ތުރުކީވިލާތް މެދުވެރިކޮށް ޔޫރަޕަށް ހިޖުރަކުރާ މީހުންގެ މައްސަލައަށް ހައްލެއް ހޯދުމަށް ޔޫރަޕިއަން ޔޫނިއަންގެ ލީޑަރުން ބައްދަލުވުމަކަށް ތައްޔާރުވެވަޑައިގެންފިއެވެ.
ތުރުކީވިލާތާއެކު ޔޫރަޕިއަން ޔޫނިއަނުން އެއްބަސްވުމަކަށް ދާން ތައްޔާރުވަމުންދާއިރު ޔޫރަޕިއަން ކައުންސިލްގެ ރައީސް ޑޮނާލްޑް ޓަސްކް ވަނީ އަދިވެސް އެއްބަސްވުމަކަށް ނާދެވޭ އެތައް ކަމެއް އެބަހުރިކަމަށް އެއްބަސް ވެވަޑައިގެންފައެވެ.
ތުރުކީވިލާތުގެ ބޮޑުވަޒީރު އަޙްމަދް ދާވުތުލޫ މި ސަމިޓުގައި ހުކުރު ދުވަހު ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.
އީޔޫ އިން ތުރުކީވިލާތާއެކު ހަދާ އެއްބަސްވުން ބުނާގޮތުން މިހާރު ތުރުކީވިލާތުން ގްރީސްއަށް ހިޖްރަ ކޮށްފައިވާ ހުރިހާ އެންމެން އަނބުރާ ތުރުކީވިލާތައް ފޮނުވާލެވޭނެއެވެ. އަދި އަލުން ތުރުކީވިލާތައް ފޮނުވާލެވޭ ކޮންމެ މީހަކަށް އެގައުމުގައި ތިބި ސީރިއާގެ ރެފިއުޖީންގެ ތެރެއިން މީހަކު ޔޫރަޕްގެ ގައުމެއްގައި ވަޒަންވެރިކޮށްދޭނެއެވެ .
ވޭތުވެދިޔަ އަހަރުގެ ތެރޭގައި އެތައް ލައްކަ މީހުންނެއް ވަނީ މެސެޑޯނިއާ ހުރަސްކޮށް ޔޫރަޕްއަށް އެތެރެ ވެފައެވެ. މީގެތެރެއިން ގިނަ މީހުންނަކީ ތުރުކީވިލާތާއި ޔޫރަޕް ގުޅޭ ނުރައްކާތެރި ކަނޑު ހުރަސްކޮށް އެހިސާބަށް ގޮސްފައިވާ ބައެކެވެ.
އީޔޫއިން ވަނީ ހިޖުރަކުރާ ފަރާތްތަކުގެ މައްސަލައިގައި ތުރުކީވިލާތުން އީޔޫ އާއި އެކު މައްސަކަތް ކުރަން ނިންމުމާއެކު ތުރުކީވިލާތުގެ ރައްޔިތުންނަށް ޔޫރަޕްގެ ގައުމުތަކަށް ވިސާ އާއި ނުލާ ދަތުރު ކުރުމުގެ ފުރުސަތު މިއަންނަ ޖޫން މަހުން ފެށިގެން ދޭނެ ކަމަށް ބުނެފައެވެ .
މީގެއިތުރުން އީޔޫއިން ވަނީ މިދިޔަ އަހަރު ތުރުކީވިލާތަށްދޭން ބުނި ފައިސާގެ އެހީގެ ކަންތައް އަވަސްކޮށްދީ ތުރުކީވިލާތަށް އީޔޫގެ މެމްބަރޝިޕް ދިނުމާބެހޭ ވާހަތައް އަލުން ފަށަން ތައްޔާރަށް އޮތްކަމަށް ބުނެފައެވެ.
އެހެންނަމަވެސް މިކަންތައްތަކަކީ ތުރުކީވިލާތުން ހިތްހަމަ ޖެހޭވަރުގެ ކަންތައްތަކެއް ނޫންކަމަށް މީޑިޔާ ރިޕޯޓް ތައްބުނެއެވެ .
ކުރިން ބުނެވުނު ކަންތައްތަކަކީ އެއްވެސް ހާލެއްގައި ޔަގީން ކަންތައްތަކެއް ނޫންކަމުގައި ރޮއިޓާރސްއިން ވަނީ ފާހަގަކޮށްފައެވެ. މިގޮތުން އީޔޫގެ މެމްބަރޝިޕްގެ ކަންތައްތަކާ އަލުން ވާހަކަތައް ފަށަން އެއްބަސް ވިނަމަވެސް ތުރުކީވިލާތައް މެމްބަރުކަން ލިބޭނެ ކަމުގައި އެއްވެސް ޔަގީންކަމެއް ނެތް ކަމަށް ރިޕޯޓްތައް ބުނެއެވެ . އަދި ތުރުކީވިލާތުގެ ރައްޔިތުންނަށް ޔޫރަޕްގައި ވިސާ އާއި ނުލާ ދަތުރު ކުރުމުގެ ފުރުސަތު ލިބިގެންދާނީ އީޔޫގެ ހަތްދިހަ އެތައް ޝަރުތަކަށް ތުރުކީވިލާތުން އެއްބަސް ވެއްޖެނަމަ ކަމަށް ވެސް ޚަބަރުތައްބުނެއެވެ.
ހަމަ މިއާއެކު ސީރިއާ ރެފިއުޖީންގެ މައްސަލައަށް ހައްލެއް ހޯދުމަށް އީޔޫއިން ތުރުކީވިލާތަށް ދޭން ބުނި ހަ ބިލިއަން ޔޫރޯ ލިބޭނެ ކަމުގެ އެއްވެސް ޔަޤީންކަމެއް އަދި ލިބިފައެއް ނުވެއެވެ. އީޔޫއިން ބުނަމުންދަނީ މިހުރިހާ ކަމަކަށްވެސް މަޝްވަރާ ކުރަން ތައްޔާރަށް އޮތްކަމަށެވެ.
މިހުރިހާ ކަމެއް މިހެން އޮތުމުން ހަބަރުފަތުރާ ފަރާތްތަކުން ބުނަމުންދަނީ ހިޖުރަކުރާ މީހުންގެ ކަންތަކުގައި އީޔޫ އާއި ތުރުކީވިލާތުން އެއްބަސްވުމަކަށް ދާން ފަސޭހަ ނުވާނެ ކަމަށެވެ.