ޚަބަރު

މެންބަރު ސިރާޖާއި ލ. އަތޮޅު ކައުންސިލްގެ ރައީސް ޕީޕީއެމްއަށް ސޮއިކުރައްވައިފި


  • ފޮނަދޫ ދާއިރާގެ މަޖްލިސް މެންބަރުކަން މޫސާ ސިރާޖް ކުރައްވާ މިއީ ފުރަތަމަ ދައުރު

  • އަތޮޅު ކައުންސިލުގެ ރައީސް އެމްޑީޕީ ދޫކޮށްލީ 16 އަހަރަށްފަހު

  • ލ. އަތޮޅުގައި އެމްޑީޕީގެ އިސްސަފުގައި މަސައްކަތް ކުރެއްވި ގިނަ ބަޔަކުވަނީ ޕީޕީއެމްއާ ގުޅިފައި

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ އެމްޑީޕީ ކުރީގެ މެންބަރު މޫސާ ސިރާޖާއި ލ. އަތޮޅު ކައުންސިލްގެ ރައީސް އިސްމާއިލް އަލީ ޕީޕީއެމްއާ ގުޅިވަޑައިގެންފިއެވެ.

މި ދެބޭފުޅުން ޕީ.ޕީ.އެމްއާއި ގުޅިވަޑައިގަތީ ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރުމަށް ޕީ.ޕީ.އެމް ޕީ.އެން.ސީ ކޯލިޝަނުން ރޭ ހަންދުމަތީ ފޮނަދޫގައި ބޭއްވި ޖަލްސާގައެވެ. މި ދެބޭފުޅުންގެ ފޯމާ ހަވާލުވެވަޑައިގަތީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒާއި ޕީއެންސީގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައިވެސް ތާއީދު ކުރެއްވީ ޕީ.އެން.ސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒަށެވެ. ސިރާޖް އެމް.ޑީ.ޕީން ވަކިވެވަޑައިގަތީ މިދިޔަ އޯގަސްޓްމަހުގެ 21 ވަނަ ދުވަހުއެވެ.

ފޮނަދޫގައި ބޭއްވި މި ޖަލްސާގައި އެ އަތޮޅު ކައުންސިލްގެ ރައީސް އިސްމާއިލް އަލީ ޕީޕީއެމްއާ ގުޅިވަޑައިގެންނެވުމަށްފަހު ވާހަކަދައްކަމުން ވިދާޅުވީ، އެމްޑީޕީ ދޫކޮށްލީ ސަރުކާރުން އެއަތޮޅުގެ ރަށްރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތައް އެކަށީގެންވާ ހަލުވިމިނެއްގައި ކުރިއަށް ނުދާކަމަށާ، ލ.އަތޮޅުގެ ތަރައްޤީއަށް ޑރ މުއިއްޒު ގެންގުޅުއްވާ ތަސައްވަރު ފެނި އޭގެ ސަބަބުން ރައްޔިތުންނަށާ އަތޮޅަށް ފައިދާ ކުރާނެކަމަށް ދެކެވަޑައިގަންނަވާތީކަމަށެވެ.

މި ޖަލްސާގައި ލ. އަތޮޅުގެ އެކިއެކި ރަށްތަކުން ގިނަ އަދަދެއްގެ ޒުވާނުން އެޕާޓީއާ ވަނީ ގުޅިފައެވެ.