ޚަބަރު

ސިފައިންނާއި ފުލުހުންގެ މުސާރަ ދެގުނައަށް ބޮޑުކޮށްދޭނަން: މުޢިއްޒު


  • މުޢިއްޒު ވިދާޅުވީ ސިފައިންނާ ފުލުހުންގެ މުސާރަ ދެ ގުނައަށް ބޮޑުކޮށްދޭނެކަމަށް

  • ސިފައިންނާ ފުލުހުންގެ ފްލެޓްތަކަށް ކުލި ދެއްކުމުގައި ލުއިފަސޭހަކޮށްދޭނެ ކަމަށްވެސް ވިދާޅުވި

ސިފައިންނާއި ފުލުހުންގެ މުސާރަ ދެގުނައަށް ބޮޑުކޮށްދެއްވާނެކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މުޢިއްޒު މިހެން ވިދާޅުވީ، އާޓިފިޝަލް ބީޗުގައި ބޭއްވި ކެމްޕެއިން ހަރަކާތް "މަވެސް ޕީޕީއެމް" ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ޑރ. މުޢިއްޒު ވިދާޅުވީ ޤައުމަކަށް އެންމެ މުހިންމީ ޤައުމެއްގެ މިނިވަންކަމާއި ހަމަޖެހުންކަމަށެވެ. ޤައުމުގެ މިނިވަންކަން ޙިމާޔަތްކޮށް ހަމަޖެހުން ޤާއިމުކުރުމަށް މަސައްކަތްކުރާ ދިވެހި ފުލުހުންނާއި ސިފައިންނަކީ ޤައުމުގެ ފަހުރުކަމަށެވެ.

މުޢިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމެއްގައި ފުލުހުންނާއި ސިފައިންގެ މުސާރަ، މިހާރު ލިބޭ މުސާރައިގެ ދެގުނައަށް ބޮޑުކޮށްދެއްވާނެކަމަށެވެ. މުޢިއްޒު ވިދާޅުވީ، މިއީ ކެމްޕެއިން ހަރަކާތެއްގައި ދަޢުލަތުގެ މުވައްސަސާއެއްގެ މުސާރަ ބޮޑުކުރުމުގެ ވާހަކަ ފާހަގަކުރެއްވި ފުރަތަމަ ފަހަރުކަމަށެވެ. މިކަމުންވެސް ދޭހަކޮށްދެނީ ފުލުހުންނާއި ސިފައިންގެ ޚިދުމަތުގެ މުހިންމުކަންކަމަށް މުޢިއްޒު ވިދާޅުވިއެވެ.

ޑރ. މުޢިއްޒު ވަނީ ސިފައިނާ ފުލުހުންގެ ފްލެޓްތަކުގެ ކުލި ދެއްކުމުގައި ލުއިފަސޭހަގޮތެއް ހަމަޖައްސައިދެއްވާނެކަމަށްވެސް ވިދާޅުވެއެވެ. އެގޮތުން އެއް އަހަރުގެ މުއްދަތައް، ކުލި ދެއްކުން ފަސްކޮށްދެއްވާނެކަމަށް މުޢިއްޒު ވިދާޅުވިއެވެ.

"ފްލެޓްތައް އެ ދެނީ ވަރަށް އަގު ބޮޑުކޮށް. އެކި ރޭންކުރަކަށް ނަގާ އަގު އެބަ ތަފާތުވޭ. މިކަމަށް ލުޔެއް ދިނުމަށް، ކުލި ދެއްކަން ފެށުން އެއް އަހަރު ފަސްކޮށްދޭނަން. އަދި ބަހާލައިގެން ދެއްކޭގޮތަށްވެސް ލުއިދޭނަން." މުޢިއްޒު ވިދާޅުވިއެވެ.

ޑރ. މުޢިއްޒު ވަނީ ހިޔާ ފްލެޓްތަކުގެ ކުލިވެސް މެއިންޓަނަނަސް ފީ ހިމެނޭހެން 5600 އަށް ކުޑަކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.

މީގެއިރުތުރުން ބޮޑުވަމުން އަންނަ ކުދިން ޤައުމިއްޔަތަށް ލޯބިޖެއްސުމުގެ ގޮތުން "ދިވެހި ޤައުމިއްޔަތު" ވަކި މާއްދާއެއްގެ ގޮތުގައި ސްކޫލްތަކުގައި ކިޔަވައިދޭގޮތަށް ބަދަލުގެންނަވާނެކަމަށްވެސް މުޢިއްޒު ވިދާޅުވިއެވެ.