ޚަބަރު

ރައީސް އިޢުލާންކުރެއްވީ އައްޑޫގެ ތަސައްވުރު މުޅިން ބަދަލުކޮށްލާނެ ގިނަ މަޝްރޫޢުތަކެއް


  • އައްޑޫގައި ފުރަތަމަ ބުރުގައި 1000 ފްލެޓް އަޅުއްވާނެކަމަށް

  • ޒުވާނުންނަށް ޚާއްސަކޮށްގެން ރޭސިން ޓްރެކެއް

  • ދަނާލްއެއް ޤައިމްކޮށް މަތީ ތާއުލީމްގެ ފުރުޞަތުތައް އިތުރުކޮށްދިނުން

އެމަނިކުފާނުގެ ޢަމާޒަކީ، ވަށާޖެހޭ ބަދަލަކުން އައްޑޫ ސިޓީގެ ހުރިހާ ރަށެއް ހިމެނޭހެން މުޅި އައްޑޫ ސޓީ އެއްކޮށް ތަރައްޤީކޮށް ނިންމެވުންކަމަށް، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރެއްވުމަށްޓަކައި އައްޑޫ ސިޓީއަށް ވަޑައިގެން ބޭއްވި "އުފާވެރި އައްޑޫ"ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ރައީސްގެ ވާހަކަފުޅު ފެއްޓެވީ ސަރުކާރުން މިދައުރުގައި އައްޑޫއަށް ގެނެސްދެމުންގެންދާ ތަރައްޤީގެ ވާހަކަފުޅުތައް ތަފްސީލްކޮށްދެއްވަމުންނެވެ. އެގޮތުން މިދައުރުގެ ތެރޭގައި އައްޑޫސިޓީގައި ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާ ރައީސް ވަނީ ދެވަނަ ދައުރުގައިވެސް އައްޑޫގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެކަމަށް ވަޢުދުވެވަޑައިގެންފައެވެ. ރައީސް ސިފަކުރެއްވި ގޮތުގައި މިހާރު ހިންގާ މަޝްރޫއުތަކާ އެކު އައްޑޫ ސިޓީއަށް އަންނަނީ މީންޒަމާނަކު ނާންނަވަރުގެ ތަރައްގީ އެކެވެ. އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުގެ ބިން ހިއްކުމުގެ ބިޔަ މަޝްރޫޢު ސަރުކާރުން ވަނީ މިހާރު ނިންމާލާފައެވެ. އަދި ހުރިހާ ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމާއި ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުންފަދަ ގިނަ މަޝްރޫޢުތަކެއް އަންނަނީ ހިންގަވަމުންނެވެ.

ރައީސް ވިދާޅުވީ ދެވަނަ ދައުރުގައި އައްޑޫސިޓީގެ ހުރިހާ މަގެއްގައި ތާރުއަޅުއްވާނެކަމަށާއި ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ކަށަވަރުކުރުމަށްޓަކައި ހައުސިން ޔުނިޓްތަކާއި ގޯތި އެޅުމަށް ފަސޭހައިން ލޯނު ލިބޭނެ އިންތިޒާމް ހަމަޖައްސަވާނެކަމަށެވެ. އަދި ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ފުރަތަމަ ބުރުގައި 1000 ފްލެޓް އަޅުއްވާނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

މީގެ އިތުރަށް އައްޑޫގައި މިހާރު ހިއްކާފައިވާ ބިންތަކުގައި ފެނާއި ނަރުދަމާގެ އިތުރުން، ހިއްކި ބިމުގެ މަގުތައްވެސް ޒަމާނީ ފެންވަރަށް ތަރައްޤީކުރައްވާނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި އައްޑޫގައި އިންޑަސްޓްރިއަލް ޒޯންގެ ގޮތުގައި ވަކި ސަރަޙައްދެއް ޤާއިމްކޮށް، ވެހިކަލް އެތެރެކުރާ ފަރާތްތަކަށް ބޭނުންވާ ވަޞީލަތްތައް ޤާއިމްކޮށް، ޓްރެއިނިން ދެވޭނެ އިންތިޒާމް ހަމަޖައްސަވާ، ރީ އެކްސްޕޯޓް ކުރެވޭނެ ގޮތްވެސް ހައްދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

"އެސްޓީއޯގެ މޯލްޑިވްސް ގޭސްއިން ވިއްކާ މުދާ އެއް އަގެއްގައި އައްޑޫގައި ފޯރުކޮށްދޭނެ ގޮތް ހަދާނެ. މާދަމާ އެސްޓީއޯއިން އޭގެ ބައެއް އަގުތައް އާއްމުކުރާނެ. ރޭސިން ޓްރެކެއް ގާއިމްކޮށްދޭނަން. އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް އަދި އިކުޓޯރިއަލް ހޮސްޕިޓަލް އިތުރު ވަސީލަތްތަކާއެކު ތަރައްގީކޮށްދޭނަން." އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އައްޑޫސިޓީގައި ހިމާޔަތްކޮށްފައިވާ ތަންތަނުގައި އިކޯ ޓުއަރިޒަމް ކުރިއަށް ގެންދަވާނެކަމަށާއި، ތިމާވެއްޓާއި މެރިން ސްޓަޑީޒްއަށް ޚާއްސަ ތަނެއް އައްޑޫގައި އަޅުއްވާނެކަމަށެވެ. އަދި ޑިސްއެބިލިޓީ މެނޭޖްމަންޓް އެންޑް ރިހިބިލިޓޭޝަން ސެންޓަރެއްގެ އިތުރައް ދަނާލެއް ޤައިމްކޮށް، މަތީ ތައުލީމްގެ ފުރުޞަތުތައްވެސް އިތުރުކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މި ޖަލްސާގައި ރައީސް ވަނީ އައްޑޫގެ ވަކިވަކި ރަށްތަކަށްވެސް ކޮށްދެއްވާނެ ކަންތައްތައްވެސް ހާމަކުރައްވާފައެވެ. ޚާއްސަގޮތެއްގައި ކުޅިވަރާ ގުޅުން ހުރިމަޝްރޫޢުތަކުގެ އިތުރުން، އެރަށްތަކަށް ބޭނުންވާ އެހެނިހެން ކަންތައްތައް ކޮށްދެއްވާނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.