އުތުރު ކޮރެއާއިން މިއަހަރުގެ ތެރޭގައި ކުރިޔަށް ގެންދަވާފައިވާ ނިއުކްލިއަރ ޓެސްޓްތަކާއި ސެޓަލައިޓް ލޯންޗްކުރުމުގެ މައްސަލައާ ގުޅިގެން އެޤައުމާމެދު އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ އަމުރުކުރައްވައިފިއެވެ.
މި އާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެމެރިކާގައި ހުރި އުތުރުކޮރެއާ ސަރުކާރަށް ނިސްބަތްވާ މުދަލާއި ފައިސާ ފްރީޒްކޮށްފައިވާއިރު، އެމެރިކާއިން އުތުރުކޮރެއާއަށް އެކްސްޕޯޓްކުރުމާއި އިންވެސްޓް ކުރުންވެސް ހުއްޓާލާނެއެވެ.
މިއަމުރުގެ ދަށުން އުތުރުކޮރެއާއި މުޢާމަލާތްތައް ހިންގާ އެހެން ޤައުމުތަކުގެ ފަރާތްތައް ބްލެކްލިސްޓް ކުރުމަށް އެމެރިކާއަށް ލިބިފައިވާ ބާރު އިތުރަށް ފުޅާވެގެން ދާނެއެވެ.
މިދިޔަ ޖެނުއަރީ މަހުގެ ހަވަނަ ދުވަހު އުތުރު ކޮރެއާއިން ކޮށްފައިވާ ނިއުކްލިއަރ ޓެސްޓްތަކާއި ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު ކުރި ސެޓަލައިޓް ލޯންޗްއަކީ އދ.ގެ ބައިނަލްއަޤްވާމީ މުއަހަދާއާއި ޚިލާފުވާ ޢަމަލެކެވެ.
އެމެރިކާއިން އުތުރުކޮރެއާއާ ދެކޮޅައް މިއަޅާ ފިޔަވަޅުތަކުގެ ތެރޭގައި އދ.ން އުތުރުކޮރެއާމެދު ދާދިފަހުން އަޅާފައިވާ ފިޔަވަޅުތަކުގައި އެކުލެވޭ ކަންތައްތައްވެސް ވަނީ ހިމަނާފައެވެ. އަދި އދ.ގެ އުތުރުކޮރެއާއަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ނުހިމެނޭ ބައެއް އިތުރު ފިޔަވަޅުތައްވެސް ހިމެނެއެވެ.
އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވީ މިފަހަރުގެ ފިޔަވަޅުތަކަކީ އުތުރުކޮރެއާގެ ރައްޔިތުންނަށް އަމާޒުކޮށްގެން އަޅާފައިވާ ފިޔަވަޅުތަކެއް ނޫންކަމަށާއި އެއީ އުތުރުކޮރެއާގެ ލީޑަރޝިޕްއަށް ނިސްބަތްކޮށް އަޅާފައިވާ ފިޔަވަޅުތަކެއްކަމަށެވެ.