ޚަބަރު

ދެވަނަ ބުރުގެ ރީ-ރަޖިސްޓްރޭޝަން މިމަހު 16-17ގައި


  • ރީ-ރަޖިސްޓްރީއަށް ދޭނީ ދެދުވަހުގެ މުއްދަތެއް

  • ފުރަތަމަ ބުރުގައި ވޯޓުލުމުގެ ހައްޤުލިބިފައިވަނީ 282،395 މީހުންނަށް

  • ފުރަތަމަ ބުރުގައި މުއިއްޒަށް %46.06 ވޯޓު، ރައީސަށް %39.05 ވޯޓު

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު މިމަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާއިރު، އިންތިޚާބުގައި ވޯޓުލުމަށް ރީރަޖިސްޓްރޭޝަނަށް ހުޅުވާލަން އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ހައްޤުލިބިފައިވަނީ 282،395 މީހުންނަށެވެ. އިންތިޚާބުގެ ދެވަނަ ބުރުގައި މިއަދަދަށް ބަދަލުތަކެއް އަންނާނެއެވެ. ބަދަލު އެންމެ ބޮޑަށް އަންނާނީ އަލަށް 18 އަހަރު ފުރޭ މީހުންނާއެކު ލިސްޓަށް ގެެނެވޭ ބަދަލުންނެވެ. އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުންދަނީ މިމަހުގެ 16 އަދި 17 ގައި ރީ ރަޖިސްޓްރޭޝަނަށް ހުޅުވާލުމަށެވެ. އެއަށްފަހު އިންތިޚާބުގެ ވޯޓުލާ މީހުންގެ ލިސްޓަށް ޝަކުވާއަށް ހުޅުވާލައި، ދާއިމީ ލިސްޓު ޢާންމު ކުރާނެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަނީ ފުރަތަމަ ބުރުން އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތައަށްވުރެ މަތިން ވޯޓުު ނުލިބުމުންނެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިޚާބުގެ ވަގުތީ ނަތީޖާ އިޢުލާންކުރައްވާފައެވެ. އިންތިޚާބުން އެންމެ ގިނަ ވޯޓު ހޯއްދެއްވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒެވެ. އެމަނިކުފާނު ވަނީ 101635 ވޯޓު ހޯދަވައި އިންތިޚާބުގެ %46.06 ހޯއްދަވާފައެވެ.

ޑރ.މުޢިއްޒާއި އެންމެ ކައިރިން ވާދަކުރައްވާފައިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ. ރައީސް ޞާލިޙްއަށް ލިބިވަޑައިގެންނެވީ 86161 ވޯޓެވެ. އެއީ ވޯޓު ލި މީހުންގެ ތެރެއިން %39.05 މީހުންގެ ވޯޓެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވާގޮތުގައި މިއަހަރަކީ އެންމެ މަދުން ވޯޓުލީ އިންތިޚާބެވެ. މިގޮތުން މިއަހަރުގެ އިންތިޚާބުގައި ވޯޓު ލާފައިވަނީ %79 މީހުންކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ.