ޚަބަރު

އިންތިޚާބުގެ ދެވަނަ ބުރަށް ޗާޕްކުރީ 285،631 ވޯޓު ކަރުދާސް


  • ފުރަތަމަ ބުރުގައި ޗާޕްކޮށްފައިވަނީ 285،219 ވޯޓު ކަރުދާސް

  • ދެވަނަ ބުރުގައި ވޯޓުލުމަށް އިތުރު 412 ވޮޓު ކަރުދާސް ޗާޕްކުރި

  • ވޯޓް ކަރުދާސްތައް ތަންތަންނަށް ފޮނުވަން ފަށާނީ މިމަހުގެ 27ވަނަ ދުވަހު

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ދެވަނަބުރުގައި ވޯޓުލުމަށްޓަކައި 285،631 ވޯޓު ކަރުދާސް ޗާޕްކޮށްފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށްޓަކައި ކޮންމެ މީހަކަށްވެސް ލިބޭނީ އެންމެ ވޯޓު ކަރުދާހެކެވެ. އަދި އެ ވޯޓު ކަރުދާހުގައި މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ 2 ކެންޑިޑޭޓުންގެ ނަން އޮންނާނެއެވެ.

ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ޙައްޤުލިބިފައިވަނީ 282،804 މީހަކަށެވެ. އަދި ދެވަނަ ބުރުގައި އިންތިޚާބުގައި އަލަށް 409 މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިގެންވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ވޯޓުލުމަށްޓަކައި 285،631 ވޯޓު ކަރުދާސް ޗާޕްކޮށްފައިވާކަމަށެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި ޗާޕްކޮށްފައިވަނީ 285،219 ވޯޓު ކަރުދާހެވެ. މިއީ 412 ވޯޓު ކަރުދާހުގެ އިތުރުވުމެކެވެ. އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ވޯޓުކަރުދާސްތައް ޕެކްކުރުމުގެ މަސައްކަތްވެސް ފަށްޓަވާފައެވެ.

ޤާނޫނުގައިވާގޮތުން ކޮންމެ ފޮއްޓަކަށް ފޮނުވާނީ، އެފޮއްޓަކަށް ވޯޓުލާ މީހުންގެ އަދަދަށްވުރެ 1 އިންސައްތަ ކަރުދާސް އިތުރުކޮށެވެ. އިލެކްޝަންސް ކޮމިޝަނުން ފޮށިތަކަށް ވޯޓްލާން ރަޖިސްޓްރީވެފައިވާ މީހުންގެ ލިސްޓާއި ވޯޓް ކަރުދާސްތައް މިމަހުގެ 27 ވަނަ ދުވަހު ރަށްރަށަށް ފޮނުވަން ފަށާނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ހާމަކުރެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާނީ ފުރަތަމަ ބުރުން ކުރި ހޯއްދެވި، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒާއި، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ޞާލިޙެވެ.