ޚަބަރު

ވޯޓުލީކަމުގެ ފާހަގަ މިފަހަރު ޖަހާނީ ވައަތު ކަށި އިނގިލީގައި


  • ކައިރި ކައިރި އިންތިޚާބެއް ބާއްވާނަމަ، ފާހަގަ ޖަހާ އިނގިލި ބަދަލު ކުރަން ޖެހޭނެ

  • ފުރަތަމަ ބުރުގައި ފާހަގަ ޖެހީ ވައަތު ޝަހާދަތް އިނގިލީގަ

  • ފާހަގަ ޖަހަނީ ގިނަ ދުވަހު ކުލަ ހުންނަ ދެލި ނުފިލާ މާކަރަކުން

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލީ ކަން އަންގައިދޭ ފާހަގަ ޖަހާނީ ވައަތުގެ ކަށި އިނގިލީގައިކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި ފާހަގަ ޖަހާފައިވަނީ ވައަތުގެ ޝަހާދަތް އިނގިލީގައެވެ.


އިންތިޚާބާއި ބެހޭ ޤަވާއިދު ބަޔާންކުރާ ގޮތުގައި، ގާތްގާތުގައި އިންތިޚާބު ބާއްވާނަމަ، ކުރީ އިންތިޚާބުގައި ފާހަގަ ޖެހި އިނގިލި ފިޔަވައި، ފާހަގަޖެހުމަށް އެހެން އިނގިއްޔެއް ކަނޑައަޅަންޖެހެއެވެ. އިންތިޚާބުގައި ފާހަގަ ޖެހުމަށް ބޭނުންކުރަނީ ގިނަ ދުވަހަށް ދެލި ނުފިލާ މާކަރެވެ.

އިލެކްޝަންސް ކޮމިޝަންގެ ސެކެޓްރީ ޖެނެރަލް ޙަސަން ޒަކަރިއްޔާ ވިދާޅުވީ، އިންތިޚާބުގެ ޤަވާޢިދުގައިވެސް އޮންނަ ގޮތުގެ މަތިން، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ފާހަގަ ޖަހާ އިނގިލި ބަދަލުކޮށް، އެކޮމިޝަނުން ނިންމަވާފައިވަނީ ވައަތުގެ ކަށި އިނގިލީގައި ފާހަގަޖެހުމަށް ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އޮންނާނީ، އަންނަ ހޮނިހިރު ދުވަހުއެވެ. އިންތީާބުގެ ވޯޓުލުން ކުރިއަށްދާނީއ ެދުވަހު ހެނދުނު 08:00 އިން ހަވީރު 05:00އާއި ހަމައަށެވެ. މި އިންތިޚަބުގައި ވޯޓުލުމުގެ ހައްގު 282،804 މީހަކަށް ލިބިގެންވެއެވެ. އަދި މުޅިން އަލަށް 409 މީހަކަށް މި އިންތިޚާބުގައި ވޯޓު ލެވެއެވެ.

އިލެކްޝަންސް ކޮމިޝަނުން އަންނަނީ އިންތިޚާބަށް ވާންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކުރައްވަމުންނެވެ. އެގޮތުން އިންތިޚާބަށް ބޭނުންވާ ވޯޓު ކަރުދާހާއި، ސާމާނު، އަތޮޅުތެރެއަށް ފޮނުވުމުގެ މަސައްކަތް އެ ކޮމިޝަނުން ވަނީ ފަށްޓަވާފައެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާނީ، ފުރަތަމަ ބުރުން އެންމެ މަތީ ނަތީޖާއެއް ހޯއްދެވި ދެ ކެންޑިޑޭޓުން ކަމަށްވާ، ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒާއި، އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙެވެ.