ޚަބަރު

ޖަލު އޮފިސަރުން ބޮޑީ ވޯރން ކެމެރާ ބޭނުން ކުރަން ފަށައިފި


  • އޮފިސަރުން އިތުރަށް ޒިންމާދާރުވެ، ޖަވާބުދާރީވުން އިތުރު ވެގެންދާނެ

  • ޖަލުތަކުގައި ދިމާވާ މައްސަލަތަކުގައި ތަހުގީގް ކުރަން ފަސޭހަ ވެގެންދާނެ

  • ޖަލުން އޮފިސަރުން ރަސްމީކޮށް ބޭނުންކުރަން ފެށީ 51 ކެމެރާ

ޖަލުތަކުގައި މަސައްކަތްކުރާ ޕްރިޒަން އޮފިސަރުންގެ ތެރެއިން ފްރަންޓްލައިންގައި ހަރަކާތްތެރިވާ އޮފިސަރުން ބޮޑީވޯރން ކެމެރާ ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ.

މިގޮތުން ޖަލުތެރޭގައި އީއެސްޖީ އޮފިސަރުން ހިންގާ އޮޕަރޭޝަންސްތަކުގައިވެސް ބޮޑީވޯރން ކެމެރާ ބޭނުންކުރާނެކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް، އެމްސީއެސްއިން ވިދާޅުވިއެވެ. ބޮޑީވޯރން ކެމެރާ މެދުވެރިކޮށް ޕްރިޒަން އޮފިސަރުން މިހާރަށްވުރެ ޒިންމާދާރުވެ، ޖަވާބުދާރީވުން އިތުރު ވެގެންދާނެކަމަށް އެ ސާރވިސްއިން ވިދާޅުވިއެވެ.

އަދި ޖަލުތެރޭގައި ދިމާވެދާނެ ހާދިސާއެއް ތަހުޤީޤުކުރަންޖެހޭ ޙާލަތުގައި، އެމްސީއެސްގެ އެތެރެއިންނާއި ބޭރުން ތަހުޤީޤުކުރާ ފަރާތްތަކަށް ވީޑީއޯ އަދި އޯޑިއޯ ރެކޯޑިންގ އޮތުމުން އެ މައްސަލަ ބެލުމަށް ފަސޭހަވެގެންދާނެއެވެ. މިއީ ޖަލުގައި ބަންދުކޮށްފައި ތިބޭ ފަރާތްތަކާއި ޕްރިޒަން އޮފިސަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މުހިންމު ދައުރެއް އަދާކުރާނެ ފިޔަވަޅެއްކަމަށް ކަރެކްޝަނަލް ސާރވިސްއިން ވިދާޅުވިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވީ ޤައިދީންނާ މުއާމަލާތު ކުރާ ހުރިހާ ވަގުތުތަކުގައި ވެސް ކެމެރާ ބޭނުން ކުރާނެ ކަމަށެވެ. ހައި ސެކިއުރިޓީ ދޭން ޖެހޭ ގައިދީން އެއްތަނުން އަނެއްތަނަށް އުފުލާއިރު ލައިވް ސްޓްރީމް ކުރުމަށްވެސް ބޭނުން ކުރާނެ ކަމަށް އެ ސާރވިސްއިން ވިދާޅުވިއެވެ. ޖަލުގައި 51 ބޮޑީ ވޯރން ކެމެރާ ބޭނުންކުރާނެއެވެ.

ފްރީ ޓްރަޔަލްއެއްގެ ގޮތުން ބޮޑީވޯރން ކެމެރާ ބޭނުންކުރަން ފަށާފައިވަނީ އެމެރިކާގެ އެކްސޮން ކުންފުނީގެ ދިވެހިރާއްޖޭގެ ޑިސްޓްރިބިއުޓަރ ޒެޓާ ޓެކްނޮލޮޖީސްއާއެކު 17 ފެބްރުވަރީ 2022 ގައި ވެވުނު އެއްބަސްވުމެއްގެ ދަށުނެވެ.