ބުރުގައި ވޯޓުލާ ވަގުތުތަކުގައާއި އެހެނިހެން ވަގުތުތަކުގައިވެސް އަމާންކަމާ ސަލާމަތައް ބުރުއަރާފާނެ އެއްވެސް އަމަލެއް އަދި ހިތްވަރުދޭނެ އަމަލެއްވެސް ނުކުރުމަށް އިލްތިމާސްކުރަން." ރިޔާސީ އިންތިޚާބުގެ ކޮމާންޑަރ ޗީފް ސްޕްރިންޑެންޓެންޓް އޮފް ޕޮލިސް އަޙްމަދު ޝާކިރު ވިދާޅުވިއެވެ.

ޝާކިރު ވިދާޅުވީ، ވޯޓުލަން ފަށާ ހިސާބުން ފެށިގެން ވޯޓުގެ ނަތީޖާ އިޢުލާންކޮށް އަދި އޭގެ ފަހުންވެސް ދިމާވެދާނެ ހާދިސާތަކަށް ފުލުހުން ތައްޔާރަށް އޮތްކަމަށާއި ފުރަތަމަ ބުރެކޭ އެއްފަދައިން ދެވަނަ ބުރުގައިވެސް އެލއަރޓް ލެވެލް އެންމެ މަތިކޮށްފައިވާކަމަށެވެ.

ޝާކިރު ވަނީ ރިޔާސީ އިންތިޚާބުގެ ހުރިހާ ކަންކަމެއް ސުލްޙަވެރިކަމާއި، އަމާންކަމާއި ރައްކާތެރިކަމާއެކު ކުރިއަށް ގެންދިއުމަށް ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ. އަދި ވޯޓުލުމަށް ދާއިރު ކޮންމެހެން ގެންދަން ޖެހޭ އެއްޗެހި ގެންދިޔުމަށްވެސް ފުލުހުން އިލްތިމާސްކުރައްވައެވެ.

ފުލުހުން ވަނީ ކަނޑައެޅިފައިވާ ތަރުތީބުން ވޯޓުލުމުގެ ކަންކަން ކުރިއަށްގެންދިޔުމަށާއި، ވޯޓުލުމަށްފަހު އެ ސަރަޙައްދުގައި މަޑު ނުކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި އިންތިޚާބުގެ ނަތީޖާ ލިބެންދެން ކެތްތެރިކަމާއެކު އަމަލުތައް ބެހެއްޓުމަށާއި، ވޯޓުލާ މީހުންނާއި ކެންޑިޑޭޓުންގެ ހައްޤަށް ހުރުމަތްތެރިކޮށް ހިތުމަށް އިލްތިމާސްކުރައްވާފައެވެ.