ޚަބަރު

ސިޓީގެ ދަރަޖަ ތިނަދޫއަށް ދޭނީ ސިޓީއެއްގައި ލިބެން ހުންނަ ޚިދުމަތްތައް ފުރިހަމަކުރުމަށްފަހު


  • ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވީ ރައީސުލްޖުމްޙޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިޙް

  • ތިނަދޫ ސިޓީއަކަށް ހެދީ މިދިޔަ މަހުގެ 30 ވަނަ ދުވަހު

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވާނީ ތަރައްޤީގެގޮތުން ފެންވަރު ރަނގަޅު ޚިދުމަތްތަކާއެކުގައި ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ތިނަދޫ ސިޓީއަކަށް ހައްދަވަން ނިންމަވާފައިވާނީ ސިޓީއަކުން ލިބޭނެ ހުރިހާ ޚިދުމަތެއް ޤާއިމްކޮށްދެއްވުމަށްފަހު ޤާނޫނީ ހަމަތަކާ އެއްގޮތައްކަމަށެވެ. އެގޮތުން ނުހެދިހުރި ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ހިއްކާފައި އޮތް ބިމުގެ ލޭންޑްޔޫޒް ޕްލޭން ހަދައި ހުރިހާ އިންފްރާސްޓްރަކްޗަރއެއް ޤާއިމްކޮށް ކާޑެއްދޫ އެއަރޕޯޓަކީ ފުރިހަމައަށް ތަރައްޤީ ކުރެވިފައިވާ އިންޓަރނޭޝަނަލް އެއަރޕޯރޓަކަށް ހަދައި، ކާޑެއްދޫ އާއި ތިނަދޫ ބްރިޖަކުން ގުޅާލުމަކީވެސް ތިނަދޫ ސިޓީގެ ދަރަޖަދެއްވުމަށް ކުރައްވާނެ މަސައްކަތްތައްކަން ފާހަގަކުރެއްވިއެވެ.

"މިސިޓީއަކީ ޙަޤީގަތުގައިވެސް މިސިޓީގެ ރައްޔިތުން އަދި މިއަތޮޅުގެ ރައްޔިތުން ފަޚުރުވެރިވާފަދަ ތަނަކަށް ހަދައިދޭނަން، އެއީވެސް ޤާނޫނީ ހަމަތަކުގެ ތެރެއިން، އަދި ސިޓީއެއްގެ ފެންވަރަށް ތަރައްޤީގެނަސްގެން" ޑރ.މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ތިނަދޫ ސިޓީގައި މިހާރު ހުރި ހޮސްޕިޓަލަކީ މައިގަނޑު ހުރިހާ ޓްރީޓްމަންޓު ތަކެއްވެސް ދެވޭފެންވަރުގެ އަދި ނުކުޅެދުންތެރިކަން ހުންނަފަރާތްތަކަށް ބޭނުންވާ ޚާއްޞަ ޓްރީޓްމަންޓުތައްވެސް ދެވޭފެންވަރުގެ ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްޤީ ކުރައްވާނެ ކަމަށާއި، ޒުވާނުންނަށް ބޭނުންވާ ހުރިހާ ކުޅިވަރުތަކެއް ފެސިލިޓޭޓުކޮށްދެވޭނެ އިންތިޒާމުވެސް ތިނަދޫގައި ހަމަޖައްސަވާދެއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ތިނަދޫ ސިޓީގައި ޤައުމީ ޔުނިވަރސިޓީއާއި ގުޅިގެން ވޮކޭޝަނަލް ޓްރެއިނިންގ ސެންޓަރެއް ޤާއިމް ކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވައި އެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިޢުލާންކުރެއްވީ މިދިޔަ އޮގަސްޓްމަހުގެ 30ވަނަ ދުވަހުއެވެ. މުއިއްޒުވަނީ ތިނަދޫ ސިޓީއަކަށްވެފައިވާތީ އެކަމަށް މަރުހަބާ ވިދާޅުވެފައެވެ.

ތިނަދޫ ސިޓީއަކަށް ހައްދަވާނެކަމަށް ޑރ މުއިއްޒު ވަޢުދުވެވަޑައިގެންނެވީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ކެމްޕެއިންގައި ތިނަދޫއަށް ކުރެއްވި ދަތުރުފުޅުގައެވެ.