ޚަބަރު

ތަޢުލީމީ ފެންވަރު ހިފެހެއްޓުމަށް އެމްކިއުއޭގެ މަސްޢޫލިއްޔަތު ބޮޑު: ޑރ.އިބްރާޙިމް ޙަސަން


  • މިއީ އެމްކިއުއޭގެ ފުރަތަމަ ކޮންފަރެންސް

  • މިކޮންފަރެންސްގެ ބޭނުމަކީ މަސައްކަތް ހަރުދަނާކުރުމަށް ބޭނުންވާ ޚިޔާލާއި މަޝްވަރާ ހޯދުން

  • ކޮންފަރެންސްގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުން ބައިވެރިވޭ

ސަނަދުގެ ފެންވަރު ކަށަވަރުކުރުމަށް ކުރާ މަސައްކަތަކީ، ޞައްހަ ނޫން ސަނަދުތައް ހޯދުން ހުއްޓުވުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާޙިމް ޙަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ކުރިއަށްގެންދާ "ކޮންފަރެންސް އޮން ކޮލިފިކޭޝަން ރިކޮގްނިޝަން" މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިއީ ކޮލިފިކޭޝަން އޮތީރިޓީގެ ދާއިރާއިން ރާއްޖޭގައި ބާއްވާ ފުރަތަމަ ކޮންފަރެންސެވެ. މިއީ ތަޢުލީމީ ފެންވަރު ކަނޑައެޅުމާއި، ކޯސްތައް ހިންގުމުގެ މިންގަނޑުތައް ވަޒަންކުރުމާއި، މިކަމާއި ގުޅިގެން ދުނިޔޭގެ އެހެން ޤައުމުތަކުގައި ހެދިފައި ހުރި އުސޫލުތައް ބަލައި މަޝްވަރާކޮށް، ރާއްޖޭގެ މިނިޒާމު ރަނގަޅުކުރަށް ކުރެވޭނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބާއްވާ ކޮންފަރެންސެކެވެ.

މި ކޮންފަރެސްގައި އެމްކިއުއޭ، ހަޔަރަ އެޑިއުކޭޝަން މިނިސްޓްރީ، އަދި ތަޢުލީމީ އެކި އިދާރާތަކާއި ކޮލެޖުތަކާއި ކަމާއިގުޅުންހުރި ބައިނަލްއަޤްވާމީ އިދާރާތަކުން ބައިވެރިވެއެވެ. މި ކޮންފަރެންސްގައި ކޮލިޓީ އެޝުއަރެންސްއާއި، ޞައްހަ ނޫން ސަނަދުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރާނެއެވެ.

މިކޮންފަރެންސް ފައްޓަވައިދެއްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާޙިމް ޙަސަން ވިދާޅުވީ އެމްކިއުއޭއަކީ ވަރަށް ބޮޑު މަސްޢޫލިއްޔަތެއް އުފުއްލަވާ އިދާރާއެއްކަމަށެވެ. ނަމަވެސް ކަމާގުޅުންހުރި ފަރާތްތަކުގެ ލަފަޔާއެކު، އަދިވެސް ރަނގަޅުކުރަންޖެހޭ ކަންކަން ހުރިކަމަށެވެ. މި ކޮންފަރެންސް ނިމިގެންދާއިރު މުހިންމު ކަންތައްތަކެއް ހާސިލްވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ބައެއް ފަރާތްތަކުގެ ނަޒަރުގައި މަތީ ތަޢުލީމަކީ ވިޔަފާރިއެއް. ނަމަވެސް މިކަންކަން ބަލާ، ކިޔަވައިދިނުމުގެ ފެންވަރު އެމްކިއުއޭއިން ކަށަވަރު ކުރޭ. މަތީ ތަޢުލީމުގެ ނިޒާމު ރަނގަޅުކުރެވޭނީ އެންމެން އެކުވެގެން." މިނިސްޓަރ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި އެމްކިއުއޭގެ ޑިރެކްޓަރ ޖެނެރަލް މަރިޔަމް ފިޒާނާ ރަޝީދު ވިދާޅުވީ، އެމްކިއުއޭގެ މަސައްކަތަކީ މަތީތަޢުލީމް ހާސިލްކުރާ ފަރާތްތަކުގެ ކުރިމަގާއި ގުޅިގައިވާ މަސައްކަތެއްކަމަށެވެ. އެހެންކަމުން ފެންވަރު ބެލުމުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތްތައް އަބަދުވެސް ކުރިއަށްގެންދާކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިވަނީ ބޭރު ފަރާތްތައްވެސް އެކްރެޑިޓްކޮށްދޭން ފަށާފައި. އެއީ ރާއްޖެއަށް ވަރަށް ގިނަ ބޭރު މީހުން ވަޒީފާއަށް އާދޭ. މިއީ ވިޔަފާރިތަކަށް މުހިންމު ޚިދުމަތަކަށްވޭ." ފިޒާނާ ވިދާޅުވިއެވެ.

މި ކޮންފަރެންސްގައި ރާއްޖެއިން ބޭރުގައި ބޭނުންކުރާ ބެސްޓް ޕްރެކްޓިސްތައް ޙިއްސާކުރާނެއެވެ.