އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރަން ފަށްޓަވައިފިއެވެ.
މިގޮތުން އިންތިޚާބުގައި ވާދަކުރައްވާ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒުއާއި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ޞާލިހްގެ މަންދޫބުން އަންނަނީ ވޯޓާސް ލިސްޓުގައި ސޮއިކުރައްވަމުންނެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވާފައިވާ ގޮތުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިއަދު ހަވީރު 16:00 އާ ހަމައަށެވެ. ވޯޓާސް ލިސްޓުގައި ސޮއިކުރުން ކުރިއަށްދަނީ އިލެކްޝަންސް ކޮމިޝަނުގެ އިންތިޚާބާބެހޭ މަރުކަޒު ދަރުބާރުގޭގައެވެ.
ރިޔާސީ ކެންޑިޑޭޓުގެ ބަދަލުގައި ކެންޑިޑޭޓު ކަނޑައަޅާ ފަރާތްތަކަށް ސޮއިކުރެވެނީ ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީއަކާއެކުގައެވެ.
އިލެކްޝަންސް ކޮމިޝަނުން ޢާންމު ކުރައްވާފައިވާ ވޯޓާސް ލިސްޓުގައި، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު 282،804 މީހަކަށް ލިބިގެންވެއެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވަނީ 282،395 މީހަކަށެވެ. އެހެންކަމުން 409 މީހަކަށް ވަނީ އަލަށް ވޯޓު ލުމުގެ ހައްގު ލިބިފައެވެ..