ތަޢުލީމު

ވޭމަންޑޫ ސްކޫލްގެ މަލްޓިޕަރޕަސް ހޯލް ޢިމާރާތް ނިންމަން ބަޔަކާއި ހަވާލުކުރައްވައިފި


  • މި މަސައްކަތް ހަވާލުކުރައްވާފައިވަނީ ކިލޯމީޓަރ އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާ

  • މިމަސައްކަތް ހަވާލުކުރެއްވީ 118 ދުވަހުގެ ތެރޭގައި ނިންމާގޮތަށް

  • މި މަޝްރޫއުގެ އަގު 4.8 މިލިއަނަށް އަރާ

ވޭމަންޑޫ ސްކޫލްގެ މަލްޓިޕަރޕަސް ހޯލް ޢިމާރާތުގެ ނުނިމިހުރި މަސައްކަތް ނިންމުމަށް ބަޔަކާއި ހަވާލުކުރައްވައިފިއެވެ. މިމަސައްކަތް ހަވާލުކުރެއްވީ ކިލޯމީޓަރ އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއެވެ.

ވޭމަންޑޫ ސްކޫލްގެ މަލްޓިޕަރޕަސް ހޯލް ޢިމާރާތުގެ ނުނިމިހުރި މަސައްކަތް ނިންމުމަށް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ އިބްރާހިމް ނޫރައްދީނެވެ. ކިލޯމީޓަރ އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ އަލީ ޞާލިޙްއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވީ، މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކުރައްވާފައިވަނީ 118 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މިމަސައްކަތުގެ އަގު 4.8 މިލިއަނަށް އަރާކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ސަރުކާރުން ގެންދަވަނީ ރާއްޖޭގެ ތައުލީމީ ދާއިރާ ކުރިއެރުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ސްކޫލްތަކަށް ޖާގަ އިތުރު ކުރުމުގެ މަސައްކަތް ގެންދަވަނީ ކުރައްވަމުންނެވެ.