"ކެއަރ ފޮރ ޓައިނީ ހާޓްސް 2016" ގެ ނަމުގައި ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އިން އިންތިޒާމްކުރި ކޭމްޕް މިއަދު ފަށައިފިއެވެ.
މި ޕްރޮގްރާމްގައި ބަލި މީހުން ބެލުމުގައި ޙަރަކާތްތެރިވަނީ ދިވެހިން ގިނަ ޢަދަދަކަށް ހިތުގެ ފަރުވާހޯދާ އިންޑިއާގެ އަމްރިތާ ހޮސްޕިޓަލްގެ ޑޮކްޓަރުންނެވެ.
ޓައިނީ ހާޓްސްއިން ބުނާގޮތުގައި މި ކޭމްޕްގެ އަމާޒަކީ ހިތުގެ ބަލި ހުންނަ ކުދިންނަށް ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ބާރުއެޅުމެވެ.
ހަމަ އެއާއެކު ބޭސްފަރުވާ ހޯދުމަށް މިފަދަ ކުދިންގެ ޢާއިލާއިން ކުރަމުން އަންނަ ޚަރަދު ކުޑަކޮށް، ބޭސްފަރުވާއަށް ޤައުމުން ބޭރަށްދާ ދިއުމަށް ޙައްލެއް ގެނައުމެވެ. އެގޮތުން މިއަހަރުގެ ކޭމްޕްގައިވެސް 170 ކުދިންނަށް ފަރުވާދިނުމަށް ހަމަޖެހިފައިވާ ކަމަށް ޓައިނީ ހާޓްސްއިން ބުނެއެވެ.
މި ފަހަރުގެ ކޭމްޕުގައި ފަރުވާދިނުމުގައި، ޙަރަކާތްތެރިވަނީ ދިވެހިން އެންމެ ގިނަ ޢަދަދަކަށް ހިތުގެ ފަރުވާ ހޯދާ އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގެ ކުޑަކުދިންގެ ޚާއްޞަ ދެ ޑޮކްޓަރުންނާއި، ދިވެހި ޑޮކްޓަރުންނެވެ. މި ކޭޕްގައި ފަރުވާދެއްވާ އަމްރިތާ ހޮސްޕިޓަލުގެ ޑޮކްޓަރުން ފާހަގަކުރައްވާ ގޮތުގައި ކޭމްޕްގައި ޑޮކްޓަރަށް ދެއްކި ކުދިންނަށް ބަލާއިރު، ގިނައީ އުފެދުމުގައި ހުންނަ އައިބެއްގެ ސަބަބުން ހިތުގެ ބަލި ތަޙައްމަލް ކުރަމުންދާ ކުދިންނެވެ.
ކެއަރ ފޮރ ޓައިނީ ހާޓްސް 2016 ކުރިޔަށްގެންދަނީ އައި.ޖީއެމް އެޗާ ގުޅިގެންނެވެ. އަދި ޑޮކްޓަރަށް ދެއްކުމުގެ ކަންކަން ކުރިޔަށް ގެންދަނީ އައި.ޖީ.އެމް ހޮސްޕިޓަލްގެ ކުޑަކުދިންގެ ވޯޑްގައެވެ.
"ޓައިނީ ހާޓްސް އޮފް މޯލްޑިވްސް" އަކީ އުފެދުމުގައި ހިތުގެ މައްސަލަ ހުންނަ ކުދިންނަށް އެހީތެރިވުމާއެކު، ހިތުގެ ބަލިތަކަށް ޢާއްމުން ހޭލުންތެރިކުރުމުގެ މަޤްޞަދުގައި 2009 ވަނަ އަހަރު އުފެއްދި ޖަމްޢިއްޔާއެކެވެ. އެ ޖަމްޢިއްޔާއިން، ހިތުގެ ބަލިތައް ހުންނަ ކުދިންނަށް ޢަމާޒުކޮށްގެން ކޮންމެ އަހަރަކުވެސް، "ކެއަރ ފޯ ޓައިނީ ހާޓްސް" ގެ ނަމުގައި ހިތުގެ ބައްޔައް ފަރުވާދޭ ކޭމްޕެއް ބާއްވަމުންދެއެވެ.