ޚަބަރު

ޤާސިމްގެ ގިނަ ވަޢުދުތަކެއް އައްޑުއަށް، އެންމެ ބޮޑު އިސްކަމެއް ފަތުރުވެރިކަން ފުޅާކުރުމަށް


  • އައްޑޫގައި ފަތުރުވެރިކަމަށް ހުރިބިންތަކުގައި ރިސޯޓްތައް ތަރައްޤީ ކުރާނެކަމަށް

  • އައްޑޫ ސިޓީގެ ރައްޔިތުންނަށް ފަތުރުވެރިކަމުގެ ނަފާ ނެރެދޭނެކަމަށް

  • ހަމަސްތެރޭގައި ހެރެތެރެއާއި ޝަންގްރިއްލާ އޮޕަރޭޝަނަށްގެންނަވާނެކަމަށް

އައްޑޫ ސިޓީގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާނެކަމަށާ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އެސަރަަހައްދުގެ ފަތުރުވެރިކަން ފުޅާކުރުމަށްކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް އައްޑޫސިޓީއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ހިތަދޫގައި ސަޕޯޓަރުންނާއެކު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ގާސިމް ވިދާޅުވީ މި ވޭތިވެދިޔަ ދިގު މާޒީގައިވެސް އައްޑޫ ސިޓީގެ ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރާ އަމިއްލަ ބައެއް ވިޔަފާރިވެރިން ގިނަ މަސައްކަތްތަކެއް ކުރިނަމަވެސް އެހުރިހާކަމެއްވެސް ފެއިލް ވެފައިވާކަމަށެވެ. އެކަންކަން ނުކުރެވިގެން އުޅެނީ ފަތުރުވެރިކަމުގެ ތަޖުރިބާ ނެތްބަޔަކަށް ފަތުރުވެރިކަމުގެ ކަންކަން ހަވާލުކުރާތީކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.

ނަމަވެސް ޖުމްހޫރީ ޕާޓިގެ ވެރިކަމެއްގައި އައްޑޫގައި ފަތުރުވެރިކަން ފުޅާކުރުމަށް ކުރައްވާނެކަމަށް ވިދާޅުވަމުން ޤާސިމް ވިދާޅުވީ އެންމެ މުހިންމު މަސައްކަތަކީ ބަންދުކޮށްފައި އޮތް ސަންގްރިއްލާ ރިސޯޓާއި ހެރެތެރެ ރިސޯޓު، ވެރިކަމާ ހަވާލުވެވަޑައިގަންނަވާތާ ހަމަސް ދުވަހުގެތެރޭގައި އޮޕަރޭޝަނަށް ގެންނާވާނެކަމަށެވެ. އަދި އައްޑޫބިންހިއްކުމުގެ މަޝްރޫއުގެ ދަށުން ހިއްކާ ބިންތަކުގެ ތެރެއިން ފަތުރުވެރިކަމަށް ޚާއްސަކޮށް ހިއްކާ ބިން ތަކުގައި ފަސްއަހަރު ތެރޭގައި ރިސޯޓް ތަރައްޤީކޮށް އައްޑޫ ސިޓީގެ ރައްޔިތުންނަށް ވަޒީފާ ފުރުސަތު ތަނަވަސްކޮށްދެއްވާނެކަމަށްވެސް ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ވެރިކަމެއްގައި ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި މާތްﷲ އިދާރަކުރެއްވިއްޔާ ޝަންގްރިއްލާ އާއި ހެރެތެރެ ހެދިގެންދާތަން ފެންނާނެ. އަދި އޭގެއިތުރަށް ފަސް އަހަރު ހަމަވެގެންދާއިރު، މެދުކެނޑުމެއް ނެތި ދުވާލަކު ތިން ހަތަރު އިންޓަނޭޝަނަލް ފްލައިޓް ޖައްސާތަން ތިބޭފުޅުންނަށް ފެންނާނެ." ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ، އިޤްތިޞާދީގޮތުން އައްޑޫ ސިޓީގެ ތަރައްޤީއަށް ރައްޔިތުން ބޭނުންވާ މަސައްކަތްތައް ކޮށްދެއްވާނެ ހަމައެކަނި ކެންޑިޑޭޓަކީ އެމަނިކުފާނުކަމަށެވެ.

އައްޑޫ ސިޓީގައި ބޭއްވި މި ޖަލްސާގައި ވާހަކަދައްވަމުން ޤާސިމް ވަނީ ސަރުކާރުގެ ސިޔާސަތުތަކަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.