ޚަބަރު

އޮބާމާ ކިއުބާއަށް ކުރައްވާ ތާރީޚީ ދަތުރުފުޅު


ކިޔުބާއަށް ކުރައްވާ ތާރީޚީ ދަތުރުފުޅެއްގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާ، ހަވާނާއަށް ވަޑައިގެންފިއެވެ. މިއީ ނަވާރަ ސަތޭކަ އަށާވީސް ވަނަ އަހަރު، އެމެރިކާގެ އޭރުގެ ރައީސް ކެލްވިން ކޮލްޑެޖް ކިޔުބާއަށް ޒިޔާރަތް ކުރެއްވި ފަހުން އެމެރިކާގެ ރައީސަކު ކިޔުބާއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

އެމެރިކާގެ ރިޔާސީ މަތިންދާބޯޓު އެއަރފޯސް ވަން، ހަވާނާގެ ޚޮސޭ މާޓީ ބައިނަލްއަގްވާމީ ވައިގެ ބަނދަރަށް ޖެއްސުމުގެ ކުރިން ރައީސް ބަރަކް އޮބާމާވަނީ ކިޔުބާގެ ހާލު ކިހިނެތްތޯ ސުވާލުކުރައްވައި ރިޔާސީ މަތިންދާބޯޓުގައި ހުންނަވައިގެން ޓްވީޓެއް ކުރައްވާފައެވެ. އޮބާމާގެ މިތާރީޚީ ދަތުރުފުޅުގައި އޮބާމާ ވަނީ ކިޔުބާގައި ހުންނަ އެމެރިކާގެ އެންބަސީއަށް ވަޑައިގެން އެތަނުގައި މަސައްކަތް ކުރައްވާ އެމެރިކާގެ ޑިޕްލޮމޭޓުންނާ އަދި މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ. މީގެއިތުރުން އޮބާމާވަނީ ވެރިރަށް ހަވާނާގެ ގަދީމީ މަގުތަކަށް އާއިލާއާއެކު ވަޑައިގެން އެމަގުތަކުގައި ހިންގަވައި އެތަންތަންވެސް ބައްލަވާލައްވާފައެވެ. އަދި މިއަދުގެ ވަގުތެއްގައި އޮބާމާ، ކިޔުބާގެ ރައީސް ރައޫލް ކާސްޓްރޯއާ ބައްދަލުކުރައްވައި ދެބޭފުޅުންގެ ރަސްމީ މަޝްވަރާތައް ކުރިޔަށް ގެންދެވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެއަށްފަހު ކިޔުބާގެ ދީނީ ލީޑަރެއްކަމަށްވާ ކާޑިނަލް ޚާއިމީ އޮރްޓީގާ އާ ބައްދަލުކުރެއްވުންވެސް އޮބާމާގެ ދަތުރުފުޅުގެ ޕްރޮގްރާމްގައި ހިމެނެއެވެ. ކާޑިނަލް ޚާއިމީ އޮރްޓީގާ އަކީ ކިޔުބާއާ ދެކޮޅަށް އެމެރިކާ ގެންގުޅުނު ހަރުކަށި އަދި އުދުވާނީ ސިޔާސަތުތައް ދޫކޮށް ކިޔުބާއާ ގާތްވުމަށް އެމެރިކާގެ ސިޔާސީ ފަރާތްތަކަށް މަގު ދައްކައި ދިނުމުގައި މެދުވެރިއެއްގެ ބައި އަދާކުރެއްވި އެންމެ އިސް ފަރާތެވެ. އަންގާރަ ދުވަހު އޮބާމާ ކިޔުބާއިން ފުރާވަޑައިގަތުމުގެ ކުރިން ޓީވީ މެދުވެރިކޮށް ކިޔުބާގެ ރައްޔިތުންނާ މުޚާތަބު ކުރައްވައި ޚިތާބެއް ދެއްވުމަށްވެސްވަނީ ހަމަޖެހިފައެވެ. ކިޔުބާއިން ފުރާވަޑައިގެން އޮބާމާ ދެންވަޑައިގަންނަވާނީ ދެކުނު އެމެރިކާގެ ގައުމެއްކަމަށްވާ އާޖެންޓީނާއަށެވެ. 

ކިޔުބާއާއި އެމެރިކާގެ ގުޅުންތައް ގޯސްވެ އެމެރިކާއިން ކިޔުބާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވަނީ ފިނި ހަނގުރާމައިގެ ތެރޭގައި ނަވާރަސަތޭކަ ފަސްދޮޅަސް ދެވަނަ އަހަރެވެ. ދަތިކުރުމުގެ ފިޔަވަޅުތަކަށް ބައިގަރުނު ވީއިރުވެސް އެފިޔަވަޅުތަކުން ހާސިލްކުރަން އެމެރިކާ ބޭނުންވި ސިޔާސީ އަދި ސްޓްރެޓީޖިކް އެއްވެސް މަގްސަދެއް ހާސިލް ކުރެވިފައެއް ނުވެއެވެ. އަދި ކިޔުބާގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް އެމެރިކާ ރޭވި ރޭވުންތައްވެސް އެއްވެސް ވަރަކަށް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އެމެރިކާގެ މި ނާކާމިޔާބީތަކާ ގުޅިގެން އޮބާމާގެ ދެވަނަ ދައުރުގައި އޭނާ ވަނީ ކިޔުބާއާ ދެކޮޅަށް އެމެރިކާ ގެންގުޅުނު ހަރުކަށި ސިޔާސަތުތައް ބަދަލުކުރައްވައި ކިޔުބާއާ ގާތްވުމުގެ އައު ސިޔާސަތުތަކެއް ގެންގުޅެން ފައްޓަވާފައެވެ. މިއާއެކު ދެހާސް ފަނަރަ ވަނަ އަހަރު އޮބާމާގެ ސަރުކާރުންވަނީ ކިޔުބާއާ ޑިޕްލޮމެޓިކް ގުޅުންތައް ގާއިމްކޮށްފައެވެ. އަދި އެއަށްފަހު އޮބާމާގެ ސަރުކާރުން ވަނީ ކިޔުބާއާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ޒަމާންވީ ފިޔަވަޅުތައް ލުއިކުރުމުގެ މަސައްކަތްތައްވެސް ފަށާފައެވެ. ނަމަވެސް ކޮންގްރެސްގެ ފުރިހަމަ އެއްބާރުލުން މިކަމަށް ނުލިބޭތީ މިކަން އަވަސްގޮތަކަށް ކުރުން އޮބާމާގެ ސަރުކާރަށް ވަނީ ދަތިކަމަކަށްވެފައެވެ.