ޚަބަރު

ހުރިހާ މައްސަލައެއްގެ ޙައްލަކީ ކޮރަޕްޝަން ނައްތާލުން: ޒަމީލް


  • ޒަމީލް ވަނީ ހުރިހާ ކަމެއްގައިވެސް ކޮރަޕްޝަން ހުރިކަމަށް ތުހުމަތުކުރައްވާފައި

  • އާސަންދައިން ކޮރަޕްޝަން ހިންގާކަމަށް ތުހުމަތުކުރެއްވި

ރާއްޖޭގައި ހުރި ހުރިހާ މައްސަލައެއްގެ ހައްލަކީވެސް ކޮރަޕްޝަން ނައްތާލުންކަމަށް ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރައްވާ ކެނޑިްޑޭޓް އަލްއުސްތާޛް ޙަސަން ޒަމީލް ވިދާޅުވެއްޖެއެވެ.

ޒަމީލް މިހެން ވިދާޅުވީ ރިޔާސީ އިންތިހާބައް ހާއްސަކޮއްގެން ޕީއެސްއެމާއި ސަންގު ޓީވީ ގުޅިގެން ކުރިއަށްގެންދިޔަ "ސަންގު ބަހުސް" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަމުންނެވެ. ޒަމީލް ވިދާޅުވީ، ސިއްޙީ ދާއިރާއާއި އެނޫންވެސް ދާއިރާތަކުން މި ގައުމުގައި ކޮރަޕްޝަން ނޫން އެއްޗެއް އޮތްކަމަށް ފެނިވަޑައި ނުގަންނަވާކަމަށާއި ކޮރަޕްޝަން ނައްތާލެވިއްޖެނަމަ ހުރިހާ މައްސަލައެއް ޙައްލުކުރެވޭނެކަމަށެވެ.

ޒަމީލް ވިދާޅުވީ މި ދައުރު ފެށުނީވެސް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ބޮޑު މައްސަލަ ބަލާނެކަމުގެ ވަޢުދާއެކުކަމަށާއި ނަމަވެސް ފަސް އަހަރު ނިމިގެން ދިޔައިރު އެކަމަށް ހައްލު ގެނެވިފައި ނުވާކަމަށެވެ. ލިބޭ އާމްދަނީއާ މުސާރައިގެ ފަރަގު ރައްޔިތުންގެ މެދުގައި ހުރިކަން ފާހަގަކުރައްވާ ޒަމީލް ވިދާޅުވީ އާސަންދައިގެ ތެރެއިން ހިނގާ ކޮރަޕްޝަންގެ ޢަމަލުތައްވެސް ހުއްޓުވަން ޖެހޭކަމަށެވެ.

"ލިބޭ އާމްދަނީގެ އިތުރުން މުދާ ގެންގުޅޭކަމުގައި ވާނަމަ އެއީ ކިހިނެއް ހޯދި އެއްޗެއްކަން ސަރުކާރުން އެބަޖެހޭ ބަލަން. އާސަންދަ އަކީވެސް ކޮރަޕްޝަން ހިނގާ ކަމެއްނަމަ އަޅުގަނޑުމެން ހިނގާ އެކަން ހުއްޓާލަން. މާލޭގަ އައިޖީއެމްއެޗްގެ އިތުރުން ބޮޑު ޕްރައިވެޓް ދެ ހޮސްޕިޓަލެއްވެސް އެބަހުރި ކީއްވެގެންތޯ އެތަންތަނައް އާސަންދައިން ހަރަދު ކުރަންވީ؟ އެހެންވީމާ ކޮރަޕްޝަން ނައްތާލީމާ ހުރިހާ ކަމެއް ރަނގަޅުވާނެ." ޒަމީލް ވިދާޅުވިއެވެ.

ޒަމީލް ވަނީ އޭނާގެ މެނިފެސްޓޯގައި ވެސް ކޮރަޕްޝަން ނައްތާލުމަށް ގިނަ ކަންތައްތަކެއް ހިމަނުއްވާފައިވާކަން ފާހަގަކުރައްވާ ދައުލަތް ހިންގުމުގެ ސިޔާސަތުގެ ދަށުން އަދުލު އިންސާފަ ގާއިމްކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެކަމަށެވެ.