ވިޔަފާރި

ދަނޑުވެރިންނަށް ބޭނުންވާ ގިނަ މައުލޫމާތާއިއެކު "ދަނޑުވެރިޔާ" ވެބްސައިޓް އިފްތިތާހްކޮށްފި


  • ވެބްސައިޓް އިފްތިތާހްކޮށްދެއްވީ އެގްރިކަލްޗަރ މިނިސްޓަރ

  • ދަނޑުވެރިންނަށް ބޭނުންވާ މުހިންމު މައުލޫމާތު ވެބްސައިޓުން އަވަސްކަމާއިއެކު ފޯރުކޮށްދޭނެ

  • ދަނޑުވެރިޔާއާއި މިނިސްޓްރީއަށް ފަސޭހައިން ވާހަކަދެއްކޭނެ

ދަނޑުވެރިންނަށް ބޭނުންވާ މުހިންމު ގިނަ މައުލޫމާތެއް އެއް ތަނަކުން ލިބޭނެ "ދަނޑުވެރިޔާ" ވެބްސައިޓް މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަން އިފްތިތާހްކޮށްދެއްވައިފިއެވެ. މި ވެބްސައިޓް އިފްތިތާހްކުރެއްވީ މިކަމަށްޓަކައި ށ. ގޮއިދޫގައި ބޭއްވި ހަފްލާއެއްގައެވެ.

މިވެބްސައިޓަކީ އދ.ގެ ކާބޯތަކެއްޗާއި ދަނޑުވެރިކަމާއި ބެހޭ ޖަމިއްޔާ އެފްއޭއޯއާއި މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިުކަލްޗަރ ގުޅިގެން އިފްތިތާހްކުރި ވެބްސައިޓެކެވެ.

މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ، މި ވެބް އެޕްލިކޭޝަނުން ދަނޑުވެރިކަމާއި ބެހޭ ގިނަ މައުލޫމާތުތަކެއް ފެންނަން ހުންނާނެކަމަށެވެ. އޭގެތެރޭގައި އެކި ވަތްތަރުގެ ގޮވާމުގެ ބާވަތްތަކާއި މޭވާއާއި ތަރުކާރީއާއި އަދި ދަނޑަށް ޖެހޭ ބަލިތަކާއި އެކަންކަން ހައްލުކުރާނެ ގޮތްފަދަ މައުލޫމާތު ލިބެން ހުންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި ވެބްސައިޓް އެއްކޮށް އަދި ފުރިހަމަ ނުވާކަމަށާއި ނަމަވެސް ކުރިއަށްއޮތް ތަނުގައި ދާނީ ވެބްސައިޓް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުންކަން މިނިސްޓަރ ވިދާޅުވިއެވެ.

"މިނިސްޓްރީން މަސައްކަތްކުރޭ އެބަ އިފާޑްގެ އެހީގައި މީގެ މޯބައިލް އެޕެއް ހަދަން. އެއިރުން މީގަ ހިމެނޭ މައުލޫމާތުގެ އިތުރަށް އެއްޗެތި މާކެޓްކުރެވޭނެ މައުލޫމާތުވެސް ހިމެނޭނެ". މިނިސްޓަރ ވިދާޅުވިއެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ، މިވެބްސައިޓްގެ މައިގަނޑު މަޤްސަދަކީ ދަނޑުވެރިކަމާއި ބެހޭ އެކިއެކި މައުލޫމާތު ދަނޑުވެރިންނަށް ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން ރާއްޖޭގައި އާންމުކޮށް ހައްދާ ދަނޑުވެރިކަމުގެ ބާވަތްތަކާއި އެތަކެތި ހައްދާނެ ގޮތާއި، ހައްދާނެ މޫސުމާއި، ބޭސް އަޅަންވީ ގޮތް އެނގިގެންދާނެކަމަށެވެ.

ރާއްޖޭގެ ރަށްތައް ބެހިފައިވާގޮތުން ތަމްރީން ހިންގުން ވަނީ ޚަރަދުބޮޑު ކަމަކަށެވެ. އެހެންކަމުން ދަނޑުވެރިންނަށް ބޭނުންވާ މުހިންމު މައުލޫމާތު ވެބްސައިޓުން އަވަސްކަމާއިއެކު ފޯރުކޮށްދެވޭނެ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ވެބްސައިޓް ޑިޒައިން ކުރުމުގައި އިސްކަން ދީފައިވާނީ ދަނޑުވެރިޔާއާއި މިނިސްޓްރީއަށް ފަސޭހައިން ވާހަކަދެކެވޭ ގޮތައް ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން ދަނޑުވެރިޔާގެ އެއްވެސް ސުވާލެއް އޮތްނަމަ މިނިސްޓްރީގެ މާހިރުންނާއި ވާހަކަދެކެވޭނެ ކަމަށް އެގްރިކަލްޗަރ މިނިސްޓްރީން ވިދާޅުވެއެވެ.